ޕީޕީއެމް

ވޯޓާ ގުޅިގެން ކޯޓަށް ދާން ޖެހިދާނެ ކަމުގެ އިޝާރާތެއް

އެންމެ ވޯޓެއްގެ މައްސަލަ ވެސް ދޫކޮށް ނުލާނެ ކަމަށާ ވޯޓްގެ މައްސަލައަށް އިލެކްޝަންސް ކޮމިޝަނުން ހައްލު ނުލިބިއްޖެނަމަ ކޯޓަށް ވެސް ދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކުރުން ފަސްވެ ބައެއް ވޯޓްފޮށިތައް އަލުން ގުނަން ނިންމުމުން މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާ ޝީޓް ދިމާ ނުވާ ކަމަށް ކޮމިޝަނުން ބުނުމާއި އިންތިހާބުގެ ކަންކަން ހިނގާ މައި މަރުކަޒަށް ސިޔާސީ ބޭފުޅުން ވަޑައިގަންނަވާ ކަމުގެ ތުހުމަތާއެކު ކޮމިޝަންގެ މެންބަރުންނަށް ވެސް ވަނީ ތުހުމަތުގެ އިނގިލި ދިއްކޮށްފަ އެވެ.

ވޯޓްފޮށިތަކެއް އަލުން ގުނަން ނިންމުމުން އިދިކޮޅު ސަޕޯޓަރުން އިންތިހާބާ ބެހޭ މަރުކަޒު ކައިިރިއަށް އެއްވެފައިވަނިކޮށް އެ ސަރަހައްދަށް ރައީސް ނަޝީދު ވަޑައިގެންނެވުމުން މިއަދު ވަނީ ހަމަނުޖެހުންތަކެއްވެސް ހިނގާފައެވެ.

އޭގެ ފަހުން ޕީޕީއެމް އާއި ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެން ނޫސްވެރިންގެ ބައްދަލްވުމެއްގައި އިދިކޮޅު ކޯލިޝަންގެ އެކްޓިން ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ ކޯލިޝަން އޮތީ އެންމެ ވޯޓެއްގެ މައްސަލަވެސް ދޫކޮށްލާ ގޮތަށް ނޫން ކަމަށެވެ. އަދި މައްސަލަ ކޮމިޝަނާ ހަމައިން ނުނިމޭނަމަ އެ މައްސަލައެއް ކޯޓަށް ހުށައަޅައިގެންވެސް ހައްލު ކުރާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަމުން ދަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވައިގެން ނަތީޖާތައް ބަދަލު ކުރަން ކަމަށާ ނަމަވެސް އެ ފުރުސަތު ދީގެން މަޑުން ނުތިބޭނެ ކަމަށެވެ. އިދިކޮޅު އޮންނާނީ އަބަދުވެސް ފާރަވެރިވެ ކަމަށްވެސް ވިދާޅުވިއެވެ. އެކަމަށްޓަކައި މުޒާހަރާ ކުރަން ޖެހުނަސް އަދި އިންތިހާބާ ބެހޭ މައިމަރުކަޒުގައި ހޭލާ ތިބެން ޖެހުނަސް އެކަންވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"އެންމެ ވޯޓެއްގެ މައްސަލަވެސް އަޅުގަނޑުމެން ދުލެއް ނުކުރާނަން. އިލެކްޝަން ކޮމިޝަނާ ހަމައިން ނުނިމޭ ކަމަށްވަންޏާ ކޯޓަށް ދާންޖެހޭ މައްސަލަތަކުގައި ކޯޓަށްވެސް އަޅުގަނޑުމެން ދާނަން. އަދި އެތާނގައި [އިންތިހާބީ މަރުކަޒު] މުޒާހަރާ ކުރަން ޖެހިއްޖެއްޔާ އަޅުގަނޑުމެން މުޒާހަރާވެސް ކުރާނަން. އެތަނުން ނުނިކުމެ ތިބެން ޖެހެންޔާ ސައުވީސް ގަޑިއިރު އެތަނުގައި ގޮނޑި އަޅައިގެން ތިބެން ޖެހުނަސް އެކަންވެސް އަޅުގަނޑުމެން ކުރާނަން. ތިޔަ ކެންޑިޑޭޓުންގެ ހައްގުގައި ކެންޑިޑޭޓުންނަށް ވޯޓްދިން ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކޮންމެ ކަމެއް ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.