ދިވެހި ފުލުހުން ސިޔާސީ ކަންކަމުގެ ތެރެއަށް ނުވެއްދުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އިލްތިމާސްކުރައްވައިފި އެވެ.
މިނިސްޓަރު މިކަމަށް އިލްތިމާސް ކުރައްވާފައި މިވަނީ ބީއެމްއެލްގެ ދިވެހި ރުފިޔާ އެކައުންޓްތަކުން އެމެރިކާ ޑޮލަރުގެ މުއާމަލާތް ނުކުރެވޭ ގޮތް ހަދައި އަދި ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކޮށް ބީއެމްއެލް އިން މިދިޔަ އާދިއްތަ ދުވަހު ހެނދުނު ނިންމި ނިންމުމަށްފަހު އެ ދުވަހު ހިނގާދިޔަ ބައެއް ކަންކަމަކީ "ބަޣާވާތެއްގެ" ސިފަ ހުރި ކަންތައްތަކެއް ކަމަށް ބުނެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރަން ނިންމުމާ އެކު އެ އިދާރާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކާ ގުޅިގެންނެވެ.
ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން މިނިސްޓަރު އިހްސާން ވެސް މިއަދު ވިދާޅުވީ ބޭންކުގެ ނިންމުމާ ގުޅިގެން އެތައް ބަޔަކަށް އަސަރުތަކެއް ކުރި ކަމަށާއި އަދި ބޭންކްގެ ނިންމުމަށްފަހު ހިނގާދިޔަ ކަންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އެ ވަގުތުގެ ތެރޭގައި ރައީސްގެ އިސްތިއުފާ އަށާއި މަގުމައްޗަށް މީހުން ނިކުމެ ސަރުކާރު ވައްޓާލަންވެސް ގޮވާފައިވާ ކަމަށް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ބީއެމްއެލްގެ ނިންމުމާ އެކު ގިނަ ކަންތައްތަކެއް އިއްތިފާގުން ހިނގުމަކީ ސުވާލު އުފެދޭ ކަންތައްތަކެއް ކަމަށެވެ. އެހެންވެ އެކަންކަމުގެ ހަގީގަތްތައް އެނގޭނީ ތަހުގީގީ އިދާރާއަކުން ތަހުގީގުކޮށް ބެލުމުން ކަމަށެވެ. ފުލުހުން ކުރަން އެ އުޅޭ ކަމަކީ އެ ދުވަހު ހިނގާދިޔަ ކަންކަން ބެލުން ކަމަށާއި ކަމުގެ ހަގީގަތް އެނގޭނީ ތަހުގީގުކޮށްގެން ކަމަށްވާތީ ފުލުހުން ސިޔާސީ ނުކުރަން މިނިސްޓަރު އެދިވަޑައިގެންނެވި އެވެ.
"ފުލުހުން ތަހުގީގެއް ފެށުމަކީ އަދި ގޮތެއް ނިންމުމެއް ނޫން. އޭގެ މާނައަކީ އެކަން ބަލާނަމޭ. ބަލާފައި ކަމެއް އޮތިއްޔާ އެކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނަމޭ. ކަމެއް ނެތިއްޔާ ނެތްވާހަކަވެސް ރައްޔިތުންނަށް އަންގަދޭނަމޭ. މިއީ ތަހުގީގު ކުރުމުގެ ބޭނުމަކީ. އެކަމަކު މި ތަހުގީގު ފެށުމުން ކޮމިޝަނަރުގެ އިސްތިއުފާއަށް ގޮވަން ފަށައިފި. މިއީ ވަރަށް ޣައިރު ޒިންމާދާރު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
އިހްސާން އިތުރަށް ވިދާޅުވީ ފުލުހުން މިމައްސަލަ ތަހުގީގު ކުރާނެ ކަމަށާއި މިއީ އެއްވެސް މީހަކު ހާސްވެ ފިކުރު ބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށެވެ.
ބީއެމްއެލްގެ ނިންމުމާ އެކު ހިނގާދިޔަ ކަންކަން ތަހުގީގުކޮށް މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފަ އެވެ.