ސަރުކާރުން އެޅި ފިޔަވަޅުތަކާއެކު އާސަންދަ އާއި ސަބްސިޑީއަށް ކުރި ހޭދަ ދަށަށް ހިނގައްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް ދައްކާ ގޮތުން މިމަހުގެ ފަސް ވަނަ ދުވަހާ ހަމައަށް އާސަންދަ އާއި ސަބްސިޑީއަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށްވެފަ އެވެ.
އެގޮތުން އާސަންދައަށް މި އަހަރު ހޭދަކޮށްފައިވަނީ 1.88 ބިލިއަން ރުފިޔާ އެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އާސަންދައަށް ހޭދަކުރި 1.98 ބިލިއަން ރުފިޔާއަށްވުރެ 101.5 މިލިއަން ރުފިޔާ -- ފަސް ޕަސެންޓް ދަށްވުމެކެވެ.
އާސަންދައަށް މި އަހަރުގެ ބަޖެޓުގައި 1.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސަބްސިޑީއަށް މި އަހަރު 3.44 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީއަށް ހޭދަކުރި 3.67 ބިލިއަން ރުފިޔާއަށްވުރެ 233.3 މިލިއަން ރުފިޔާ -- 6.3 ޕަސެންޓް ދަށް އަދަދެކެވެ.
ސަބްސިޑީއަށް ކުރި ހޭދަ މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވި ނަމަވެސް، މިއަހަރުގެ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ ސަބްސީޑީ ހަރަދު ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅީ 2.8 ބިލިއަން ރުފިޔާ އެވެ.
އާސަންދަ އާއި ސަބްސިޑީ ދިނުމުގައި ވަމުންދާ އިސްރާފު ކުޑަކުރަން ސަރުކާރުން ވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
އެ ގޮތުން އާސަންދަ ސްކީމުގެ ދަށުން އެންމެ ގިނައިން ދޫކުރެވޭ 250 ބޭހުގެ އަގަށް ގެންނަ ބަދަލާއެކު އަހަރަކު 220 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ -- އެންސްޕާ އިން ވަނީ ބުނެފަ އެވެ.