ރިޕޯޓް

ހިޔާނާތް ބަލާ ކޮމިޝަންގެ މެންބަރުންނާ މެދު ސުވާލު!

ދައުލަތުގެ މަތީމަގާމްތަކުގައި ތިއްބަވާ ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ މައްްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ފައިސާތައް ހޯދުމަށް "ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދި ކޮމިޝަންގެ މެންބަރުންނާ މެދު ވަރަށް ބޮޑު ފާޑުކިޔުންތަކެއް އެވެ.

އެ ކޮމިޝަން އުފެއްދުމުގެ މަގުސަދެއްގެ ރައީސްގެ ގަރާރުގައި ވަނީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ހިޔާނަތްތަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމު ކުރެވިފައި ނުވާތީ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ތަހުގީގުކޮށް އިންސާފު ގާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކޮށްފައިވާ ގާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީ ކަމަށް ރައީސް ސޯލިހްގެ ގަރާރުގައި ވެއެވެ.

އެކޮމިޝަނުގެ މެންބަރުންނަކީ އަހުމަދު އަސްއަދާއި އާސް އަބްދުﷲ އާއި ނަދީމް އިބްރާހީމާއި އައިޝަތު ހަނާ ވަހީދު އަދި ފާތިމަތު ސަރީރާ އަލީ ޝަރީފު އެވެ. އެކޮމިޝަނުގެ ރައީސް ކަމަށް ކަނޑައަޅުއްވާފައިވަނީ އަހްމަދު އަސްއަދެވެ.

އެކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ އެކޮމިޝަންގެ ރައީސް އަހުމަދު އަސްއަދާއި އައިޝަތު ހަވާ ވަހީދަށާއި ފާތިމަތު ސަރީރާ އަށެވެ. އެގޮތުން ސަރީރާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ޕ‏ޮލިސް އިންޓެގްރިޓީ ކޮމިޝަން، ޕީއައިސީގެ ރައީސްކަމުގެ މަގާމު އަދާ ކުރި ފަރާތެކެވެ. އޭނާ މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނު މައްސަލައިގައި ފުލުހުންގެ އިހުމާލެއް ވާކަމަށް ބަޔާން ކުރާ ތަހްގީގު ރިޕޯޓް ދޫކުރުމަށް ދެކޮޅު ހެއްދެވުން އޭރުވެސް އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ފަރާތެކެވެ.

ރިލްވާން މައްސަލާގައި އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ނުދިންކަމާއި އާއިލާގެ ފަރާތުން ހުށަހެޅި މައްސަލަތައް ރަނގަޅަށް ބަލައި ތަހުގީގު ނުކުރުމުން ސަރީރާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

އެކަމާ ގުޅިގެން ސަރީރާ މިއަދު ވަނީ އެކަންކަން ހާމަކުރައްވައި ވަރަށް ގިނަ ޓްވީޓްކޮށްފަ އެވެ. ޓްވީޓްތަކުގައި ވަނީ، ރިލްވާން މައްސަލާގައި ރަނގަޅު ތަހުގީގެއްކޮށް އެކަންކަން އާއިލާއަށާއި ރައްޔިތުންނާއި ހަމައަށް ތިލަކޮށްދޭން ޖެހޭ ކަމަށެވެ. އާންމު އެމައްސަލާގައި ތުހުމަތުވާ ފަރާތްތައް ޖަވާބުދާރީ ކުރުވަންދެން ހުއްޓާނުލާ މަސައްކަތް ކުރަންޖެހޭ ކަަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަރީރާ ވިދާޅުވީ، އޭރު ރިލްވާންގެ މައްސަލައިގައި ފުލުހުން އިހްމާލްވި ކަމަށްބުނާ މައްސަލައިގެ ތަހްގީގީ ރިޕޯޓް ހާމަނުކުރެއްވީ އެކަމަކީ ގާނޫނީ ގޮތުން އޭނާ އަށް ކުރުން މަނާ ކަމަކަށްވެފައިވާތީ ކަމަށެވެ. ރިލްވާންއަށް ވީގޮތް ހޯދައިދިނުމަށް ޕީއައިސީގެ ތެރެއިން ކުރެވެންހުރި ހުރިހާކަމެއް އޭރު ކޮށްފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ޕީއައިސީ ވަނީ ރިލްވާން އަދި އެހެނިހެން ބޮޑެތި މައްސަލަތައް ތަހްގީގް ކުރަމުން ދަނިކޮށް އުވާލާފަ، އެކަން ރައްޔިތުން ހަނދާން ހުންނާނެ ކަމަށް ގަބޫލު ކުރަން، އެގޮތަށް އަމަލު ކުރީ އެމައްސަލަ އިތުރަށް ކުރިއަށް ގެންދަން ހުރަސް އެޅުމުގެ ގޮތުން ކަމަށް ގަބޫލު ކުރަން،" ސަރީރާ ވިދާޅުވި އެވެ.

ސަރީރާ އިތުރަށް ވިދާޅުވީ، ރިލްވާން އާއިލާ އާއި ރައްޓެހިންގެ ކިބައިން މާފަށް އެދޭ ކަމަށާއި އާއިލާއިން އޭނާ އަށް ރިލްވާން ކޭސްގައި އިތުރަށް ކުރެވޭނެ ކަންކަން ހުރިކަމަށް ގަބޫލު ކުރާނަމަ އެގޮތަށް ކޮށްދެވިފައިނުވާނަމަ އެކަމަށްވެސް މާފަށް އެދޭ ކަަމަށެވެ. އަދި ރައީސް ސޯލިހް މަރުތައް ތަހްގީގް ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން އެކަން އެންމެ ފުރިހަމައަށް އަދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެކަމަށް ވެދެވެން އޮތް އެހީއެއް ފޯރުކޮށްދޭން ތައްޔާރަށް ހުރި ކަމަށްވެސް ސަރީރާ ވިދާޅުވި އެވެ.

ސަރީރާއަށް ގިނަ އަދަދެއްގެ ފަރާތްތަކަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން އަހުމަދު މަޖްދީ ބުނީ، ގައުމަށް ވަފާތެރިވާން ފުރުސަތު ލިބުނު ކަމަށާއި އެކަން ނުކުރެއްވި ކަމަށެވެ. އެހެންކަމުން ކޮމިޝަންގެ މެންބަރުކަމަށް ކުފޫ ހަމަނުވާ ކަމަށާއި ވަގުތުން އިސްތިފާދޭން ޖެހޭ ކަަމަށް އޭނާ ބުންޏެވެ.

ވީޓީވީގެ ނޫސްވެރިޔާ އަލީ ސުލެއިމާން ބުނީ، ސަރީރާ މަގާމަށް ކުފޫ ހަމަނުވާ ކަމަށާއި ވަގުތުން އިސްތިއުފާދޭންޖެހޭ ކަމަށެވެ. އަދި އިސްތިއުފާ ނުދީފިނަމަ މަގުމައްޗަށް ނިކުމެ މުޒާހަރާކޮށް އެތަނުން ބޭރުކުރުވާނެ ކަމަށެވެ.

ސަރީރާގެ އިތުރުން އެކޮމިޝަންގެ ރައީސް އަހުމަދު އަސްއަދަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުކޮށް ޖިނާއީ ދައުވާވެސް އުފުލާފަ އެވެ. އޭނާއަށް ކޮރަޕްޝަންގެ ދައުވާ ކުރީ ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ކަމުގައި އަސްއަދު ހުންނެވިއިރު، ކީރިތި ގުރުއާންގެ ދިވެހި ތަރުޖަމާ ޗާޕްކޮށް، އެ ފޮތްތައް ނުލިބުމުގެ ސަބަބުން ދައުލަތަށް 30 މިލިއަން ރުފިޔާގެ ގެއްލުންވި މައްސަލައިގަ އެވެ. އެމައްސަލާގައި އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ވެސް ބެލި އެވެ. އަދި އެމައްސަލަގައި ޕީޖީން ވަނީ ދައުވާކޮށް ކުރިމިނަލް ކޯޓަށްވެސް ހުށަހަޅާފަ އެވެ.

އެމައްސަލާގައި އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ބައެއް ފަރާތްތަކުން ބުނި ގޮތުގައި، ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ އުފުލި މީހަކު ކޮރަޕްޝަން މައްސަލަތައް ތަހުގީގް ކުރާ ކޮމިޝަންގެ ރައީސަކަށް ހަމަޖެއްސުމަކީ ރައްޔިތުންނަށް ކުރާ މަލާމާތެކެވެ. ކޮމިޝަން އެކުލަވާލުމުގައި ޒިންމާދާރުވާން ޖެހޭނެ ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ގޮވަމުންނެވެ.

އޭނާގެ އިތުރުން އެކޮމިޝަންގެ މެންބަރު ހަނާ ވަނީ 20015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފަ އެވެ. އޭނާއާއެކު އޭނާގެ ފިރިމީހާ އިސްމާއިލް ވިޝާމް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެދެމީހުން ހައްޔަރުކުރީ އެދެމީހުން ދިރިއުޅެމުން ގެންދެވީ މ. ހަނީޑިއު ގެއިން މަސްތުވާތަކެއްޗާއެކު އެވެ.

އެމައްސަލާގައި ހަނާ ހައްޔަރުކުރިއިރު އޭނާ ހުރީ ޕްރޮސެކިއުޓަ ޖެނަރަލް އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ ކަމުގެ މަގާމުގައެވެ. އަދި އޭނާ ފިރިމީހާ ވިޝާމް ހުރީ އެސިސްޓެންޓް އެޓާނީ ޖެނަރަލްގެ މަގާމުގަ އެވެ. އެ ދެބޭފުޅުން ކުޑަކަމުދާ ތަކެތި ޓެސްޓް ކުރުމުން ދެ ބޭފުޅުންގެ ކުޑަކަމުދާ ތަކެތިވެސް މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް ވެފައިވެ އެވެ.

އެ ކޮމިޝަނަކީ، ކޮމިޝަނުން ތަހުގީގުކުރެވޭ މައްސަލަތަކާ ގުޅިގެން ތަހުގީގީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި ޖިނާއީ މައްސަލަތައް ތަހުގީގުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.

ކޮމިޝަންގެ މެންބަރުންނަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާއިރު، މިކަމާއި ގުޅިގެން ސަރުކާރުގެ ފަރާތުން އެއްވެސް ބަހެއް ހާމަކޮށްފަ އެއް ނުވެ އެވެ. އަދި އެކޮމިޝަންތަކަށް މެންބަރުން އައްޔަން ކުރުމުގައި ނަޒާހަތްތެރިކަމެއް ނެތް ކަމަށްބުނެ އާންމުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.