ދިވެހި ޕްރެމިއާ ލީގް

ދަގަނޑޭގެ ހެޓްރިކުން ޓީސީން ޗެމްޕިއަންކަމާ ފިޔަވަޅަކާ ގާތަށް

އަލީ އަޝްފާގް 'ދަގަނޑޭ' ކާމިޔާބު ކުރި ހަތަރު ލަނޑުން، ފ. ނިލަންދޫގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ހޯދައި ދިވެހި ޕްރިމިއާ ލީގްގެ ޗެމްޕިއަންކަން ހޯދުމާ ފިޔަވަޅަކާ ގާތަށް ޓީސީ ސްޕޯޓްސް ކުލަބު ޖެހިލައިފި އެވެ.

މިއަދުގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު 39 ޕޮއިންޓް ހޯދާފައިވާ، ޓީސީއަށް ލީގް ހޯދަން ދެން ބޭނުން ވަނީ އެންމެ މެޗެކެވެ. އަންނަ އާދިއްތަ ދުވަހު މާޒިޔާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން، ޓީސީއަށް ލީގް ޗެމްޕިއަންކަން ކަށަވަރު ކުރެވޭނެ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ޓީސީއާ ދމެދު ހުރީ ފަސް ޕޮއިންޓެވެ. އެ މެޗު ކާމިޔާބު ކޮށް މާޒިޔާއާ ދެމެދު ހުރި ޕޮއިންޓްގެ ފަރަގުވެސް ހަތް ޕޮއިންޓަށް ފުޅާ ކުރެވޭނެ އެވެ.

ނިލަންދުއާ ދެކޮޅަށް ކުޅުނު މެޗުގައި، ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 23 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އަބްދުﷲ އައްޒާމް 'އެޑޫ' އެވެ. ޓީސީގެ ދެ ވަނަ ލަނޑު އަޝްފާގް ކާމިޔާބު ކުރީ މެޗުގެ 34 ވަނަ މިނެޓްގަ އެވެ. ތިން ވަނަ ލަނޑު އިޝާން އިބްރާހިމް 'ސައްޓު' ކާމިޔާބު ކުރީ އޭގެ ހަތަރު މިނެޓް ފަހުންނެވެ.

ތިން ލަނޑުގެ ލީޑެއްގައި ޓީސީ އޮވެގެން، ފުރަތަމަ ހާފު ނިންމާލިރު، ދެ ވަނަ ހާފުގައިވެސް، ނިލަންދޫއިން ވަނީ މެދުތެރެއިން ބޯޅަ ހޯލްޑްކޮށްގެން ރަނގަޅު ގޭމެއް ކުޅެން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ޓީސީގެ ތަޖުރިބާކާރު ކުޅުންތެރިން ގާތު އެ ޓީމަށް އެދެވޭ ހަމަލާއެއް ޓީސީގެ ގޯލަށް ފޮނުވާ ނުލެވުނެވެ.

ނިލަންދޫގެ ކޯޗް، ކުރީގެ އެއް ވަނަ ފޯވަޑް އާދަމް އަބްދު ލަތީފު 'ލައްޗޭ' ބުނީ އެ ޓީމުން ކުޅެން ބޭނުންވި ގޭމް ޓީސީގެ ވަރުގަދަ ޓީމުގެ ގާތު ކުޅެވޭ ގޮތް ނުވި ކަމަށެވެ. އޭނާ ބުނީ، ކުރިއަށް އޮތް ދެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށާއި ރާއްޖެ ތެރެއިން އައި ޓީމުތަކުގެ ތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމަކަށްވާން އެ ޓީމުން ބޭނުންވާ ކަމަށެވެ.

ދެ ވަނަ ހާފުގައި، ޓީސީއަށް ނިލަންދޫގެ ގޯލް ހުޅުވައިދިނީ އަޝްފާގް އެވެ. އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ މެޗުގެ 59 ވަނަ މިނެޓްގަ އެވެ. އޭގެ ތިން މިނެޓް ފަހުން އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' ވަނީ، ޓީސީގެ ފަސް ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަޝްފާގް ހެޓްރިކު ހެދީ 77 ވަނަ މިނެޓްގަ އެވެ. އަދި 79 ވަނަ މިނެޓްގައި އޭނާގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި އެވެ.

އޭގެ ފަހުންވެސް އިތުރު ލަނޑެއް ޖަހާނެ ފުރުސަތުވެސް އޭނާއަށް ލިބުނެވެ. ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ހުރަސް އަޅަން ހުރީ ނިލަންދޫގެ އެންމެ ޑިފެންޑަރެކެވެ. އަޝްފާޣް މަސައްކަތް ކުރީ ޑިފެންޑަރު ނައްޓާލުމަށް ފަހު ދާށެވެ. ޑިފެންޑަރު ނައްޓާލުމަށް ފަހު ގޯލްގެ ކަނަށް ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ އެ މެޗުން ތިން ޕޮއިންޓް ލިބުމަކީ ލީގް ޑިސައިޑް ކުރަން އޮތް މެޗަށް ދާއިރު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.