ދިވެހި ޕްރެމިއާ ލީގް

މެޗު ހަމަހަމަ ކުރުމަށްފަހު ޗެމްޕިއަން ޝީލްޑް ޓީސީން އުފުލާލައިފި

ދިވެހި ޕްރިމިއާ ލީގްގެ ފަހު މެޗުގައި، އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗު 4-4 ން ހަމަހަމަ ކުރުމަށް ފަހު، ދިވެހި ޕްރިމިއާ ލީގް ޗެމްޕިއަންކަން ހޯދި ޓީސީން، ފޮނި ކާމިޔާބުގެ ޝީލްޑް އުފާލައިފި އެވެ.

މިއަދު ހަވީރާ ހަމައަށް ލީގް ހޯދުމުގެ ރޭހުގައި ޓީސީއާ ވާދަ ކުރަމުން އައީ މާޒިޔާ އެވެ. ނަމަވެސް، މާޒިޔާއާ ދެކޮޅަށް ކުޅުނު ނިއު ރޭޑިއަންޓުން މާޒިއާ އާ ހަމަހަމަ ކުރުމުން، ލީގްގެ ފަހު މެޗަށް ޓީސީ ނިކުތުމުގެ ކުރިންވެސް އޮތީ ލީގް ޗެމްޕިއަންކަން ކަށަވަރު ވެފަ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް، މި އަހަރުވެސް ލީގްގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާފައެއް ނުވެ އެވެ. އެހެން ނަމަވެސް މި އަހަރު އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު ވަނީ ހޮވާފަ އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައި ވަނީ ޓީސީގެ ގޯލް ބެލެހެއްޓި ނޭޕާލްގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ. ފެއާޕްލޭ ޓީމަށް ހޮވިފައި ވަނީ ކުލަބު ގްރީން ސްޓްރީޓެވެ.

މެޗުން ބަލިވިޔަސް، ޓީސީއަތުން، ލީގް ޝީލްޑް ބީވެ ދާނެ ގޮތެއް ނެތް ނަމަވެސް، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް އީގަލްސްއާ ދެކޮޅަށް ނެރުނީ ވަރުގަދަ ފުރަތަމަ 11 އެކެވެ. މެޗުގެ ކުރިންވެސް އީގަލްސްގެ ކޯޗް މުހައްމަދު ޝިޔާޒް 'މޯހަން' ބުނީ، އީގަލްސްގެ މަގާމަށް ބަދަލެއް އަންނާނެ ގޮތެއް ނެތް ނަމަވެސް އީގަލްސްއިން ދުލެއް ނުދޭނެ ކަމަށެވެ.

މެޗު ވެގެންދިޔައީ ވެސް އެހާ ފޯރިގަދަ މެޗަކަށެވެ. މެޗުގެ ފުރަތަމަ 30 މިނެޓްތެރޭ ޓީސީގެ އިބްރާހިމް ވަހީދު ހަސަން 'ހަބޭސް އިއްބެ' އާއި އަލީ އަޝްފާގް 'ދަގަނޑޭ' ވަނީ އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 36 ވަނަ މިނެޓްގައި އީގަލްސްގެ ޒުވާން ފޯވަޑް މުހައްމަދު ނާއިމް ވަނީ އީގަލްސްއަށް ލަނޑު ކާމިޔާބުކޮށްދީ އުންމީދެއް ހޯދައިދީފަ އެވެ.

ދެ ވަނަ ހާފު ފަށައިގެ ނުވަ ވަނަ މިނެޓްގައި، އީގަލްސްގެ އަހްމަދު ރިޒްވާން 'ރިޒޭ' ވަނީ އީގަލްސްއަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ފަހުން އީގަލްސްއިން ނަތީޖާ އަނބުރާލައި ލީޑް ފުޅާ ކުރީވެސް އެ ޓީމަށް ލިބުނު ޕެނަލްޓީގައި އަހްމަދު ރިޒްވާން 'ރިޒޭ' އެވެ.

ޓީސީގެ ތިން ވަނަ ލަނޑު، ބިދޭސީ ޑިފެންޑަރު އަލާއުއްދީން ނާސިރު ކާމިޔާބު ކުރީ، މެޗުގެ 75 ވަނަ މިނެޓްގަ އެވެ. ޓީސީން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި ހަތަރު މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގަ އެވެ.

އެ ލަނޑު ޖެހުމުގައި، އަޝްފާގް ތަޖުރިބާ އޭނާ ވަނީ ވަރަށް ރަނގަޅަށް ބޭނުން ކޮށްފަ އެވެ. ޓީސީގެ ކުޅުންތެރިން ކުރިއަށް ބޯޅަ ދިންއިރު، އީގަލްސްގެ ހާފުގެ ތެރޭގައި އެންމެ ކުރީގައި ހުރި ޓީސީގެ ކުޅުންތެރިޔަކީ އަޝްފާގެވެ. އޭނާ ހުރީ އީގަލްސްގެ ޑިފެންޑަރުންނާ ދާދި އެއް ހަމައެއްގަ އެވެ. އީގަލްސްއިން އޭނާ އޮފްސައިޑް މަޅީގައި ޖައްސަން މަސައްކަތް ކުރި ނަމަވެސް، އަޝްފާގް ވަނީ އެ މަޅިން ސަލާމަތްވެ އީގަލްސްގެ އޭރިއާގެ އަރިމަތިން އަރައި އޭރިއާ ތެރެއަށް އެވަގުތު ވަން އިޝާން އިބްރާހިމް 'ސައްޓު' އަށް ބޯޅަ ތަނަވަސް ކޮށް ދީފަ އެވެ. ސައްޓު ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

ޓީސީއަށް ޝީލްޑް އުފުލާލަ ދިނީ، މިހާރުގެ ކެޕްޓަން އަހްމަދު ފައްރާހް 'ފައްރަ' އާއި ކްރީގެ ކެޕްޓަން އަދި ކުރިން ކުލަބު ރައީސްކަންވެސް ކުރި އިބްރާހިމް ޔާމީން 'ޔާމްބެ' އެވެ. ޔާމްބެ އަކީ ޓީސީ ތިން ވަނަ ޑިވިޝަންގައި ވާދަ ކުރިއިރު ކުލަބުގެ ރައީސް އެވެ. ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ އަކީ ޓީމުގެ ކެޕްޓަނެވެ.

މި މެޗާއެކު، މިއަހަރުގެ ފުޓްބޯޅަ ސީޒަން ނިމުނީ އެވެ. މި އަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި، ފުރަތަމަ ޑިވިޝަނަށް ހާއްސަ ކޮށްފައިވާ މުބާރާތްތަކުގެ ތެރެއިން ދެ މުބާރާތް ބާއްވާފަ އެއް ނުވެ އެވެ. އެއީ ގައުމީ މުބާރާތް ނުވަތަ ޕްރެޒިޑެންޓް ކަޕާއި އެފްއޭކަޕެވެ.