ރޯދަ އަށް ހުރުމުގެ ހަގީގީ ބޭނުމަކީ އޭގެ ރޫހާނީ ފައިދާތަކެވެ. ނަމަވެސް ރޯދަވެރިޔާ އާއި މާތް ރަސްކަލާނގެއާ ދެމެދު އޮންނަ ގުޅުމުގެ އިތުރުން ރޯދަ މަހަކީ އިންސާނާގެ ސިއްހަތަށް ވެސް މުހިންމު މަހެކެވެ. ރޯދަ އަށް ހުންނަ މީހާ އަށް އެތައް ސަވާބެއް ލިބޭއިރު އޭނާ އަށް ލިބޭ ސިއްހީ ފައިދާތައް ވެސް ނުހަނު ގިނަ އެވެ.
ރަމަޟާން މަހަކީ ބަރަކާތްތެރިކަން ބޮޑުވެގެންވާ މައްސަރެކޭ ބުނަނީ މި ސަބަބާ ހެދި އެވެ. ހުރިހާ ގޮތަކުން ވެސް ބަރަކާތެރިވެގެންވާ މައްސަރެކެވެ.
އާދައިގެ މަސްތަކަކީ ރަމަޟާން މަހާ ހުރިހައި ގޮތަކުން ވެސް ތަފާތު މަސްމަހެވެ. ރޯދަ މަހު މި ދެންނެވި ހުރިހައި ގޮތަކުން ވެސް އަހަރެމެންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އާދެ އެވެ. އެގޮތުން މި ބަދަލުތަކަށް ބަލާއިރު މި ބަދަލު ސިފަވެގެން ދަނީ އަހަރުގެ އެހެން މަސް މަހުގެ ދިރިއުޅުމާ އެކު ހަޔާތަށް ވެރިވެފައި އޮންނަ ކަންނެތްކަމާއި ވަރުބަލިކަން ފޮޅާލާ ބަދަލެއްގެ ގޮތުގަ އެވެ.
ހަގީގަތުގައި ވެސް ރަމަޟާން މަހު ހިތަށް ލިއްބައިދޭ ފިނިކަން ބޮޑެވެ. ހިތްހަމަޖެހުން ބޮޑުވުމަކީ ސިއްހީ ގޮތުން ބަލާއިރު އެތައް ފައިދާއެއް ކުރާނެ ކަމެކެވެ.
މިސާލަކަށް އާދައިގެ މަސްމަހުގައި އާއިލާއާ އެކުގައި ވަގުތު ހޭދަކޮށް އެކުގައި ކައި މަޖާކޮށް ހެދެނީ ކިހާ ވަރަކަށް ހެއްޔެވެ؟ ޔަގީނަށް ވެސް ރޯދަ މަހުގެ ދުވަސްތަކުގައި އާއިލީ ގުޅުން އެހެން ހުރިހައި މަސްތަކަކަށް ވުރެ ބޮޑުވެގެންދެ އެވެ. މިއީ ނަފުސަށް ލިބިގެންދާނެ ވަރަށް ވެސް ބޮޑު ހިތްހަމަޖެހުމެއްކަން ޔަގީނެވެ.
ކޮލެސްޓްރޯލް ވަކި ހިސާބެއްގައި ކޮންޓްރޯލްކުރުމަކީ ދުޅަހެޔޮ ސިއްހަތަކަށް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ކެއުމުގެ އާދަތައް ހުންނަ ގޮތުން ކޮލެސްޓްރޯލް ލެވެލް އޮންނަނީ އަބަދުވެސް ހައްދުން ނެއްޓިފަ އެވެ. އެންމެ ޒުވާންކޮށް ގަދަފަދަކޮށް ހުންނަ ކުއްޖާގެ ވެސް ހާލަކީ މިއީ އެވެ.
އެހެންވީމަ ރޯދަ މަހު މި ލިބެނީ ކޮލެސްޓްރޯލް ވެސް މައިތިރިކުރުމަށް ރަނުގެ ފުރުސަތެކެވެ. ދިރާސާތަކުން އެނގިފައިވާ ގޮތުން ރޯދަށް ހުރުމުގެ ސަބަބުން ބޭޑް ކޮލެސްޓްރޯލް ލެވެލް އަށް ޕަސެންޓަށް ދަށްކޮށްދެ އެވެ. އަދި ރަނގަޅު އެޗްޑީއެލް ނުވަތަ ހަށިގަނޑަށް ގުޑް ކޮލެސްޓްރޯލްގެ ލެވެލް 14.3 ޕަސެންޓް މައްޗަށް ޖައްސާލަ ދެ އެވެ. މިއީ ހިތުގެ މައްސަލަތައް ހުންނަ މީހުންނަށް ސިއްހީ އެތައް ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ.
މިސާލަކަށް ދުންފަތުގެ އިސްތިއުމާލުކުރުމެވެ. ނުވަތަ އާދަޔާހިލާފަށް ގިނައިން ކޮފީ ބޮވުމެވެ. ދުފުމާއި ސުޕާރީކެއުމާއި ޖަންކް ފުޑަށް ވެސް ދެވިހިފާފައިވުމެވެ. މިއީ ހައްތަހާ ވެސް ހަށިގަނޑަށް ނުވަތަ ސިއްހަތަށް ގެއްލުންހުރި އާދަތަކެވެ.
ނަމަވެސް ރަމަޟާން މަހަކީ މި ހުރިހައި ނުބައި އާދަތަކެއް ދޫކޮށްލުމަށް ހުޅުވިގެންދާ ދޮރެކެވެ. ރަމަޟާން މަހަކީ ކެތްތެރިކަމުގެ ހިތްވަރު ފެނިގެންދާ މަހަކަށްވާއިރު މި ހިތްވަރު ލައި ސިގިރޭޓާއި ކޮފީ އާއި ސުޕާރީއާ ވެސް ދުރުވެގަނެވިދާނެ އެވެ.
ބޭނުން ނުވާ ސަރުބީގެ ސަބަބުން ހަށިގަނޑު ފަލަވެ ސިއްހީ މައްސަލަތައް ތަޖުރިބާކުރަން ޖެހިފައިވާ ފަރާތްތަކަށް ވެސް ރޯދަ މަހުގެ ބޭނުން އެތައް ގޮތަކަށް ހިފިދާނެ އެވެ. އެގޮތުން ލިބޭ ރޫހާނީ ފައިދާތަކުގެ އިތުރުން ހަށިގަނޑުން ސަރުބީ އެންދުމަށް ވެސް މިއީ ރަނުގެ ފުރުސަތެކެވެ.
ރޯދަ މަހަކީ ހަށިގަނޑަށް އިތުރުވާ ކެލޮރީސްތައް އާދަޔާހިލާފަށް މަދުކޮށްދޭ މަހެކެވެ. ބަރުދަން ލުއިކޮށް ޝޭޕް ރަނގަޅުކުރަން ހެޔޮ ނިޔަތެއްގައި މި ރޯދަ މަހު މަސައްކަތްކުރާ ކޮންމެ މީހަކަށް ވެސް ވެސް ކާމިޔާބު ލިބުމުގެ ފުރުސަތު ބޮޑެވެ. ކެއުން މަދުކުރަން އާދައިގެ މަސްމަހުގައި އުނދަގޫވިޔަސް ކެއުން ވަކި ގޮތަކަށް ކޮންޓްރޯލްކުރަން ރޯދަ މަހު ފަސޭހަވާނެ އެވެ.
އެހެންވީމަ ލިބޭ މި ރަނުގެ ފުރުސަތު ނަގާ ނުލާށެވެ.