ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ މަސައްކަތް މިއަދު ރަސްމީކޮށް ފަށައިފި އެވެ.
ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، ބާއްވަން ނިންމާ އެކަން އިއުލާނު ކުރީ މި މަހުގެ 26 ވަނަ ދުވަހުއެވެ.
ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކުރައްވައިފަ އެވެ.
އެ ބިލުގައިވާ ގޮތުން ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފަ އެވެ.
ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް މިރޭ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ މަސައްކަތް މިއަދު ރަސްމީކޮށް މިއަދު ފަށާފައިވާ ކަމަށެވެ. އެ ގޮތުން އޮފިޝަލުންގެ ޓްރެއިންތައް މިއަދު ވަނީ ފަށާފައެވެ.
އޭނާ ވިދާޅުވީ އިންތިހާބުގެ މަސައްކަތް ރަސްމީކޮށް ފެށުމާއެކު އިންތިހާބުގައި ވާދަ ކުރާ ހުރިހާ ސިވިލްސާވިސް މުވައްޒިފުން ސަސްޕެންޑް ވާނެ ކަމަށެވެ. އަދި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ކުރިން ނަން ގެންދާ ކެންޑިޑޭޓުން ނަން ނެގުމާއެކު ސަސްޕެންޝަން އުވޭނެ ކަމަށެވެ. ގާނޫނު ބުނާ ގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވާދަކުރާ ސިވިލްސާވަންޓުން ސަސްޕެންޑެއް ނުވާނެ އެވެ.
އިންތިހާބުގެ މަސައްކަތް ފެށުމާއެކު ފޯކަލް ޕޮއިންޓުން އައްޔަން ކޮށްފައިވެ އެވެ.އަދި ޝަކުވާ ހުށައެޅޭނެ ނިޒާމު ވެސް މިއަދު ގާއިމުކޮށްފައި ވެއެވެ.
އިންތިހާބުގެ މަސައްކަތް ފެށުން
- ޓްރެއިންތައް މިއަދު ވަނީ ފަށާފައި
- ފޯކަލް ޕޮއިންޓް އައްޔަން ކުރުން
- ޝަކުވާ / މައްސަލަ ހުށައެޅުމުގެ ނިޒާމު ގާއިމު ކުރުން
- އިންތިހާބުގައި ވާދަކުރާ ސިވިލްސާވެންޓުން މިއަދުން ސަސްޕެންޑް
- ނަން ނެގުމުގެ ފުރުސަތު ފެބްރުއަރީ 11 ގެ ނިޔަލަށް
- ރަށްވެހިކަން ބަދަލު ކުރުން ފެބްރުއަރީ 8 ގެ ކުރިން
- ދާއިމީ އެޑްރެސް ފެބްރުއަރީ 8 ގެ ކުރިން ބަދަލު ކުރެވޭނެ
ކޮމިޝަނުން ވަނީ ކެނޑިޑޭޓުންގެ ހައްގުތަކަށް އިހްތިރާމްކޮށް އިންތިހާބުގެ މަސައްކަތް އަމާންކަމާއި އޮމާންކަމާއެކު ގެންދަން އެދިފައެވެ.
ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ. އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.