ހަބަރު

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް އާސަންދަ ހިދުމަތްދޭން ފަށައިފި

ހުސްނުވާ އާސަންދަ ސްކީމްގެ ހިދުމަތް ހޯދާ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް މިއަދުން ފެށިގެން އެކާޑަށްވެސް ހިދުމަތް ލިބޭނެ ކަމަށް އާސަންދަ ކުންފުނިން ބުނެފި އެވެ.

އާސަންދަ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ހޯދާ ފަރާތުން ހުށަހަޅާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ މުއްދަތު ހަމަވެފައިވީ ނަމަވެސް އެކާޑަކީ ހިދުމަތް ހޯދާ ފަރާތްކަން ކަށަވަރުކޮށް، ސްކީމްގެ ދަށުން ހިދުމަތް ލިބޭނެ ކަމަށެވެ. އަދި މި ބަދަލާއެކު މުއްދަތު ހަމަވެފައިވާ އައިޑީއާޑަށް އާސަންދައިގެ ހިދުމަތް އެއްވެސް ހުރަހެއްނެތި މިއަދުން ފެށިގެން ލިބޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ހުސްނުވާ އާސަންދައިގެ ހިދުމަތް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށްވެސް ލިބޭނެ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުސްނުވާ އާސަންދަގެ ހިދުމަތް އިފްތިތާހް ކޮށްފައިވަނީ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުގައި 2014 ވަނަ އަހަރު އެވެ.