ހަބަރު

ފޮރިން ސެކްރެޓަރީކަމަށް އަބުދުލްގަފޫރު މޫސާ އައްޔަންކޮށްފި

ފޮރިން މިނިސްޓްރީގެ ސެކްރެޓަރީގެ މަގާމަށް އަބުދުލްގަފޫރު މޫސާ އައްޔަން ކުރައްވައިފި އެވެ.

އެމަގާމަށް އަބުދުލްގަފޫރު އައްޔަން ކުރައްވާފައިވަނީ މިއަދު އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ނިމުނުއިރު އެ މަގާމުގައި ހުންނެވީ، އަހުމަދު ސަރީރެވެ. އޭނާ އެ މަގާމުން ވަކިވެވަޑައިގެންފައިވާއިރު އޭނާގެ ކުރިން އެ މަގާމުގައި ހުންނެވީ އަލީ ނަސީރެވެ.

ގަފޫރުގެ އިތުރުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ގ. އުތުރުގެ އަހުމަދު ހަލީލްވެސް ވަނީ އައްޔަން ކުރައްވާފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މ. ލަކްސްލިން ނީޒާ އިމާދް އައްޔަން ކުރައްވާފައިިވާއިރު، އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ރައީސް އައްޔަން ކުރައްވާފައިވަނީ ދަފްތަރު ނަންބަރު ރސ. 1800 މުހައްމަދު ތޯރިގެވެ.

އޭގެ އިތުރުން ރައީސް ސޯލިހުގެ ހާއްސަ މަންދޫބުގެ މަގާމު، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރަށް ދެއްވާފަ އެވެ. އަދި އިންފްރާސްޓްރަކްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އަކްރަމް ކަމާލުއްދީން މިއަދު ހަމަޖައްސާފައިވާއިރު، މިނިސްޓަރު އޮފް ސްޓޭޓް ފޯ ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަގެ މަގާމަށް އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްވެސް ވަނީ އައްޔަން ކުރައްވާފަ އެވެ.