ކެބިނެޓް

ގައުމީ ތަރިކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12

ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 12 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަނޑައަޅުއްވައިފި އެވެ.

މިގޮތަށް ކަނޑައެޅުއްވީ ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރުމާ ގުޅޭގޮތުން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހެރިޓޭޖު މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ލަފާފުޅުގެ މައްޗަށެވެ.

ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ދުވަހެއް ކަޑައެޅުމާއި ގުޅޭގޮތުން ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ މީގެކުރިން އާސާރީ ތަންތަނާއި ތަކެތި ރައްކާތެރިކޮށް ދަމަހައްޓަން ގައުމީ ފެންވަރެއްގައި އަދި ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރަމުން އައި މަސައްކަތްތަކަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ނެތުން ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރުގައި ސެޕްޓެމްބަރު 12، 2019ގައި ސަގާފީ ތަރިކަ ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ތަސްދީގުކުރެއްވުމުގެ ސަބަބުން ރާއްޖޭގެ ސަގާފީ ތަރިކައަށް ކުރިން ނުލިބި އޮތް ވަރަށް ބޮޑު ރައްކާތެރިކަމެއް ލިބިގެންގޮސްފައިވާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވީ ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ފާހަގަކުރާނަމަ ސެޕްޓެމްބަރު 12 ވަނަ ދުވަސް -- ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު ވުޖޫދަށް އައި ތާރިޚް، ދިވެހިރާއްޖޭގެ ގައުމީ ތަރިކަ ދުވަހުގެ ގޮތުގައި ކަނޑައެޅުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގައުމީ ފެންވަރެއްގައި ތަރިކައިގެ ދުވަހެއް ކަނޑައެޅުމަކީ ދިވެހި ކާބަފައިންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ ތަރިކަތައް އަމާނާތްތެރިކަމާ އެކު އަދުގެ ޖީލަށާއި ކުރިއަށް އޮތް ޖީލުތަކަށް ވާސިލުކޮށްދިނުމަށާއި މި ކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރަންޖެހޭ ވަރަށް މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ތަރިކައާ މެދު ޝައުގުވެރިކަން އުފައްދާ އެ ވާހަކަތައް ދެއްކުމަށް ހާއްސަ ގައުމީ ތަރިކަ ދުވަހެއް ފާހަގަކުރުމަކީ މުހިއްމު ކަމެއް ކަމުގައި ޔުމްނާ ވިދާޅުވި އެވެ.