އެންމެ ފުރަތަމަ، މިއީ ސުންނަތެއްކަން ހަނދާން ބަހައްޓައްޗެވެ. އެއީ ރަސޫލާ ވެސް ރޯދަ ވީއްލެވުމަށް އަބަދުވެސް އެންމެ ފުރަތަމަ އިހްތިޔާރުކުރެއްވީ ކަދުރު ކަމުގައިވާތީ އެވެ.
ކަދުރު ލިބެން ނެތް ހާލަތުގައި އެކަލޭގެފާނު ރޯދަ ވީއްލެވުމަށް ބައްލަވައިގަތީ މޭބިސްކަދުރެވެ. ހިކި މޭބިސްކަދުރު ލިބެން ނެތް ހާލަތުގައި ހިއްޕެވީ ފެން ފޮދެކެވެ.
ރަސޫލާގެ މި ސުންނަތަށް އަދި އިރުޝާދަށް ތަބާވުމަށް މުސްލިމުން، އެމީހުންގެ ރޯދަ ވީއްލުމަށް އިހްތިޔާރުކުރާ ފުރަތަމަ ކެއުމަކަށް ކަދުރު ހަދާފައިވިޔަސް މިގޮތަށް އަމަލުކުރުމުން ހަށިގަނޑަށް ލިބޭ ފައިދާތަކުގެ ވާހަކައެއް އެންމެކުރިއަކުން ނޭނގެ އެވެ. ނަމަވެސް ރަސޫލާގެ ހަދީސްފުޅުތަކުންނާއި ކީރިތި ގުރުއާނުން ވެސް އެނގެން އޮތް ހަގީގަތަކީ، ކަދުރަކީ ފަރުވާއެއް ކަމެވެ.
އެހެންވީމަ ކަދުރުން ރޯދަ ވީއްލުމުގެ ފައިދާތަކަކީ ކޮބައި ހެއްޔެވެ؟
ކަދުރަކީ ހަޖަމުކުރަން ނިކަން ފަސޭހަ އެއްޗެކެވެ. އެހެންވީމަ ބޮޑު ބަތް އެއްޗަކަށް ކުކުޅު ރިހަ އާއި ކުކުޅު މަސް މޮޑެގެން ދެން ވެސް ތައްޔާރުކޮށްފައި ހުންނަ އެއްޗިއްސާއެކު ވަގުތުން ކާން ފަށާ މީހާ އަށް ހަޖަމުކުރުމުގެ މައްސަލަތަކެއް ދިމާވެ ފަސޭހައިން ވަރުބަލިވާގޮތް މެދުވެރިވިޔަސް ކަދުރުން ރޯދަ ވީއްލާ މީހާ އަށް މި ވަރުބަލިކަމެއް ނުޖެހޭނެ އެވެ.
މީގެ އިތުރުން ކަދުރުން ރޯދަ ވީއްލުމަކީ، ނިކަން ގަދަ އަށް ބަނޑުހައިވެފައި ހުންނަ މީހާ އަށް ހަމަޖެހުމެއް މެދުވެރިކޮށްދޭ ކަމެކެވެ. ބައެއް މީހުން ތިބޭނީ ހަމަ ބަންގި ނުގޮވައިގެންނެވެ. ބަންގި ގޮވައި ނުނިމެނީސް ބައެއް މީހުން އެމީހުންގެ ސުފުރާމަތި އެއްކޮށް ހުސްކޮށްލަ އެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު އެހާ ރަނގަޅު ކަމެއް ނޫނެވެ.
އެހެންވީމަ ރޯދަ އަށް ހުރުމުގެ ސަބަބުން މާ ގަދަ އަށް ހައިވެއްޖެ ނަމަ ރޯދަ ވީއްލުމަކަށް ކަދުރު ބޭނުންކުރުން ބުއްދިވެރިއެވެ. އޭގެ ސަބަބުން ވަގުތުން ބަނޑުހައިކަން ފިލުވައިދޭނެ އެވެ. އަދި ކުއްލިއަކަށް އެއްފަހަރާ ގިނަ ކާއެއްޗެހިތަކެއް ކެއުމަށް ބޭނުންވާ ބޭނުން ވެސް ދުރުކޮށްދޭނެ އެވެ.
ކަދުރަކީ ވިޓަމިން އޭ އާއި ޕޮޓޭސިއަމް އަދި އަޔަން އާއި މެގްސީޒިއަމް ފަދަ އެތައް މުހިންމު ނިއުޓްރިއެންޓްސްއެއް އޭގައި ހިމެނޭ އެއްޗަކަށްވާއިރު ނުކައި ގިނައިރުތަކެއް ވުމަށް ފަހު ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމަކީ ހަކަތަ ލިއްބައިދީ ހަށިގަނޑުގެ ވަރުބަލިކަން ދުރުކޮށްދޭނެ ކަމެކެވެ. މީގައި ހިމެނޭ ހަކުރުގެ މާއްދާތަކަކީ ހަޖަމުގެ ނިޒާމަށް ވެސް ފަސޭހަ އެއްޗަކަށްވާއިރު ގަދަ އަށް ކާން ގަސްދުކުރާ މީހާ ވެސް ފުރަތަމަ ކަދުރުން ރޯދަ ވީއްލައިގެން ފަހުން ކެއުން ބުއްދިވެރިވާނެ ކަމަށް ފެނެ އެވެ.
ހަޖަމުގެ މައްސަލަތަކަށް ފަސޭހައެއްކަމުގައި ކަދުރު ފާހަގަކުރެވޭއިރު ބަނޑުހަރުވުމުގެ ސަބަބުން ދިމާވާ އެކި މައްސަލަތަކުން ވެސް ސަލާމަތްވުމަށް ކަދުރުގެ ބޭނުން ހިފިދާނެ އެވެ. ރޯދަ މަހަކީ ކެއުމުގެ ވަގުތުތައް އާންމު ދިރިއުޅުމާ ބަދަލުވުމުގެ ސަބަބުން ބައެއް މީހުންނަށް މައްސަލަތައް ވެސް ކުރިމަތިވާ މަހެކެވެ. އެހެންވީމަ އެފަދަ މައްސަލަތަކުން އަރައިގަތުމަށް ވެސް ކަދުރުގެ ފައިދާ ނެގިދާނެ އެވެ.
ރޯދަ އަށް ހުންނަ މީހާގެ ރޯދަ ވީއްލުމަށް ކަދުރު ބޭނުންކުރުމުން މިފަދަ އެތައް ފައިދާއެއް ލިބިގެންދާއިރު ކަދުރަކީ މާބަނޑު އަންހެނުންނަށާއި ތަފާތު އެކި ބަލިތަކަށް ވެސް ފަސޭހަ އާއި ފައިދާ އެކުލެވިގެންދާ އެއްޗެކެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން ބަލިވެ އިންނަ މީހާ ކަދުރު ކެއުމަކީ ފަސޭހަ ޑެލިވަރީއަކަށް މަގުފަހިކޮށްދޭ ކަމެކެވެ.
ސައިންސްވެރިންނަށް މިކަން އެނގުމުގެ މާ ކުރިން ގުރުއާނުގައި ވެސް މި ވާހަކަ އައިސްފައިވެ އެވެ. އެގޮތުން މަރިޔަމް ސޫރަތަކީ ކަދުރުގެ ވާހަކަ އަށް މަޝްހޫރު ސޫރަތެކެވެ.