ދިވެހި ޕްރެމިއާ ލީގް

ފުޓްބޯޅައިގެ "ބިއުޓީ" މިއަދު ފެންނާނެ: ޓީސީ، މާޒިޔާގެ އިމްތިހާން

ދިވެހި ޕްރިމިއާ ލީގް ހޯދުމުގެ ރޭހުން ޓީމުތައް އުނިވަމުން ގޮސް، ދެ ޓީމަށް ބަދަލުވި ހިސާބުން ލީގްގެ ފޯރި ދިޔައީ ގަދަ ވަމުންނެވެ. މިދިޔަ އާދިއްތަ ދުވަހަކީ ލީގްގައި ފޯރިގަދަ އެއް މެޗު ކުޅެވުނު ދުވަހެވެ. ލީގަށް މިހާރު ވާދަ ކުރާ ޓީސީ އާއި މާޒިޔާގެ ކުރިމަތިލުމުން، މާޒިޔާ މޮޅުވުމުން ލީގްގެ ފޯރި ބަނޑުންވީ، ލީގްގެ ފަހު ދުވަހަށެވެ.

މާޒިޔާ އާއި ޓީސީން ލީގް ހޯދިޔަސް އެކަން ބިނާވާނީ އެންމެ ފަހު މެޗުންނެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ ފުޓްބޯޅައިގެ ބިއުޓީ ދެން ފެންނާނެ ކަމަށެވެ. ލީގް ފަހު މެޗުގައި، މިރޭ ޓީސީ ނިކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. މިދިޔަ އާދިއްތަ ދުވަހު، މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރު ކޮށްލައިގެންވެސް ޓީސީއަށް ލީގް ކާމިޔާބު ކުރެވެން އޮތެވެ. ނަމަވެސް އެ މެޗުން ބަލިވުމުން، އެންމެ ފަހު މެޗަށް ޓީސީގެ އިންތިޒާރު ދިގުވީ އެވެ.

އެ މެޗަށް ފަހު ނިޒާމް ބުނީ، މެޗުން ބަލިވުމުން ލިބުނީ އިތުރު ހިތްވަރެއް ކަމަށާއި ފަހު މެޗުގައި މޮޅުވެގެން ލީގް ހޯދުމަށް އިތުރަށް އުންމީދު އާ ވެގެން ހިނގައްޖެ ކަމަށެވެ.

"މިހިސާބުން ކަންނޭންގެ ލީގެއް ވިން ކުރުމުގެ ބިއުޓީ ދެން އަންނާނީ،" ނިޒާމް ވާހަކަ ދެއްކި އެވެ. "އަމިއްލަ ބާރުގައި ގޮސް ލީގްގެ އެންމެ ފަހު މެޗު ވިން ކުރީމަ ކަންނޭންގެ މީތި އެންމެ ފުރިހަމަ ވާނީ، މިހާރު މީންދީ ވަރަށް ރަނގަޅަށް ކަމަށް ބެލެވެނީ."

ޓީސީ އާއި އީގަލްސް ކުޅޭ މެޗު ބަލަން ކެތްތެރިކަމާއެކު ތިބޭނެ ބަޔަކީ މާޒިޔާގެ ކުޅުންތެރިންނާއި އެ ޓީމުގެ މެނޭޖުމެންޓެވެ. އެއީ މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް މާޒިޔާ ކުޅޭ މެޗުން މޮޅުވެ، މާޒިޔާއަށް ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ ލިބޭނެ އެވެ. މިވަގުތު ނިއު ރޭޑިއަންޓް އޮތް ހާލަތަށް ބަލާއިރު، އެއީ މާޒިޔާއަށް ނުކުރެވޭނެ ކަމެކޭ ބުނެވޭކަށް ނެތެވެ. ރޭގަނޑުގެ މެޗަށް މާޒިޔާއިން އިންތިޒާރު ކުރާނެތީ، މިއަދު ހަވީރު ކުޅޭ މެޗުވެސް ފޯރިގަދަވެގެންދާނެ އެވެ. މިއަދު ވެގެންދާނީ ރާއްޖޭގެ ފުޓްބޯޅަ އަށް އަންނަ ބްލޮކްބަސްޓާ އީދެއްގެ ގޮތުގަ އެވެ.

މެޗުން މޮޅުވެގެން އީގަލްސްއަށް ތާވަލުގެ މަގާމަށް ބަދަލެއް ގެނެވެން ނަމަވެސް، އީގަލްސްއިން ނިކުންނަނީ ސީޒަންގައި ނިންމާލެވެން އޮތް އެންމެ ރަނގަޅަކަށް ނިންމާލުމުގެ އަމާޒުގަ އެވެ.

އެ ޓީމުގެ ކޯޗް މުހައްމަދު ޝިޔާޒު 'މޯހަން' ބުނީ އީގަލްސްއިން އެންމެ ދުލެއްވެސް ނުދޭނެ ކަމަށާއި ކާމިޔާބު ކަމާއެކު ސީޒަންގެ ފަހު މެޗުވެސް ނިންމާލަން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން އީގަލްސްއިން އެންމެ ދުލެއްވެސް ނުދޭނަން، އަޅުގަނޑުމެންނަށް އެނގޭ އަޅުގަނޑުމެންގެ މަގާމަށް ބަދަލެއް ނާންނާނެ ކަންވެސް،" ނިއު ރޭޑިއަންޓާ ދެކޮޅަށް މިދިޔަ އާދިއްތަ ދުވަހު ކުޅުނު މެޗަށް ފަހު މޯހަން ބުންޏެވެ. "އެހެންނަމަވެސް އަޅުގަނޑުމެން ނިކުންނާނީ އީގަލްސްގެ ފުލް ސްޓްރެންތުގައި، އަޅުގަނޑުމެން ބޭނުން އެންމެ ފަހު މެޗުވެސް ކާމިޔާބުކޮށްގެން ނިންމާލަން."

އީގަލްސް އިން ޓީސީ ބަލިކޮށްފިނަމަ، މިއަދުގެ ހަވީރު ކުޅޭ މެޗުން މާޒިޔާ މޮޅުވުމުން އެ ޓީމަށް ލިބޭ އެއް ވަނަ މާގާމު ދާއިމީވެ ލީގް ޗެމްޕިއަންކަން ކަށަވަރު ވެގެންދާނެ އެވެ.