މިދިޔަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ދާއިމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން ފަށާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ހޮނިހިރު ދުވަހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ރޭ ވަނީ އިއުލާނުކޮށް ނިމިފައެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އަންގާރަ ދުވަހު ދާއިމީ ނަތީޖާ އިއުލާނު ކުރަަން ފެށި ނަމަވެސް އެކަން މުޅީން ނިންމާލެވޭނީ ތިން ދުވަސް ފަހުން ކަމަށެވެ.
ވަގުތީ ނަތީޖާއާއެކު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހޭ ދާއިރާތަކާއި ރަށްތައް ކަނޑައެޅުމުގެ މަަސައްކަތް އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ވޯޓް އަލުން ގުނައިދިނުމަށް އެދި ހުށައަޅާފައިވާ ޝަކުވާތަކާމެދު ވަރަށް އަވަހަށް ގޮތް ނިންމާނެ ކަމަށާ ހުށައަޅާފައިވާ ޝަކުވާތަކަށް ބަލާއިރު އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިދާނެ ފަދަ ޝަކުވާތައް އެބަހުރި ކަމަށެވެ.
"އަޅުގަނޑުމެންދޭ ޔަގީން ކަމަކީ ދާއިމީ ނަތީޖާގެ ކުރީން ހުރިހާ ޝަކުވާތަކެއްވެސް ބަލާ އެއްވެސް މައްސަލައެއް ނެތްކަން ޔަގީން ކުރާނެކަން،" ޝަރީފް ވިދާޅުވިއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާއިން މާލެ ސިޓީން ޕީޕީއެމަށް 13 ގޮނޑި ލިބިފައި ވެއެވެ. އެމްޑީޕީއަށް ލިބިފައި ވަނީ ހަ ގޮނޑި އެވެ. ޖުމްހޫރީ ޕާޓީއަށް އެއް ގޮނޑި ލިބިފައި ވެއެވެ. މީގެ އިތުރުން 11 އަތޮޅެއްގެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ޕީޕީއެމަށް ލިބިފައިވަނީ ހަތް އަތޮޅެއްގެ އަތޮޅު ކައުންސިލްގެ މަގާމެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ލަސްވީ ބައެއް ވޯޓްފޮށިތަކުގެ ޝީޓްތަކުގައިވާ އަދަދުތައް ދިމާނުވެ އަލުން ވޯޓްފޮށިތައް ގުނާ ސެކިއުރިޓީ އުރަ ކަނޑަން ޖެހުމުންނެވެ. ކޮމިޝަނުން އެކަން ކޮށްފައި ވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ މަންދޫބުން އަދި މީޑިއާގެ ހާޒިރުގަ އެވެ.