ރައީސް މުހައްމަދު ނަޝީދު

ވޯޓް މަރުކަޒަށް ދާން ޖެހުނު ސަބަބު ވިދާޅުވެ ދެއްވައިފި

ލޯކަލް ކައުންސިލް އިންތިހާބުގެ ބައެއް ވޯޓު ފޮށިތައް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދަނިކޮށް އިންތިހާބީ މައި މަރުކަޒަށް ވަޑައިގަންނަވަން ޖެހިވަޑައިގެން ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ދެއްވައިފި އެވެ.

ރައީސް ނަޝީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު އިލެކްޝަންސް ކޮމިޝަންގެ އިދާރާ ދޮށަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ޓީ-ފޯ ގެ ވޯޓްފޮށި އަލުން ގުނުމަށް ތައްޔާރުވެފައިވަނިކޮށް ޕީޕީއެމްގެ ލީޑަރާއި އިސްވެރިން އީސީގެ އިދާރާއަށް ވަދެވަޑައިގެން 30 މިނެޓް ވީއިރުވެސް ނުނިކުންނެވުމުން ކަމަށެވެ.

"އޮފިޝަލުން ނޫން އެއްވެސް މީހަކަށް އީސީ އިދާރާއަށް ވަދެވިގެން ނުވާނެ. އަޅުގަނޑު ހުރީ ބޭރުގައި،" ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު މެންދުރުފަހު 1:30 ގައި 18 ވޯޓު ފޮއްޓެއް ގުނަން އޮތީ ހަމަޖައްސާފަ އެވެ.

އީސީން ބައެއް ވޯޓުތައް ގުނާތީ އިދިކޮޅު ޕީޕީއެމްގެ ބައެއް އިސް ބޭފުޅުންނާއި ބައެއް ސަޕޯޓަރުން ދުރާލާ ތިބީ އެ ސަރަހައްދަށް ޖަމާވެގެންނެވެ. އެމީހުން އެތާ ތިއްބާ ރައީސް ނަޝީދު ކުއްލިއަކަށް އެ ސަރަހައްދަށް ވަޑައިގަތުމުން މުޅި މަސްރަހު ބަދަލުވ އާންމުން ވަނީ ރުޅި އައިސްފަ އެވެ. އެ ސަރަހައްދުގައި ތިބޭ އާންމުންގެ ރުޅިގަނޑު ފަޅައިގެން ގޮސް ހުތުރު ބަހުން ވެސް ރައީސް ނަޝީދަށް އެއްޗެތި ގޮވި އެވެ.

ރައީސް ނަޝީދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲ އާއި، އެމްޑީޕީގެ ނައިބް ރައީސް އަދި ރައީސް އޮފީހުގެ ވަޒީރު މުހައްމަދު ޝިފާޒާއި، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އަދި އެޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވެސް އެބަތިއްބެވި އެވެ.

މިވަގުތު އެ ސަރަހައްދުގައި ހުންނެވީ ޕީޕީއެމް / ޕީއެންސީ ކޯލިޝަންގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު އެ ސަރަހައްދަށް ވަޑައިގަތީ ހަމަނުޖެހުން އުފައްދަން ރާވައިގެން ކަމަށެވެ. އެހެންކަމުން އެ މަގުސަދުގައި ރައީސް ނަޝީދު އެތަނަށް ވަޑައިގެންނެވީތީ އެތަނުގެ ތެރޭގައި ސަލާމަތީ ބާރުތަކުން އެމަނިކުފާނަށް ސެކިއުރިޓީ ދޭން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

އަބްދުއްރަހީމް އިތުރަށް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ރައްޔިތުން ވަނީ އެމްޑީޕީއަށް ނޫނެކޭ ބުނެފައި ކަމަށެވެ. ރައީސް ނަޝީދު އުޅުއްވަނީ އެކަން "ހަޖަމު" ކުރެއްވުމަށް ދަތިފުޅުވެގެން ކަމުގައިވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.

އީސީން ބުނީ ވޯޓު ފޮށިތަކެއް ގުނަނީ ވަގުތީ ނަތީޖާ ކަށަވަރުކުރުމަށް ކަމަށެވެ. ވޯޓާ ގުޅޭ ބައެއް ޝަކުވާތައް ލިބެމުންދާ ކަމަށް ވެސް އީސީ އިން ބުނެ އެވެ. ނަމަވެސް އެއީ ކޮންކަހަލަ ޝަކުވާތަކެއް ކަމެއް ބުނެފައެއް ނުވެއެވެ.

ވޯޓު ފޮށިތަކެއް އަލުން ގުނުމަށް ތައްޔާރުވަމުން ދާއިރު ނިމިގެންދިޔަ ކައުންސިލް އިންތިހާބުގައި ބާތިލް ވޯޓު ގިނަކަން ފާހަގަކޮށް ޕީޕީއެމުން އިއްޔެ ވަނީ ބާތިލް ވޯޓުތައް ގުނާ ދިނުމަށް އެދިފަ އެވެ. އަދި ހަތަރު ދާއިރާއެއްގެ ވޯޓު ފޮށި އަލުން ގުނަން ބޭނުންވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.