ހަބަރު

ވާދަކުރާ ދާއިރާތައް އެމްޑީޕީއިން އިއުލާން ކުރާނީ މާދަމާ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީއިން ވާދަ ކުރާނެ ދާއިރާތައް އިއުލާން ކުރުން މާދަމާއަށް ފަސްކޮށްފައިވާ ކަމަށް އެޕާޓީިން ބުނެފި އެވެ.

އެމްޑީޕީން މިއަދު ބުނީ، މިއަދު އިއުލާން ކުރަން ހަމަޖެހިފައިވާ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީއިން ވާދަަ ކުރަން ނިންމާފައިވާ ދާއިރާތައް އިއުލާން ކުރުން މާދަމާއަށް ފަސް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީގެ ޓައިމްލައިނެއް އެކުލަވާލާފަ އެވެ. އެ ޓައިމްލައިންގައިވާ ގޮތުން ވާދަ ކުރާނެ ދާއިރާތައް އިއުލާން ކުރުމަށްފަހު، އަންނަ ޑިސެމްބަރު މަހުގެ ހަތްވަނަ ދުވަހު ޕްރައިމަރީގައި ވާދަ ކުރަން ފުރުސަތު ހުޅުވާލާނެ އެވެ. ޕްރައިމަރީގައި ވާދަކުރަން ކުރިމަތިލާއިރު ކުރިމަތިލާ ދާއިރާގެ 200 މީހުންގެ ތާއިދު ސޮއި ހުށަހަޅަންޖެހެ އެވެ.

ވޯޓާސް ލިސްޓް އާންމުކުރުމާއި ޝަކުވާ ހުށަހަޅަން ފުރުސަތު ޑިސެމްބަރު މަހު ދިނުމަށްފަހު ޕްރައިމަރީތައް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން އެކުލަވާލި ޓައިމްލައިންގައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީއިން ހުރިހާ ދާއިރާއަކަށް ވާދަކުރަން އެ ޕާޓީގެ ގައުމީ މަޖިލީހުން ހުށަހެޅި ނަމަވެސް ހަތަރު ލީޑަރުން ދަނީ ޕާޓީތައް އެކުގައި ވާދަ ކުރުމަށް މަޝްވަރާ ކުރަމުންނެވެ. އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ލީޑަރުންނަށް އެއްބަސްވުމަކަށް ނާދެވި، އެކަމުގައި ފޯމިއުލާއެއް ނެރުން ވަނީ ފަސްކޮށްފަ އެވެ. އެހެން ނަމަވެސް ލީޑަރުން ބައްދަލުވުމަށް ފަހު ވިދާޅު ވަނީ، އެބޭފުޅުން ނެރޭ ފޯމިއުލާއިން ރައްޔިތުންނަށް އުންމީދު އާކޮށްދޭނެ ކަމަށެވެ.

އަންނަ މަޖިލީހުގައި 87 ދާއިރާ ހިމެނެ އެވެ. މަޖިލީހަށް ދެ ދާއިރާ އިތުރުކޮށްފައިވާއިރު، ދެ ދާއިރާ އިތުރުކޮށްފައިވަނީ މައްޗަންގޮޅިއަށާއި ހެންވޭރަށެވެ.