ހަބަރު

ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ބޭނުންވޭ: ޝަރީފް

ސަރުކާރުން ކުރާ ކަންކަމަކަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށް އިލެކްޝަން ކޮމިޝަން، އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ސަރުކާރަށް ފާރަވެރިވާނެ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށާއި ގާނޫނުތަކާއި ގަވާއިދުތަކާއި އެކަމަށް ހެދިފައިވާ އުސޫލުތަކާއި އެއްގޮތަށް ބިނާކުރާ ލީޑާޝިޕެއްގެ ދަށުން އެކަން ކުރެވޭނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ބޮޑު ކޯލިޝަނަކާއެކު ސަރުކާރު ހިންގަމުންދާއިރު، މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތީ ޕީޕީއެމެވެ. އެމްޑީއޭއިން ވަކި ގޮތެއް ނިންމާފައިއެއް ނުވެ އެވެ. ޕީޕީއެމް އިން ވަނީ އިދިކޮޅު ޒިންމާދާރު ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރަން ޖެހޭ ހުރިހާ
ކަމެއް ކުރާނެ ކަމަށްވެސް ބުނެފަ އެވެ.

ޕީޕީއެމް އިން ބޭއްވި ހާއްސަ ކޮންގްރެސް އިލެކްޝަން ކޮމިޝަން، އީސީއިން ބާތިލްކޮށްފައިވާތީ އެ ޕާޓީއިން ހައިކޯޓަށް ހުށަހެޅި މައްސަލަވެސް މިހާރު އޮތީ ހުކުމާ ހަމައިގަ އެވެ. އަދި ޕީޕީއެމްގެ އާންމު ދެ މެންބަރަކު ވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ އިންތިހާބީ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެދި ސިވިލް ކޯޓަށް ދެ މައްސަލައެއް ހުށަހަޅާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓަށް ލިބިފައިވާ ޝަކުވާތަކަކާ ގުޅިގެން އެ ކޯޓުން ވަނީ އެ ދެ މައްސަލާގެ ފައިލް
ނަގާފަ އެވެ.