ރައްޔިތުންގެ މަޖިލިސް

ވެރިކަން ކުރެވޭ އުމުރު ބަދަލުކުރަން އުޅެނީ އަވަސް އަރުވާލައިގެން: އެމްޑީޕީ މެންބަރުން

ވެރިކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމަށް، ގާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުގައި އެޖެންޑާކޮށް ބަހުސް ފެށުމާ އެކު، މިވަގުތު ގާނޫނު އަސާސީއަށް އިސްލާހުތައް ގެނައުމަށް ތާއީދު ނުކުރާ ކަމަށް އެންމެ ބޮޑު ޕާޓީ އެމްޑީޕީގެ މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.

ވެރިކަމަށް ކުރިމަތިލެވޭ އުމުރު މަތިކުރުމަށް ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ގާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިސްލާހުގެ ބިލް މިއަދު ވަނީ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފަ އެވެ.

އެ ބަހުސްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ހުރި އިރު، ކުއްލި ގޮތަަކަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް އިދިކޮޅު ޕާޓީގެ ފަރާތުން އިއްޔެ ހުށަހަޅައި އަވަސްކޮށްލައިގެން މިއަދު މަޖިލީހުގައި އެޖެންޑާ ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަކީ އެހާ ފަސޭހައިން ކުރާ ކަމަކަށް ވެގެން ނުވާނެ ކަމަށާއި އެއީ ސިޔާސީ ފަރާތްތަކުން މަޝްވަރާކޮށް ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އަސްލަމު ވިދާޅުވި އެވެ.

"ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ވެސް މި ހުރިހާ ކަމެއް އޮއްވާ، އިރިއިރުކޮޅާ ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅަން ބިލް ހުށަހަޅައި އެކަންކަމާ މެދު ވަގުތު ދުއްވާލުމަކީ އަޅުގަނޑުމެންނަކަށް ނުފެނޭ މިއީ ކުރަން ޖެހޭ ކަމެއް ކަމަކަށް. ގާނޫނު އަސާސީއަށް ބަދަލު ގެންނަން ޖެހޭނީ ލެޖިސްލޭޓިވް ރަނގަޅު އެޖެންޑާއެއްގެ ތެރެއިންނޭ އަޅުގަނޑުމެން ދެކެނީ،" ޕީޖީ ލީޑަރު އަސްލަމް ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ މިހާރުގެ ސަރުކާރުން ހުށަހަޅާފައިވާ މުހިންމު އެތައް ބިލެއް އަދި ބަޖެޓްވެސް ކުރިމަތީގައި އޮއްވާ، ގާނޫނު އަސާސީ އިސްލާހު ކުރުމަށް މަޖިލީހުން އަވަސްވެ ގަތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އީވާ ވިދާޅުވީ އާ ރައީސްއަކު ފަސް އަހަރުގެ ދައުރަކާ ހަވާލުވިތާ އަދި މިވީ ހަފްތާއެއް ކަމަށާއި ވެރިކަމަށް ކުރިމަތިލެވޭ ޝަރުތުތަކަށް ބަދަލު ގެނައުން މިވަގުތަށް އަވަސް އަރުވާލައިގެން އުޅެން ނުޖެހޭ ކަމަށެވެ. މަޖިލީހުން ކުރަންވީ، ރައްޔިތުންނާ ގުޅުން ހުރި މަސައްކަތްތައް ކަމަށް ވެސް އީވާ ވިދާޅުވި އެވެ.

"ގާނޫނު އަސާސީގައި ހުރިކަންކަން ކުއްލިއަކަށް ބަދަލުކުރުން މިއީ މިއަދު އަޅުގަނޑުމެން އިސްވެ ކުރަން ޖެހޭ މަސައްކަތެއް ނޫން. ރައްޔިތުން މަޖިލީހުގައި އަޅުގަނޑުމެން ކުރަންވި މަސައްކަތަކީ ސީދާ ރައްޔިތުންނާ ގުޅޭ މަސައްކަތް. މިހެން ބަދަލުތައް އަންނަ އިރު އަޅުގަނޑުމެން ބޭނުން ވަނީ އަޅުގަނޑުމެންނާ މަޝްވަރާ ކުރެވިގެން ސިޔާސީ ޕާޓީތަކުގެ ތެރޭގައި ވެސް މަޝްވަރާ ކުރެވިގެން ރަނގަޅު ލެޖިސްލޭޓިވް އެޖެންޑާއެއްގެ ތެރެއިން، ކޮންމެވެސް ތަރުތީބަކުން، ހަރުދަނާ އުސޫލަކުން މިކަން ކުރުން،" އީވާ ވިދާޅުވި އެވެ.

އެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، މަޖިލީހުގެ މި ދައުރު ނިމި ޗުއްޓީއަށް ދިޔުމުގެ ކުރިން، މަޖިލީހަށް ހުށަހެޅިފައި ހުރި ބިލްތަކުގެ މަސައްކަތް ނިންމަން، ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުންނާ އިއްޔެ މަޝްވަރާކުރެއްވި ކަމަށެވެ. އަދި މަޖިލީހަށް މިވަގުތު ހުށަހެޅިފައި ހުރި ހުރިހާ ބިލެއް ވެސް އެޖެންޑާކޮށްފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވަމުން، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު، ލޯޔަރު ވައްޑެ ވިދާޅުވީ އިދިކޮޅު ޕާޓީއެއް ކަމަށް ބުނާ ބަޔަކު މާ ރަނގަޅު ބަޔަކަށް ދެއްކެވެގެން ބިލްތަކެއް މަޖިލީހަށް ވައްދަމުން ދާ ކަމަށެވެ. އަދި ކުރިން ކަންކުރަމުން އައި އުސޫލުން އެކަހަލަ ބިލްތައް އަވަސް އަރުވާލައިގެން އެޖެންޑާކޮށް ކުރިއަށް ގެންދާ ނަމަ، އެއީ އިސްލާހުވާން ޖެހޭ ކަމެއް ކަމަށް ވެސް ލޯޔަރު ވައްޑެ ވިދާޅުވި އެވެ.