ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ކާމިޔާބުކުރި ދާއިރާތަކުގެ ނަތީޖާ ބަދަލު ކުރުމަށް އެމްޑީޕީން ކެންޑިނޭޅި ދަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ފޮށިތަކުގެ ނަތީޖާ ބަދަލު ކުރަމުން ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ތުހުމަތު ކުރައްވައިފި އެވެ.
މާލޭގެ ފަސް ދާއިރާއެއްގެ ވޯޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ވޯޓް އަލުން ގުނަން އެމްޑީޕީން ވަނީ ހުށައަޅާފައެވެ. އަދި ވޯޓްފޮށި ހުރި ސެންޓަރުތަކަށް ރައީސް ނަޝީދު ވަޑައިގެންފައިވާ ކަމަށްވެސް އަޑުތައް ދަނީ ފެތުރެމުންނެވެ.
މެންބަރު ޝިޔާމް ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް އަށް ލިބުނު ކާމިޔާބަކީ ރައްޔިތުންނަށް ލިބުނު ނަސްރެއް ކަމަށެވެ. އެމްޑީޕީން ކެނޑި ނޭޅި ދަނީ އިލެކްޝަންސް ކޮމިޝަނަށް ނުފޫޒު ފޯރުވާ ފޮށިތަކުގެ ނަތީޖާ ބަދަލު ކުރަމުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ހާއްސަކޮށް މާލޭ ސިޓީ ބޮޑެތި ސިޓީތަކުގެ ފަރަގު ކުޑަ ނަތީޖާތައް ބަދަލު އެބަކުރޭ. ރައްޔިތުން ގޮތް ނިންމާފައިވަނީ،" ޝިޔާމް ވިދާޅުވިއެވެ.
ބައެއް ފޮށިތަކުގެ ވޯޓް އަލުން ގުނައިދިނުމަށް އެދި އެމްޑީޕީން ހުށައަޅާފައިވާއިރު އެ ޕާޓީން ބުނީ މާލެއާއި އައްޑޫ ސިޓީ އިން އެމްޑީޕީން ކާމިޔާބު ކުރި ގޮނޑިތަކުގެ އިތުރުން މާލޭގެ އެހެން ފަސް ދާއިރާއެއްގެ ނަތީޖާ ޝީޓާއި އައްޑޫ ސިޓީގެ ހަތަރު ދާއިރާއެއްގެ ނަތީޖާ ޝީޓުތަކަށް ބަލާއިރު އެ ދާއިރާތަކުގައި އެންމެ ކުރީގައި ތިބި ކެނޑިޑޭޓުންނާއި އެމްޑީޕީގެ ކެންޑިޑޭޓުންނާ ދެމެދު ހުރި ފަރަގަކީ ސާޅީހަކަށް ވޯޓަށްވުރެ ކުޑަ ފަރަގެއް ކަމަށެވެ.
"...މިދެންނެވި ކޮންމެ ދާއިރާއެއްގައި މިހާތަނަށް އަދި ނުގުނާ 50-60 ވޯޓު ކަރުދާސް ރާއްޖޭގެ އެކި ރަށްރަށުގައާއި ޖަލުތަކުގައި ހުރިކަން ފާހަގަކުރެވޭ. އަދި މިއިން ކޮންމެ ދާއިރާއެއްގައި ބާތިލު ވޯޓުގެ ގޮތުގައި 50-90 ވޯޓުކަރުދާސް ހިމެނިފައިވާކަންވެސް ފާހަގަކުރެވޭ. އެހެންކަމުން މި ޕާޓީން މި ގެންދަނީ އެ ވޯޓުފޮށިތަކުގެ ފުރިހަމަ ނަތީޖާ ދެނެގަތުމުގެ މަސައްކަތް ކުރަމުން. އަދި އިސްވެ ދެންނެވި ކަންކަން އެހެން ހުރުމުން މި ޕާޓީއަށް މިހާތަނަށް ކަށަވަރުވެފައިވާ ގޮނޑިތަކުގެ އިތުރުން މާލެ އާއި އައްޑޫ ސިޓީގެ އިތުރު ގޮނޑި ލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް މިވާހަކަ އާންމުކޮށް ދެންނެވިން،" އެމްޑީޕީއިން ނެރުނު ބަޔާނުގައިވެއެވެ.
ވޯޓްފޮށިތައް އަލުން ގުނަން ހުށައެޅި ނަމަވެސް ނަތީޖާއަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް ޝަކުވާއެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުވެސް ވަނީ ބުނެފައެވެ.