ކެބިނެޓް

ތަރިކައާއި ގުޅޭ ޔުނެސްކޯގެ މުއާހަދާއެއްގައި ބައިވެރިވުމަށް ނިންމައިފި

ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ޔުނެސްކޯގެ މުއާހަދާގައި ބައިވެރިވުމަށް ނިންމަވައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

ރައީސް ސޯލިހް މިގޮތަށް ނިންމެވީ ޔުނެސްކޯ އިން 1970 ވަނަ އަހަރު އެކުލަވާލި މި ކޮންވެންޝަންގައި ބައިވެރިވުމާ ގުޅޭގޮތުން ހެރިޓޭޖު މިނިސްޓްރީން ތައްޔާރުކޮށް ހުށަހެޅި ކަރުދާހަކަށް މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކޮށް ވަޒީރުން ދެއްވެވި ލަފާގެ މަތިންނެވެ.

ހެރިޓޭޖު މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެން ގައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށެވެ. އެގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެން ގޮސް ތާރީހް ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އެހެންކަމުން ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓްރީން ދެކެ އެވެ.

ރައީސް އޮފީހުން ބުނީ މި މުއާހަދާގައި 143 ގައުމުން ސޮއިކޮށްފައިވާއިރު ދިވެހިރާއްޖެ އިން މި މުއާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތް ތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ގާނޫނާ ހިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުއާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން ވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެގެންދާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ. އަދި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު އަދި މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތަކަށް އަމަލުކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށް މިކަން ވެގެންދާނެ ކަމުގައިވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.