ހަބަރު

އެމްއެންއެސްއެލް އުވާލުމުގެ ކަންކަން ކުރަނީ ރަނގަޅަކަށް ނޫން: އޮޑިޓާ ޖެނެރަލް

ގާތްގަނޑަކަށް 70 މިލިއަން ޑޮލަރަށް ވުރެ ބޮޑު ގެއްލުމަކާ ކުރިމަތިވެގެން ބަގްރޫޓްވި، ގައުމީ ޝިޕިން ކުންފުނި، އެމްއެންއެސްއެލް އުވާލުމުގެ މަސައްކަތްތައް ކުރަމުން ދަނީ ގަވާއިދުތަކުގެ ބޭރުން ކަން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން މި ހަފްތާ އާންމުކޮށްފައިވާ، އެމްޕީއެލް އުވާލުމުގެ މަސައްކަތްތަކާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން ބަގްރޫޓްވެ، އުވާލަން ޖެހޭ ހިސާބަށް ދިޔައީ 2006 ވަނަ އަހަރުން ފެށިގެން އޮޕަރޭޝަންތައް 2012 ވަނަ އަހަރު ހުއްޓާލަން ޖެހެންދެން އެ ކުންފުންޏަށް ކުރި މަތިވި، 70.2 މިލިއަން ޑޮލަރުގެ ގެއްލުމާ ހުރެ ކުންފުނި އިތުރަށް ކުރިއަށް ނުގެންދެވި ދަރަނިތައް ބޮޑުވުމާ ގުޅިގެންނެވެ. އަދި ސިންގަޕޫރުގައި އެ ކުންފުނީގެ އެސެޓްތަކުގެ ގޮތުގައި ހުރި ދެ ފްލެޓެއް ވިއްކާލައިގެން ދަރަނި އަދާކުރުމަށް ކުރެވުނު މަސައްކަތާއި ފިނޭންސުން ދައްކައިދިން ދަރަނިތަކާ އެކު ވެސް އެ ކުންފުނީގެ ދަރަނީގެ ގޮތުގައި އަދިވެސް 11.2 މިލިއަން ޑޮލަރު ނުދައްކާ ހުރި ކަމަށް އޮޑިޓްގައިވެ އެވެ.

އެ ހުރިހާ މައްސަލަތަކާ ހުރެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން އަންގައިގެން 2012 ވަނަ އަހަރުގެ ތެރޭގައި އެ ކުންފުނި އުވާލުމަށް ބޯޑް ރިޒޮލިއުޝަނެއް ފާސްކުރި ނަމަވެސް، އެ ލިޔުމުގެ އަސްލެއް ނެތް ކަމަށް ރިޕޯޓްގައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުގައި ސަރުކާރުގެ ކުންފުންޏެއް އުވާލެވޭނީ ރައީސްގެ ގަރާރަކުން އެގޮތަށް ކަނޑައަޅައި އެ ގަރާރުން ކަނޑައަޅާފައިވާ އުސޫލުތަކެއްގެ ދަށުން ކަމަށް ވީ ނަމަވެސް އެފަދަ ގަރާރެއް މިހާތަނަށް ރައީސް ނެރުއްވާފައެއް ނެތެވެ. އެހެން ނަމަވެސް ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލައި ކުންފުނި އުވާލުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް އޮޑިޓްގައިވެ އެވެ. އެހެން ނަމަވެސް އެއީ ކުންފުނީގެ ހިންގާ ގަވާއިދުން ޖާގަ ދޭ ކަމެއް ނޫނެވެ.

ކުންފުންޏެއް އުވާލުމުގެ ކަންކަން ކުރަން ޖެހޭނީ ލިކިއުޓޭޑަރެއް ހަމަޖައްސައިގެން ކަމަށް ބުނި ނަމަވެސް، އެކަން ކުރުމަށް އެފަދަ ފަރާތެއް އައްޔަން ކޮށްފައި ނެތް ކަމަށް ވެސް ރިޕޯޓްގައިވެ އެވެ. ނަމަވެސް ކުންފުންޏެއް އުވާލުމުގެ ކަންކަން ލިކިއުޑޭޓަރެއް ހަމަނުޖައްސައި ކުންފުނީގައި ތިބި މުވައްޒަފުންނަށް ނުކުރެވޭނެ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އޮޑިޓާ ޖެނެރަލް ލަފާދެއްވާފައި ވަނީ އެމްއެންއެސްއެލް އުވާލުމުގެ ކަންކަން ވީހާ ވެސް ދެފުށްފެންނަ ގޮތަކަށް ކުރުމަށް ޓަކައި ރައީސްގެ ގަރާރަކުން އެގޮތަށް ކަނޑައަޅައި ލިކުއިޑޭޓަރެއް ހަމަޖައްސައިގެން އެ ކަންތައްތައް ކުރުމަށެވެ.