މީގެ 34 އަހަރު ކުރިން ނޮވެމްބަރު 3، 1985 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލައާ ގުޅޭ ގޮތުން އޭރުގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ތަފާތު ޓްވީޓެއް މިއަދު ކުރައްވައިފި އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލައާ ގުޅޭ ރަނގަޅު މައުލޫއީ ދިރާސާއެއް ހަދަންޖެހޭ ކަމަށެވެ. މައުލޫއީ ދިރާސާއެއް ހަދައި ކިޔަވާ ކުދިންގެ މުގައްރަރުގައި ހިމެނުމަށްވެސް ރައީސް މައުމޫނު ވަނީ ގޮވާލައްވާފަ އެވެ.
މައުމޫނު މިހެން ވިދާޅުވި އިރު ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން މިފަހަކަށް އައިސް ތަފާތު ވާހަކަތައް އެކި ބޭފުޅުން ދައްކަވަމުން ގެންދަވަ އެވެ. އަދި އެ ހާދިސާ ހިނގި ގޮތާ ގުޅޭ ގޮތުން ކުރިން ހިންގާފައިވާ ތަހުގީގުތަކާ މެދުވެސް މިފަހަކުން ބައެއް ބޭފުޅުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.
އެގޮތުން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ސިއްކަ އަހުމަދު އިސްމާއިލް މަނިކުގެ ދިފާއުގައި ނުކުންނަވާފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ ނޮވެމްބަރު ތިނެއްގެ ހަމަލާގައި ސިއްކަ އަހުމަދު އިސްމާއީލް މަނިކުގެ އަބުރަށް އަރައިގަތުން ބަލައި ނުގަނެވޭނެ ކަމަށެވެ.
"އޭނާއަށް އިންތިހާއަށް އަނިޔާކޮށް މަރުގެ ތުންފަތް މައްޗަށް ގެނެސް އޭނާ އަތުން ނެގި އިއުތިރާފު ބަޔާނަކީ ބޮޑު އޮޅުވާލުމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އުދުވާނީ ހަމަލާގައި ބައިވެރިވި ކަމުގެ ކުށަށް އިއުތިރާފުވުމުން ސިއްކަ އަހުމަދު 15 އަހަރަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. ހުކުމް ތަންފީޒުކޮށް ނުނިމެނީސް އޭނާއަށް މައާފް ދެއްވާ މިނިވަން ކުރެއްވެވީވެސް ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް އެވެ.
ސްރީލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް)ގެ މީހުންނާއި ގުޅިގެން ރާޢްޖޭގެ އިސްލާމީ ވެރިކަމާއި މިނިވަންކަމަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ކުރި ކުށްތަކުގެ މައުލޫމާތު ލިބިހުރެ އެކަން ސިއްރު ކުރުމުގެ ކުށް ސިއްކަ އަހުމަދުގެ މައްޗަށް ސާބިތުވާ ކަމަށް ހުކުމްކުރީ އޮގަސްޓް 12، 1989ގަ އެވެ.
ދިވެހިންގެ ބަޔަކާއި ބޭރުގެ ހަނގުރާމަވެރި ޖަމާއަތަކުން ނޮވެމްބަރު ތިނެއް، 1988 ވަނަ ދުވަހު ދިން އުދުވާނީ ހަމަލާގައި ދިވެހި ސިފައިންގެ އަށް ބޭކަލަކާއި އާންމުންގެ ތެރެއިން 11 މީހަކު ޝަހީދުވި އެވެ. މިހަމަލާގެ މޭސްތިރިޔާ ކަމަށް ބުނާ އަބްދުﷲ ލުތުފީ މިވަގުތު ވެސް ހުރީ ޖަލުގަ އެެވެ. އެކަމަށް ދެވަނައަށް އެންމެ އިސް ދައުރެއް އަދާކުރި ސަގަރު ނާސިރާއި މިހަމަލާ ރޭވުމާއި ހަމަލާދިނުމުގައި ބައިވެރިވި އެންމެން މިހާރު ވަނީ މިނިވަންވެފަ އެވެ.