ރިޕޯޓް

ރައްޔިތުންގެ އާދޭސް އިބޫއަށް: ގުޅިގެން، ހެޔޮވެރިކަމެއް ކޮށްދީ!

އާ ވެރިއަކު ގައުމުގެ ހިންގުމާ ހަވާލުވާ ދުވަހަކީ އެ ގައުމަކަށް އަންނާނެ އެންމެ ހާއްސަ އެއް ދުވަހެވެ. އެއީ ގައުމެއްގެ ތާރީހުން މުޅިން އާ ސަފުހާއެއްގެ ފެށުމެވެ. ރައްޔިތުންގެ އުންމީދުތައް އާ ދައުރަކަށް އެކީއެކަށް ތާޒާވެލައި އުންމީދުތައް މިއަދު އާކޮށްދޭނެ އެވެ. މި ދުވަހު ރައްޔިތުންގެ އުންމީދުތަކާއި ހިޔާލުތައް ހުރީ ކިހާ ހިސާބެއްގައި ހެއްޔެވެ؟

"އަހަރެމެން މިތިބީ އުންމީދެއްގައި، އެއީ އަބަދުވެސް ވެރިކަމަށް އަންނަ ބޭފުޅަކާ ދޭތެރޭގަ ވަރަށް ފޮނި އުންމީދުތަކެއް ކުރެވޭނީ. އިންސާފު ހޯދައިދޭނެ ކަމަށް. ކަންކަން ރަނގަޅު މަގުން ކޮށްދޭނެ ކަމަށް. އެހެންވީމަ އިބްރާހިމް މުހައްމަދު ސޯލިހަށް ކޯލިޝަންގެ ތެރެއިން މިކަން ވާނެ ކަމަށް އުންމީދުކުރަން،" އަމީނީ މަގުން ހިނގާފައި ދިޔަ އަންހެނަކު އޭނާގެ ހިޔާލު "އަވަސް" އާ ހިއްސާކޮށްލަމުން ބުނެލީ މިހެން އެވެ.

މިއަދު ހަވީރު 5:00 ގައި ގަލޮޅު ރަސްމީ ބޯޅަދަނޑުގައި އެތަކެއް ހާސް މީހުންގެ ކުރިމަތީގައި ކޯލިޝަންގެ ފަރާތުން ނިކުންނަވައިގެން އިންތިހާބުވެވަޑައިގެން ހުންނެވި ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމުގެ ހުވާކުރައްވާއިރު، މިއީ އެމަނިކުފާނަށް ބަރޯސާވެގެން ތިބި ތިންލައްކަ އެތައްހާސް ދިވެހިނެއްގެ އުންމީދަކަށް ވާނެ އެވެ. އެންމެން ވެސް ބޭނުންވަނީ އިންސާފާއި ހަމަހަމަކަމެވެ. އެއްހަމައެއްގައި ގެނެސްދޭ ތަރައްގީ އާއި ވަކި ކޮޅަކަށް ބުރަނުވެ، މިނިވަންކަމާއެކު ހިނގާ ޝަރުއީ ނިޒާމެކެވެ. ރައްކާތެރިކަމާއި ސުލްހަ މަަލަސްކަމުގައި އުޅެލެވޭނެ އަމާން މުޖުތަމައެކެވެ.

އެހެންކަމުން ކުރިއަށް މި ފެށޭ ވެރިކަމުގެ ކަންކަން ހިނގާނީ މި އުސޫލުން ކަމަށް ކުރެވޭ އުންމީދުތައް ބައިވަރެވެ. މީގެ ކުރިން ފެއިލްވީ ކޯލިޝަންގެ ނިޒާމުގެ ތެރެއިން ވެރިކަމަށް ވަޑައިގަންނަވާ ރައީސް އިބޫ އަށް މިކަން ވާނެތޯ އެވެ؟ ހަތަރު ލީޑަރުންގެ ނުފޫޒުން އެއްކިބާގައި ހުރެގެން އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ކުރެވޭނެތޯ އެވެ؟ ކޮރަޕްޝަނާއި ނުހައްގު އަނިޔާގެ މައްސަލަތައް ތަހުގީގު ކުރެވި އިންސާފު ހޯދައިދެވޭނެތޯ އެވެ؟ ބަދަލު ހިފުމުގެ ސަގާފަތް ދޫކޮށްލައި ހިތްތިރި ކަމާއި ވިސްނުންތެރިކަމާއެކު ގައުމު ހިންގިދާނެތޯ އެވެ؟ މިއީ ހުސް ސުވާލެވެ. މި ސުވާލުތަކަށް ރައްޔިތުން ދިނީ ކޮން ޖަވާބެއް ހެއްޔެވެ؟