ހަބަރު

ކޮރަޕްޝަނުން ދުރުވެ ތިބުމަށް ވަޒީރުންނަށް ރައީސް އިލްތިމާސްކޮށްފި

ކޮރަޕްޝަންގެ މައްސަލަތަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ދުރުވެތިއްބެވުމަށް ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިލްތިމާސްކުރައްވައިފި އެވެ.

މިއަދު ބޭއްވި އާ ވަޒީރުންގެ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ރައީސް އެގޮތަށް އިލްތިމާސް ކުރައްވާފައިވަނީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ތަންފީޒުކުރުމަށް ނިންމަވާފައިވާ ކަންކަން ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމުން އެވެ.

އެބައްދަލުވުމުގައި މިސަރުކާރުން ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމާގުޅޭ މައުލޫމާތާއި ސަރުކާރުގެ އިދާރާތަކުގެ ހާލަތު ދެނެގަތުމަށް، ޓްރާންސިޝަން އޮފީހުން ކުރިއަށްގެންދިޔަ ރެޕިޑް އެސެސްމެންޓާ ބެހޭ މައުލޫމާތު ހިމެނޭ ކަރުދާހާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހު ވަނީ އެކަންކަން ކުރެއްވުމަށް ނިންމަވާފަ އެވެ.

މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ދައުލަތުގެ ވުޒާރާތަކާއި ކުންފުނިތަކުގެ އެންމެހާ ކަންތައްތައް ދެނެގަތުމަށްޓަކައި މިއަހަރުގެ ހިނގަމުންދާ ބަޖެޓާއި ކުރިއަށްއަންނަށް އޮތް ބަޖެޓްގެ ތަފްސީލާއި އިދާރާތަކުގެ މުވައްޒަފުން ތިބިގޮތުގެ ތަފްސީލާއި އިދާރާތަކަށް ހިނގާ ގަވާއިދާއި އުސޫލުތަކުގެ އިތުރުން މެނުއަލްތަކާގުޅޭ މައުލޫމާތު ހިއްސާ ކުރެއްވި އެވެ. އަދި ރޭވިފައިވާ މުހިންމު މަސައްކަތްތައް ނުވަތަ އިދާރާތަކުން ހިންގާ ގައުމީ މަޝްރޫއުތަކުގެ މައުލޫމާތާއި ކޮމިޓީތަކުން ހޯދި ހޯދުންތަކުގެ މައްޗަށް ބަލައި މައްސަލަ ހައްލުކުރުމަށް ހުށަހަޅާ ހުށަހެޅުންތަކާމެދުވެސް މިއަދުގެ ޖަލްސާގައި މަޝްވަރާ ކޮށްފައި ވެއެވެ.

ރައީސް ސޯލިހް ވަނީ، ސަރުކާރުގެ މަސައްކަތްތަކާއި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން ކަނޑައަޅާފައިވާ މަސައްކަތްތައް ވީއެންމެ ބާރުމިނެއްގައި ފުރިހަމަކޮށް ކުރިއަށްގެންދެވުމަށް ހުރިހާ ވަޒީރުންނަށް އިލްތިމާސްކުރައްވާފަ އެވެ.

ރައީސް ސޯލިހް އެގޮތަށް ވަޒީރުންނަށް އިލްތިމާސް ކުރައްވާފައިވާއިރު، ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް ސޯލިހް ވަނީ ކޮމިޝަނެއްވެސް އުފައްދަވާފަ އެވެ.