ހަބަރު

އަނަސް މާފަންނު މެދު ދާއިރާއަށް ކުރިމަތިލައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށް އެޕާޓީގެ ސެކެޓަރީ ޖެނަރަލް އަނަސް އަބްދުލް ސައްތާރު ވިދާޅުވެއްޖެ އެވެ. އޭނާ ވާދަ ކުރަން ނިންމާފައިވަނީ މަޖިލީހުގެ މާފަންނު މެދު ދާއިރާއަށެވެ.

އަނަސް މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެދާއިރާގެ ރައްޔިތުން އޭނާއަށް ވޯޓް ދެއްވުމަށްވެސް އެދިފައި ވެއެވެ.

އަނަސް މަޖިލީހަށް ވާދަކުރަން ނިންމާފައިވާއިރު، ކާށިދޫ ދާއިރާއަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީއަކަށް ދާދިފަހުން އައްޔަން ކުރެއްވި ވިޔަފާރި ވެރިޔާ އަބުދުﷲ ޖާބިރުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި ގާނޫނީ ވަކީލް މޫސާ ސިރާޖު ފޮނަދޫ ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ލޯޔަރުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ، ލޯޔަރު ހިސާން ހުސެއިން ތުޅާދޫ ދާއިރާއަށް ކުރިމަތިލައްވަން ނިންމަވާފައިވެއެވެ.

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް އެ ޕާޓީއިން މިއަދު ވަނީ ބުނެފަ އެވެ. ވާދަ ކުރާނެ ދާއިރާތައް މި މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރާނެ ކަމަށް ބުނެފައިވަނީ އެމްޑީޕީއިން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ބައްދަލުވުމުގައި އެކުލަވާލި ޓައިމްލައިންގަ އެެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ޓައިމްލައިންގައިވާ ގޮތުން މި މަހުގެ 30 ވަނަ ދުވަހު ވާދަ ކުރާނެ ދާއިރާތައް އިއުލާން ކުރުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ހުޅުވާލާނެ އެވެ. ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާއިރު ކުރިމަތިލާ ދާއިރާގެ 200 މީހުންގެ ތާއިދު ސޮއި ހުށަހަޅަންޖެހެ އެވެ.

ވޯޓާސް ލިސްޓް އާންމުކުރުމާއި ޝަކުވާ ހުށަހަޅަން ފުރުސަތު ޑިސެމްބަރު މަހު ދިނުމަށްފަހު ޕްރައިމަރީތައް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ޓައިމްލައިންގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.

ބުރާސްފަތި ދުވަހު އެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހުގައި އަންނަ މަޖިލީހުގައި ހިމެނޭ 87 ދާއިރާއަށް ވެސް ކުރިމަތިލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ. ސަތޭކައަށްވުރެ ގިނަ މެންބަރުން ތިއްބަވާ ގައުމީ މަޖިލީހުގެ އެންމެ މެންބަރެއް ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ތާއިދުކުރައްވާފަ އެވެ. ނަމަވެސް ގައުމީ މަޖިލީހުން އަދި އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ.