ހަބަރު

އަލަށް އުފެއްދި މިނިސްޓްރީތަކަށް ވަގުތީ ޕާމަނަންޓް ސެކެރެޓަރީން ކަނޑައަޅައިފި

ސަރުކާރުން އަލަށް އުފައްދާފައިވާ މިނިސްޓްރީތަކަށް ޕާމަނަންޓް ސެކްރެޓަރީން ހަމަޖެއްސެންދެން ވަގުތީ ގޮތުން އެ ޒިންމާ އަދާކުރައްވާނެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.

ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީތަކުގެ ތެރެއިން މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ޑިރެކްޓަރު ޖެނެރަލްކަމުގައި ހުންނެވި ހައްވާ ނަޒްލާއާ އެވެ. އަދި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކޮށްފައިވަނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އިލްޔާސް އަހުމަދާ އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކޮށްފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ހަސަން ޝަރީފްއާ އެވެ. ނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަންގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާލުކޮށްފައި ވަނީ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް ހަސަންއާ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ޕާމަނަންޓް ސެކްރެޓްރީގެ ޒިންމާ ވަގުތީގޮތުން ހަވާކޮށްފައި ވަނީ ފާތިމަތު ޝާނާ ފާރޫގްއާ އެވެ. އެ ބޭފުޅުންނަށް މި ޒިންމާ ހަވާލުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވީ ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ރަސްމިއްޔާތެއްގައި ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީމެވެ.

އެ ރަސްމިއްޔާތުގައި ސީއެސްސީގެ ރައީސް، ޑރ. އަލީ ޝަމީމު ވަނީ މިނިސްޓްރީތަކުގައި މަސައްކަތްކުރާ އިރު، އެ މިނިސްޓްރީއެއްގެ ވަޒީރަކާއި ވީހާވެސް ގުޅިގެން ސިވިލް ސާވިސްގެ ގާނޫނުނާއި ގަވާއިދާއި ކަމާގުޅުންހުރި އެހެން ގާނޫނުތަކާއި ގަވާއިދުތަކާވެސް އެއްގޮތްވާގޮތުގެ މަތިން މަސައްކަތްކޮށްދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.