ހަބަރު

ކެމްޕޭނުގައި އެމްޑީޕީން ނާޖާއިޒު ފައިދާ ނުނަގާނެ: ނަޝީދު

Jan 31, 2021
11

ފަސްކުރެވިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭނު ހަރަކާތްތައް ކުރިއަށް ގެންދާނީ އެކަމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެކަމުގައި ސަރުކާރު ތެރޭގައި އޮވެގެން އެއްވެސް ނާޖާއިޒު ފައިދާއެއް ނުނަގާނެކަމުގެ ޔަގީން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދެއްވައިފި އެވެ.

ފަސް ކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބު، އަންނަ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު، ބާއްވަން ނިންމާ އިލެކްޝަންސް ކޮމިޝަން (އީސީ)އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

އެ ތާރީހު ކަނޑައަޅާފައިވަނީ، ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 21 ވަނަ ދުވަހު ތަސްދީގު ކުރެއްވުމާއެކު އެވެ.

އިންތިހާބުގެ މަސައްކަތް މިދިޔަ ހުކުރު ދުވަހު އީސީން މިހާރު ފަށާފައިވާއިރު، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.

އެ އުސޫލުތަކުގެ ތެރޭގައި ކެމްޕޭނު ކުރުމުގެ މަސައްކަތް ކުރުމަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނުވާންޖެހޭ ފަދަ ފިޔަވަޅުތައް ހިމަނާފައިވާއިރު، ސަރުކާރުން އަތޮޅު ތެރޭގައި ކުރިއަށް ގެންދާ މަޝްރޫއުތައް އިފްތިތާހު ކުރުމާއި ފެށުމުގެ ރަސްމިއްޔާތުގެ ނަމުގައި، އެމްޑީޕީގެ އިސް ބޭފުޅުން އެ އުސޫލުތަކާ ހިލާފަށް ދަތުރުކޮށް، ކެމްޕޭނު ކުރާކަމުގެ ތުހުމަތު އިދިކޮޅު ޕާޓީތަކުން އިސްވެ ދަނީ ކުރަމުންނެވެ.

އަދި އެކަމުގެ ސަބަބުން ހާއްސަކޮށް އިދިކޮޅު ޕާޓީތަކަށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނެތްކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.

ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެމްޕޭނު ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، ކެމްޕޭނު ކުރުމުގައި ކަރަންޓީނުވާންޖެހުން ފަދަ ފިޔަވަޅުތަކަކީ ހުރިހާ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށްވެސް ހަމަހަމަ ކަމާއެކު އަމަލުކުރަންޖެހޭނެ އުސޫލުތައް ކަމަށެވެ.

އަދި ސަރުކާރުން ހާއްސަކޮށް އަތޮޅު ތެރޭގައި ހިންގާ މަޝްރޫއުތައް އިޝްތިހާރު ކުރުމުގެ ބޭނުމެއް މިހާރު ނެތް ކަމަށާއި، އެކަން ކޮށްގެން ވޯޓު އިތުރުވާނެކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި އަޅުގަނޑުމެން [އެމްޑީޕީ] އަކަށް ނާޖާޒިއު ފައިދާތަކެއް ނުނެގޭނެ. ނަގައިގެންވެސް ނުވާނެ އަދި އިރާދަކުރެއްވިއްޔާ ތިޔަބޭފުޅުންނަކަށް ނުވެސް ފެންނާނެ އަޅުގަނޑުމެން ނަގާ ތަނެއް،" ސަރުކާރުގެ މަޝްރޫއުއެއް އިފްތިތާހު ކުރަން ރިބަން ފަށެއް ކަނޑާލައިގެން ވޯޓު އިތުރުނުވާނެކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް ކެމްޕޭނު ކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށްވެސް އޮތީ ހަމަހަމަކޮށް ކަމަށެވެ. މިގޮތުން، ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީނުވާން ނުޖެހޭގޮތަށް އެއްވެސް މީހަކަށް މިހާރު އުސޫލު އޮތް ގޮތުން ފުރުސަތެއް ނެތް ކަން ފާހަގަކުރައްވަމުން، ނަޝީދު ވިދާޅުވި ގޮތުގައި، އެކަމިނުފާނުވެސް ހިމެނޭ ގޮތަށް ކެމްޕޭނަށް އެމްޑީޕީގެ އިސް ބޭފުޅުން ވަޑައިގަންނަވާނީ ކަރަންޓީނުވާން ކަމަށެވެ.

"ދެރަ، ބުރަ އުނދަގޫ. އެކަމަކު މި ގައިޑްލައިންގެ ތެރެއިން ކުރެވެން އެބައޮތް. އަޅުގަނޑު ދަންނަވާނީ ކަރަންޓީނުވުމަށް ޖެހިލުންވެވަޑައިނުގަންނަވާށޭ،" އިދިކޮޅު ފަރާތްތަކަށް ނުސީދާކޮށް އިޝާރަތް ކުރައްވައި، ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވައި ނަޝީދު ވިދާޅުވީ، ކޮވިޑް-19 އިގެ ހާލަތުގައި ސަރުކާރުން ރައްޔިތުންނަށް ދެމުންދާ އެހީތަކާއި، ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ތެރެއިން އަތޮޅު ތެރޭގައި ހިންގަމުންދާ މަޝްރޫއުތައް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށާއި، އިންތިހާބުގައި އެމްޑީޕީއަށް ވޯޓުދޭނީ އެ ސަބަބުތަކަށް ކަމަށެވެ.

އަދި އިންތިހާބުގައި 70 ޕަސަންޓުގެ ތަނަވަސް އަގުލަބިއްޔަތަކުން އެމްޑީޕީން އިންތިހާބު ކާމިޔާބުކުރާނެކަމަށްވެސް ވިދާޅުވި އެވެ.