ހަބަރު

އދ. ގައި އިޒްރޭލާ ދެކޮޅަށް ރާއްޖެއިން އަޑު އުފުލައިފި

Nov 30, 2018
15

އދ. ގެ 73 ވަނަ ޖެނެރަލް އެސެމްބްލީގައި، ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ރާއްޖެއިން އަޑު އުފުލައިފި އެވެ.

އދ. ގެ އެސެމްބްލީގައި ރާއްޖޭގެ ފަރާތުން ބައިވެރިވެ، ފޮރިން މިނިސްޓްރީން ބުނީ، އިޒްރާއީލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ދުނިޔޭގެ ގާނޫނުތަކާއި ހިލާފަށް ހިންގަމުން ގެންދާ ޓެރަރިސްޓް އަމަލުތައް ވަގުތުން ހުއްޓާލުމަށްވެސް ރާއްޖެއިން ގޮވާލާފައި ވެއެވެ.

ރާއްޖެއިން ވަނީ ހަނގުރާމަ ހުއްޓާލައި ދެގައުމުން އެއްބަސްވުމަކަށް ދިއުމަށް ފަލަސްތީނުގެ ސަރުކާރާއެކު އިޒްރާއިލުން މަޝްވަރާތައް ފަށުމަށްވެސް ގޮވާލާފަ އެވެ.

ރާއްޖެއިން ވަނީ މިއަހަރު ބޭއްވި އޯއައިސީގެ ކުއްލި ބައްދަލުވުމުގައި ވެސް ބައިވެރިވެ ފަލަސްތީނުގެ ރައްޔިތުންނާމެދު އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާމެދު އަޑުއުފުލާފަ އެވެ. އެބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ އޭރު ފޮރިން މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު އާސިމް އެވެ.