ހަބަރު

ނަޝީދާއެކު އޮތީ ރަހުމަތްތެރިކަމުގެ ރަނގަޅު ގުޅުމެއް: މައުމޫން

ކުރީގެ ރައީސް މުހައްމަދު ނަޝީދާ އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި މިހާރު އޮތީ ރަހުމަތްތެރިކަން ކަމަށް ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މައުމޫން ވިދާޅުވީ، ދެބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ވަރަށް ރަނގަޅު ކަމަށާއި ދެބޭފުޅުން ވެސް ވަނީި މާޒީވި ކަންކަން ހަނދާން ނައްތާލައި އެކަކު އަނެކަކަށް މާފްކޮށްފައި ކަމަށެވެ.

"ވަރަށް ރަނގަޅު، ވަރަށް ރަނގަޅު، މިދެންނެވި ދެން ހިތްޕުޅަށް އަރައިވަޑައިގަންނަވާނެ އުނދަގޫ ކަމެކޭ މީ، އަޅުގަނޑުމެން ދެމީހުންނަކީ އަޅުގަނޑަށް ހީވަނީ ތަންކޮޅެއް ވިސްނުން ރަނގަޅު ދެމީހުންހެން، އަޅުގަނޑުމެން ވޭތުވެދިޔަ ތަނުގައި ދިޔަ ކަންތައް ވޭތުވެދިޔަ ތަންތަނަށް ދޫކޮށްލީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ރައީސް ނަޝީދާ އޮތް ގުޅުން ރަނގަޅުކޮށް ރަހުމަތްތެރިކަން އިތުރަށް ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދަކީ ވަރަށް ވިސްނުންފުޅު ރަނގަޅު ބޭފުޅެއް ކަމަށާއި ގައުމަށް ވަރަށް އިހުލާސްތެެރި ބޭފުޅެއް ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑާއި ރައީސް ނަޝީދާ ދިމާވާއިރު އޭރުގެ އެއްވެސް ވާހަކަ އެއް ނުދައްކަން، އެކަން އޮތީ ގޮސް ނިމިފަ، އަޅުގަނޑު އެކަކު އަނެއްކަކަށް މާފުކޮށްފިން، ރަހުމަތްތެރިކަން މިއޮތީ ރަނގަޅުކޮށްފަ، އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ނަޝީދަކީ ވަރަށް ބުއްދި ރަނގަޅު ބޭފުޅެއް، ވަރަށް ހަމަ ގައުމަށް އިހްލާސްތެރި ބޭފުޅެއް، އަޅުގަނޑުމެން ދެމީހުން ދޭތެރޭގައި އެއްވެސް މައްސަލައެއް ނުޖެހެ،" މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، ވޭތުވެދިޔަ ސަރުކާރުގެ އެއްވެސް މީހެއްގެ ކިބައިން ބަދަލު ހިފަން ބޭނުން ނުވާ ކަމަށާއި އެއީ އެހާ ރަނގަޅު ސިފައެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ކަންކަން ދޫކޮށްލުމަށްފަހު އާފެށުމަކުން ފަށަން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"މިހެން ދެންނެވިޔަސް ބޮޑެތި ޖަރީމާތައް ހިންގާފަ ތިބޭ ބޮޑެތި ހިޔާނާތްތައް ވެފައި ތިއްބެވި ބޭފުުޅުންނާއި މެދުގައި ގާނޫނީ ފިޔަވަޅު ނާޅާށެކޭ ނޫން، އެއެޅިދާނެ، އެއީ ގާނޫނީ ގޮތުން ކުރާ ކަމެއް، އެއީ ހަސަދަ ފިލުވާލުމަށް ކުރާ ކަމެއް ނޫން، އަޅުގަނޑު ބޭނުމެއްނޫން އެއްވެސް ބޭފުޅަކާ ދޭތެރޭ ޒާތީވެ ކަމެއް ކުރާކަށެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

ކޯލިޝަނާއި ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވީ، ކޯލިޝަނުން ވައްކި ނުވާނެ ކަމަށާއި އުންމީދަކީ އެފަދަ ސަބަބެއްވެސް ދިމާނުވުން ކަމަށެވެ. އަދި ވިދާޅުވީ، ޔަގީންކޮށް ގަބޫލު ކުރާ ކަމަކީ ހުރިހާ ލީޑަރުންގެ އިހްލާސްތެރިކަން ކަމަށާއި ހުރިހާ ބޭފުޅުންނަކީ ގައުމަށް ވަފާތެރި ވަރަށް އިހްލާސްތެރި ބޭފުޅުން ކަމަށެވެ. އަދި އެބޭފުޅުންގެ ފަރާތުން އެކަހަލަ ކަމެއް ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ކޯލިޝަން ދެމިއޮންނާނެ، އަޅުގަނޑުގެ ބޭނުމަކީ ކޯލިޝަން ރޫޅޭ ގޮތަށް އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުން، މަސްލަހަތު ގެއްލޭ އެއްވެސް ކަމެއް ނުކުރެއްވުން، އެއްވެސް ޕާޓީއަކުން މާގިނަ ކަންކަން ބޭނުންވެގެން މަސައްކަތް ނުކުރައްވާށޭ، އަޅުގަނޑުމެން ބޭނުންވާ ގޮތް ރައީސަށް ދެންނެވީމާ ރައީސް ހަމަޖައްސަވާގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެންވާނެ، އެއަށް އެއްޗެކޭ ވިދާޅުނުވެ މަޑުން ތިއްބަވައިފިނަމަ އިއްތިހާދު ދެމި އޮންނާނެ،" ރައީސް މައުމޫން ވިދާޅުވި އެވެ.