ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރުދިން މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ އަބްލޮރް މައިދް ޔޮސެފްގެ ނަމުގައި ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ މީހަކު ރައީސް މުއިއްޒަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.
މަރުގެ އިންޒާރު ދިނީ ކޮންއިރަކު ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލައިގެ އިތުރު ތަފުސީލެއްވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ރައީސް މުއިއްޒަށް މީގެ ކުރިންވެސް މީހަކު ވަނީ މަރުގެ އިންޒާރުދީފަ އެވެ.
އެ ގޮތުން ރައީސް މުއިއްޒު، މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އެމަނިކުފާނުގެ އަނބިކަނބަލުންގެ ފޯނަށް ކާކުކަން ނޭނގޭ ރާއްޖެއިން ބޭރުގެ ނަންބަރަކުން މެސެޖުކޮށް އެމަނިކުފާނަށް ހަމަލާދޭނެ ކަމަށް ބުނެ ބިރުދައްކާ މަރުގެ އިންޒާރުދީފައިވެ އެވެ.