މޯލްޑިވްސް ޕޮލިސް ސާވިސް

މާލީ ބަޣާވާތުގައި އެއްވެސް މީހަކާ ސުވާލެއް ނުކުރަން: ޕޮލިސް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ހިންގި ކަމަށް ބުނާ މާލީ ބަޣާވާތުގެ ތަހުގީގު މިހާތަނަށް އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ބީއެމްއެލް އިން މާލީ ބަޣާވާތެއް ގެންނަން އުޅުނު ކަމަށް ތުހުމަތުކުރީ ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ނިންމި ނިންމުމަށްފަހު އެ ދުވަހު ހިނގާދިޔަ ބައެއް ކަންކަމަކީ "ބަޣާވާތެއްގެ" ސިފަ ހުރި ކަންތައްތަކެއް ކަމަށް ބުނެ އެވެ.

ބީއެމްއެލްއާއި އެމްޑީޕީގެ ބައެއް ބޭފުޅުން އެއްވެގެން މާލީ ބަޣާވާތެއް ހިންގަން އުޅުނު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އޮތް ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ވިދާޅުވި އެވެ. އެހެންވެ ހަމަ އެރޭ ފުލުހުން ވަނީ ބަޔާނެއް ނެރެ މާލީ ބަޣާވާތް ތަހުގީގުކުރަމުންދާ ކަމަށް ބުނެފަ އެވެ.

ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވި ގޮތުގައި މިވަގުތު ފުލުހުން ކުރާ ކަމަކީ މާލީ ބަޣާވާތާ ގުޅޭ މައުލޫމާތު އެއްކުރުމުގެ މަސައްކަތެވެ. މިމައްސަލައިގައި ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދެވޭ ވަރަށް ހެކި ހުރިތޯ ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަދި އެއްވެސް ފަރާތަކާ ސުވާލުކޮށް ބަޔާނެއް ނަގާފައެއް ނުވާނެ،" ޝިފާއު ވިދާޅުވި އެވެ.

ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓް ކުރަން މިދިޔަ މަހު ނިންމި ނިންމުމާ ގުޅިގެން ކުރެވުނު ބޮޑު ތުހުމަތާ އެކު ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ރާއްޖޭން ބޭރަށް ވަޑައިގެން ވަނީ އިސްތިއުފާ ހުށަހަޅުއްވާފަ އެވެ.