ހަބަރު

ބޭންކު ފަޅާލި މައްސަލައިގައި ހަތް މީހެއްގެ މުއްދަތު އިތުރުކޮށް، ހަތަރު މީޙަކު ހައްޔަރު ކޮށްފި

ގއ. ވިލިނގިލީ ބޭންކް އޮފް މޯލްޑިވްސް ބްރާންޗު ފަޅާލި މައްސަލައާއި ގުޅިގެން ހަތް މީހެއްގެ ބަންދު އިތުރުކޮށް، އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބޭންކް އޮފް މޯލްޑިވެސްގެ ވިލިނގިލީ ބްރާންޗް ފަޅާލި މައްސަލާގައި ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަންގައި ހޯމަ ދުވަހު ހައްޔަރުކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވަނީ އޭގެ ތެރެއިން ފަސް މީހަކަށް 15 ދުވަސް އަދި ދެ މީހަކަށް ހަތް ދުވަސް ޖަހައިދީފަ އެވެ.

މީގެ އިތުރުން އެ މައްސަލައާ ގުޅިގެން އިތުރު ހަތަރު މީހަކު ކޯޓު އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހުންގެ ތެރޭގައި ބަންގްލަދޭޝް މީހަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފަޅުގެއެއް ބަލާ ފާސްކުރުމުގެ ތެރެއިން އެ މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ގޭސް ކަޓަރެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައާ ގުޅިގެން ގެއްލިފައިވާ ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ފުލުހުން ވަނީ ހޯދާފަ އެވެ. "އަވަސް"އާ ވާހަކަ ދެއްކި އެ ރަށުގެ މީހަކު ބުނި ގޮތުގައި 14 މިލިއަން ރުފިޔާ ފެނުނީ، ވިލިނގިލީ ފަޅު ގެއެެއްގެ ތެރޭގައި ހުރި ދޮންނަމެޝިނެއް ތެރެއިންނެވެ.

ވިލިނގިލީ އާ ބަނދަރު ސަރަހައްދުގައި ހުންނަ ބޭންކް އޮފް މޯލްޑިވެސްގެ ބްރާންޗުގެ ފްރާޅުން ޓިނު ނަގައިގެން ވަނުމަށްފަހު އެ ބޭންކުގެ ތިޖޫރީ ހަލާކުކޮށްލައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް ވަގަށް ނެގީ މިދިޔަ އާދީއްތަ ދުވަހުގެ ރޭ އެވެ.

ވަގަށް ނެގި ފައިސާގެ ތެރެއިން 14 މިލިއަން ފެނިފައިވާ އިރު، ބީއެމްއެލް ވިލިނގިލީ ބްރާންޗް ފަޅާލައި ނެގި ފައިސާގެ އަދަދެއް މިހާތަނަށް ޔަގީނެއް ނުވެ އެވެ. އަދި އެ ފައިސާގެ އަދަދެއް މިހާނަތަށް ފުލުހުންނާއި، ބޭންކު އޮފް މޯލްޑިވްސްއިން ވެސް ހާމަކޮށްފަ އެއް ނުވެ އެވެ. މިއީ މިފަދަ ގޮތަށް ރާއްޖޭގެ ބޭންކެއް ފަޅާލައިގެން ކޮށްފައިވާ އެންމެ ބޮޑު ވައްކަމުގެ މައްސަލަ އެވެ.