މޯލްޑިވްސް ޕޮލިސް ސާވިސް

އޭސީޕީގެ މަގާމަށް ދާއޫދު ޕްރޮމޯޓްކޮށްފި

ފުލުހުންގެ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދަށް މަގާމުގެ ކުރިއެރުންދީ އެސިސްޓެންޓް ކޮމިޝަނާ (އޭސީޕީ)ގެ މަގާމަށް މިއަދު ހަމަޖައްސައިފި އެވެ.

ފުލުހުންގެ އިދާރީ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން އޭސީޕީގެ މަގާމަކީ ޕްރޮމޯޝަން ދެވޭނެ އެންމެ އިސް މަގާމެވެ.

އޭސީޕީގެ މަގާމުގެ މައްޗަށް ދެން ތިއްބަވަނީ ކޮމިޝަނާ އޮފް ޕޮލިސް އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އެވެ. މި ދެ މަގާމަކީވެސް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މަގާމެކެވެ.

ދާއޫދޫ އޭސީޕީގެ މަގާމަށް ހަމަޖައްސައި އޭނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެވެ.

ދާއޫދަށް މިއަދު މަގާމުގެ ކުރިއެރުން ދިންއިރު އޭނާއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޕޮލިސް ބޯޑުން މަގާމުން ވަކިކުރަން ނިންމި ހަތް އޮފިސަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.

މަގާމުން ވަކިކުރަން ނިންމި ބޭފުޅުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ އެ އޮފިސަރުން ވަޒީފާ އިން ވަކިކުރަން ނިންމި ނިންމި ބާތިލްކޮށްފަ އެވެ. ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އަޑުއެހުންތައް ކުރިއަށް އެބަދެ އެވެެ.