ހަބަރު

އެމްޑީޕީގެ އެކްޓިވިސްޓުން މާލޭގައި މުޒާހަރާކޮށްފި

Nov 22, 2018
6

ވެރިކަން ކުރާ ޕާޓީ، އެމްޑީޕީގެ ހަރަކާތްތެރި އެކްޓިވިސްޓުން މިއަދު މާލޭގައި މުޒާހަރާކޮށްފި އެވެ.

އެމްޑީޕީ ޖަގަހަ ކުރިމަތިން ފެށި މުޒާހަރާ ބޮޑުތަކުރުފާނު މަގުން ކުރިއަށް ގެންދިޔަ އެވެ. އެގޮތުން އެކްޓިވިސްޓުންގެ މިސްރާބު ހުރީ ރައީސް އޮފީހާ ދިމާލަށެވެ.

ގްރީން ޒޯނަށް ނުވަދެވޭ ގޮތަށް ފުލުހުން ބެރިކޭޑް ބޮޑުތަކުރާފާނު މަގު، ބީއެމްއެލް ބްރާންޗް ކައިރީގައި ޖަހާފައި ހުއްޓެވެ. ނަމަވެސް އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެމްޑީޕީގެ އެކްޓިވިސްޓުން މިއަދު ހަވީރު މަގުމައްޗަށް ނުކުތީ އެ ޕާޓީގެ އެކްޓިވިސްޓެއް ކަމަށްވާ އަލީ ހާޝިމް، ސްމިތް ހައްޔަރުކޮށްފައިވާތީ އޭނާ ދޫކޮށްލުމަށް ގޮވާލުމަށެވެ.

ސްމިތް ހައްޔަރުކުރީ ޕީޕީއެމްގެ އެކްޓިވިސްޓެއް އަދި ކުރީގެ ސްޓޭޓް މިނިސްޓަރު ސިއްދީގަށް ހަމަލާދިން ކަމުގެ ތުުމަތުމަތުގަ އެވެ. އެ ދެ މީހުންގެ ދެމެދުގައި ހިނގި އަރާރުމެއްގައި ސްމިތް، ސިއްދީގަށް ހަމަލާދީފައިވާ ކަމަށް ބުނެ ހައްޔަރުކޮށްފައިވާއިރު އޭނާގެ ބަންދަށް ހަތް ދުވަސް ވެސް ކުރިމިނަލް ކޯޓުން ވަނީ ޖަހާފަ އެވެ.

އޭނާ ދޫކޮށްލުމަށް ގޮވާލުމުގެ އިތުރުން ނިމިގެން ދިޔަ ދައުރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ވެސް އެމްޑީޕީގެ އެކްޓިވިސްޓުން މިއަދު ވަނީ ގޮވާލާފަ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހިޔާލު ފާޅުކުރުމާއި ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ދީފައިވާ މިންވަރަށް ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.