ދިވެހި ޕްރެމިއާ ލީގް

ޓީސީގެ ކާމިޔާބުގެ ވާހަކާގައި ތަފާތު މަންޒަރެއް!

ޓީސީގެ ވާހަކަ މީގެ ކުރިން އަޅުގަނޑު އަޑު އެހީ، ކޮންމެ އަހަރަކު ބައިބަލާ މުބާރާތަށް ހިސާބުގަނޑު ޒުވާނުން އެއްކޮލައިގެން ބައިބަލާ މުބާރާތުގައި ވާދަ ކުރާ ޓީމެއްގެ ގޮތުގަ އެވެ. ބައެއް މީހުންގެ ހިތްތަކުގައި އެ ގުރޫޕާ މެދު ދެކެނީ މާ ވިޔާދާ ބައެއްގެ ގޮތުގައެއްވެސް ނޫނެވެ. ނަމަވެސް ޓީސީއަކީ އެއަށް ވުރެ ހަރުދަނާ ކުލަބެކެވެ. އެ ޓީމުން ހިފަހައްޓާ އުސޫލުތަކާއި ގެންގުޅޭ ހަމަތަކުން އެކަން އެނގިގެން ދާނެ އެވެ.

ޓީމުގެ ކޯޗް މުހައްމަދު ނިޒާމް މެޗަށް ދަނޑަށް އަންނަނީ، ރަސްމީ ހެދުމުގަ އެވެ. ޓީމުގެ ބެންޗުގައި ކުޅުންތެރިންނަށް އިރުޝާދު ދޭން އޭނާ ހުންނަނީ ބެގީކޮށް ޓައީ އަޅައިގެންނެވެ. ފުރަތަމަ ކޮޅު އޭނާ ބެގީކޮށް ޓައީ އަޅައިގެން ދިއުމުން ބައެއް ދިވެހި ކޯޗުން އެކަމަށް ފާޑުވެސް ކި އެވެ. ހަގީގަތުގައި އެއީ ނިޒާމް ދެއްކި ނަމޫނާ އެކެވެ.

"އޭރު ބެގީކޮށް ޓައީ އަޅައިގެން ބެންޗަށް ދިޔައީމަ ބައެއް އެހެން ކޯޗުން ފާޑުވެސް ކީ،" 2016 ގައި އަވަސް އަށް ދިން އިންޓަވިއުގައި ނިޒާމް ބުންޏެވެ. "އެހެންނަމަވެސް މިއަދު އެހެން ކޯޗުން ވެސް ބެގީ ކުރާތަން ފެނޭ އަޅުގަނޑު އަބަދުވެސް ގަބޫލު ކުރަން އެމީހެއް ވަޒީފާއަށް އެންމެ ބޮޑަށް އިހްތިރާމު ކުރަން ޖެހޭނީ އެ މީހަކު، މިއަދު ބެގީކޮށް ޓައީ އަޅައިގެން ބެންޗަށް ދިޔައީމަ އެންމެންނަށްވެސް ކަމުދޭ.

"ވިޔާދާ ބައެއް ނޫން" ކަމަށް ބައެއް މީހުން ޓީސީއާ މެދު ދެކޭ ވިސްނުން، ނިޒާމް ގެންގުޅުނު އެ އުސޫލުން ބަދަލު ކޮށްދިނެވެ. ރަސްމީ ހެދުމުގައި އޭނާ ހުރުމުން އެހެން މީހުން އެ ޓީމާ މެދު ދެކޭގޮތް ބަދަލުވުމަށް މަގުފަހިވާ ކަމަކަށް އެކަން ވެދާނެ އެވެ. ނިޒާމްވެސް ބޭނުންވީ ޓީސީއާ މެދު މީހުން ދެކޭ "ކަޓު ގޮތް" ބަދަލު ކޮށްލުމަށެވެ. ފުރަތަމަ ޑިވިޝަންގައި 2015 ވަނަ އަހަރު ޓީސީ ވާދަ ކުރަން ފެށި އަހަރުވެސް ނިޒާމް ބުނީ އޭނާގެ ޓާގެޓަކީ "ޓީސީއަކީ ތޯތޯ ޓީމެއް ނޫން" ކަން ސާބިތު ކޮށްދިނުން ކަމަށެވެ.

އެ އަހަރުވެސް އެ ޓީމުން އެކަން ސާބިތު ކޮށްދިނީ ޖާދޫއެއް ހެންނެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް އަންނަ ޓީމުތަކަށް ކުރިން މާ ބޮޑު އިތުބާރެއް ނޯވެ އެވެ. އަލަށް އަންނަ ޓީމު ސޮއްސާލައިގެން ދާލެ އަވަސް ކަމުންނެވެ. ފުރަތަމަ ޑިވިޝަނަށް އަލަށް އަންނަ ޓީމުތަކާ މެދު މީހުންގެ ވިސްނުން ބަދަލު ކޮށްލީ ޓީސީ ސްޕޯޓްސް ކުލަބު ފުރަތަމަ ޑިވިޝަނަށް އައިސް ހޯދި ކާމިޔާބުންނެވެ. ފުރަތަމަ އަހަރުވެސް ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ހޯދި އެވެ. ޓީމެއް އަލަށް ގޮވައިގެން ނިކުމެ މީގެކުރިންވެސް ނިޒާމް ވަނީ އެ ތަޖުރިބާ ކޮށްފަ އެވެ. ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ ބާރުގަދަ ތިން ކުލަބު ނިއުރޭޑިއަންޓާއި ވެލެންސިއާ އަދި ވިކްޓްރީގެ އެންމެ ރަން ޒަމާނުގައި 2007 ވަނަ އަހަރު ވިޔަންސާއާ އެކު ނިކުމެ އެ އަހަރުގެ ސީޒަންގެ އެއް ވަނަ ކުލަބު މަގާމު ނިޒާމް އެ ޓީމަށް ހޯދައިދިނެވެ.

ހަފުތާ ނިންމާ ކޮފީ: ކޮންމެ ހުކުރު ދުވަހެއްގައިވެސް މެންދުރު ފަހުން ޓީސީގެ މެނޭޖްމެންޓާއި ޓެކްނިކަލް ސްޓާފުން އެއްތަން ކުރުވަނީ ކޮފީންނެވެ. އެއީ ކޮންމެ ހަފުތާއެއްގައިވެސް އެމީހުން ހިފަހައްޓަމުން އަންނަ އާދަ އެކެވެ. ޓީސީގެ ކުރީގެ ރައީސް އަހްމަދު ނަޝީދު 'ޑޭވް' ބުނީ ހުކުރުގެ ކޮފީން ގިނަ ކަންކަމަށް ވާހަކަ ދެކެވި ޖަވާބު ލިބިގެންދާ ކަމަށެވެ.

"އެއީ ހަމަ ކެޝުއަލްކޮށް ހިނގާ ކަމެއް، މިހެން އެކުގައި އުޅޭއިރު ހިތްހަމަ ނުޖެހުންތައް އަންނާނެ، އެކަމަކު ބުނަންތަ، ކޮފީ މީޓިން ދާތީ އެކަހަލަ މައްސަލަތައް ވަރަށް އަހަރެމެންގެ ތެރޭގައި ނުޖެހޭ،" ޑޭވް ކިޔައި ދިނެވެ. "ކޮންމެ ހަފުތާއަކު އެއްފަހަރު އެހެން ބައްދަލުވެލާ ހެދީމަ ދެން އަހަރެމެން ވާހަކަ ދައްކާލީމަ ކަންކަން ގެންދެވެނީ ރަނގަޅަށް."

ހުކުރު ދުވަހުގެ ރޭ، ޓީސީއަށް ދިވެހި ޕްރިމިއާ ލީގް ޝީލްޑް އުފުލާލަދިނީ، ޓީމުގެ މިހާރުގެ ކެޕްޓަން މުހައްމަދު ފައްރާހް 'ފައްރަ' އާއި ކުރީގެ ކެޕްޓަން އިބްރާހިމް ޔާމީން 'ޔާންބެ' އެވެ. ޔާންބެއަކީ ޓީސީގެ އެންމެ ބޮޑު ސަޕޯޓަރެވެ. ތިން ވަނަ ޑިވިޝަންގައި ޓީސީ ވާދަ ކުރި އަހަރު އޭނާއަކީ ކުލަބުގެ ރައީސް އެވެ. ދެ ވަނަ ޑިވިޝަންގައި ވާދަ ކުރިއިރު އޭނާ ހުރީ ކެޕްޓަންގެ ގޮތުގަ އެވެ. ފުރަތަމަ ޑިވިޝަންގެ ފުރަތަމަ އަހަރުވެސް އޭނާ އަކީ ކެޕްޓަނެވެ. އެހެންވެ ޔާންބެ އާއި ޓީސީ އާ ދެމެދު އުފެދިފައި އޮތީ މާ ވަރުގަދަ ފުން ލޯތްބެކެވެ. އެއީ އޭނާގެ ފެމެލީއަށް ފަހު އެންމެ ލޯބިވާ އެކުވެރިންނެވެ. އެހެން އެންމެން ޓީސީއަށް ދޯކާއެއް ދިނަސް، ޔާމީން ޓީސީއަށް ދޯކާ ނުދޭނެ ކަން ޔަގީނެވެ.

އެހެންނަމަވެސް ޔާންބެ އާ މެދުވެސް ފިޔަވަޅު އަޅަން ޖެހިއްޖެނަމަ ޓީސީގެ ފުޓްބޯޅަ ޓީމުން އޭނާއަށް ފިޔަވަޅު އަޅާނެ އެވެ. އެ ފިޔަވަޅު ޓީސީން އޭނާއާ ދެކޮޅަށް އެޅި އެވެ. މިދިޔަ ސީޒަންގައި އޭނާގެ އެޓިޓިޔުޑް މައްސަލަ ޖެހުމުން ފުޓްބޯޅަ ޓީމުން އޭނާ އެކަހެރި ބޭރުގައި ބެހެއްޓި އެވެ. މިއީ ޓީސީން ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ ކަމުގެ އަނެއް ހެއްކެވެ. ކުޅުންތެރިޔެއްގެ މައްސަލަ ދިމާވުމުން އެ މީހަކީ ޓީސީއަށް ކިތަންމެ ވާފަތެރި މީހަކަސް ފިޔަވަޅު އަޅަން ޖެހޭނަމަ ފިޔަވަޅު އަޅަން ޓީސީން ފަސް ނުޖެހޭނެ އެވެ. ޑޭވް ބުނީ ޓީސީއަށް ކާމިޔާބު ކަމާއެކު ކުރިއަށް ދެވުނީ ޓީސީން ހިފެހެއްޓި އެ އޫސޫލުތަކުގެ ސަބަބުން ކަމަށެވެ.

"ތެދެއް ތި ބުނީ، ޔާންބެ އާ މެދު ފިޔަވަޅު އަޅަން ޖެހުނީމަ އޭނައަށް އަހަރެމެން އަދަބު ދިނިން، އެއީ މިދިޔަ އަހަރު އޭނާގެ އެޓިޓިޔުޑް މައްސަލައެއް އުޅެގެން،" ޑޭވް ވާހަކަ ދެއްކި އެވެ. "ފިޔަވަޅު އަޅަން ޖެހުނީމަ އަހަރެން ވިޔަސް ޓީސީން ފިޔަވަޅު އަޅާނެ، އެއީ ޓީސީން ހިފެއްހެއްޓި އުސޫލަކީ، އެ އުސޫލުތަކުގައި ހިފަހައްޓައިގެން ޓީސީއަށް ކުރިއަށް މިދެވެނީވެސް."

ކާމިޔާބު ހޯދަން ބޮޑު ބަޖެއްޓެއް ބޮޑު ޓީމެއް ބޭނުމެއް ނެތެވެ. ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، މީގެ ކުރިން ޓީމަކުން ދިވެހި ލީގް ކާމިޔާބު ކޮށްފައިވާ ކަމުގައި ވާނަމަ އެ ޓީމަކުން އެކަން ކޮށްފައި ހުރީ ރާއްޖޭގެ ތިބި މަޝްހޫރު އެންމެން އެ ޓީމަކަށް ގެންގޮސްގެން ކަމަށެވެ. ނަމަވެސް ޓީސީ އެއާ ތަފާތު ކަމަށް ނިޒާމް ބުންޏެވެ. ޓީސީއަށް މި ސީޒަންގައި ގެނައި އެންމެ މަޝްހޫރު މީހަކީ އަލީ އަޝްފާގް 'ދަގަނޑޭ' އެވެ. ނިޒާމް ބުނީ އަޝްފާގް ޓީސީއަށް އައުމުން ޓީސީގެ ފުޓްބޯޅަގެ ސްޓައިލް ހެޔޮވަރު ވެގެން ދިޔަ ކަމަށެވެ.

އަޝްފާގް ފިޔަވައި ދެން ތިބީ ޓީސީއަށް އައިއިރު އެ ކުޅުންތެރިންނަށް މާ ބޮޑު މަގުބޫލު ކަމެއް ނުލިބި ތިބި ކުޅުންތެރިންނެވެ. އެހެންވެ އެ ކުޅުންތެރިން މުސާރައިގެ އަގުތައްވެސް ހުރި ނިސްބަތުން ކުޑަ އަގެއްގަ އެވެ. ނިޒާމް ބުނީ މި ސީޒަންގައިވެސް ދެ ވަނަ އަށް އެންމެ މަދުން ހޭދައެއް ކުރި ކުލަބަކަށް ޓީސީ ވެގެންދާނެ ކަމަށެވެ.

އެހެންނަމަވެސް މި އަހަރުގެ ސީޒަންގެ ބަރުކަމާއި ބުރަކަން ޓީސީއަށްވެސް ކުރިމަތި ވިއެވެ. އަދި މުސާރައިގެ މައްސަލަތައް ޓީސީއަށްވެސް ކުރިމަތި ވިއެވެ. ނަމަވެސް ސީޒަން ކާމިޔާބު ކަމާއެކު ޓީސީ ނިންމާލީ އެހުރިހާ ވާހަކައެއް އެއްފަރާތުގައި ބާއްވާފަ އެވެ. ނިޒާމް ބުނީ ކުޅުންތެރިންނަށް މުސާރަ ނުދެވުނު އިރުވެސް ޓީމުގެ މެނޭޖްމެންޓުން ކުޅުންތެރިންނާމެދު ރަނގަޅު ގުޅުމެއް ބާއްވާ ކަމަށެވެ.

"އަބަދުވެސް އަބަދުވެސް އަޅުގަނޑު ވިސްނައިދެނީ، އަޅުގަނޑު ކުޅުންތެރިޔެއްގެ ގޮތުގައި އުޅުނު އިރުވެސް މި ދަތިތައް މިއަށްވުރެ މާބޮޑުކޮށް އަންނަ ކަމާ، އެހެންނަމަވެސް އިތުރު އެއްވެސް އެއްޗަކަށް ނުވިސްނާ އަބަދުވެސް ވިސްނަނީ ނިކުންނަ ކޮންމެ މެޗެއްގައި އެންމެ ރަނގަޅަށް ޕާފޯމްކޮށްގެން ސީޒަނެއް ނިންމާލާއިރު އަނެއް ކުލަބު ކުޅުންތެރިޔާއަށް އޮފާ އަންނަ ވަރަށް ކުޅެން،" ނިޒާމް ކިޔައި ދިނެވެ.

"އަނެއް ކޮޅުން މިރީތި ނަން ތާރީހްގެ ތެރޭގައި އަބަދުވެސް ހިމެނިގެން ދާނެ ކަން، އެގޮތުން ވަރަށް އުފާވޭ ކުޅުންތެރިން މި ބަސް ގަބޫލުކޮށްގެން ކުޅުންތެރިން އެ ކުރާ މަސައްކަތް، އެނގޭ ކުޅުންތެރިންނަށް ދަތި ވާނެ ކަން، މުސާރަތަކާ އެއްޗިހި ދަތިވަންޏާ މެންޓަލީވެސް ވަރަށް އުނދަގޫވާނެ، އެކަމަކުވެސް ޓީސީގެ ކުޅުންތެރިން ވަރަށް ރަނގަޅު، އެންމެ ބޮޑު ކަމަކީ މެނޭޖުމެންޓުން ޓީސީގެ ކުޅުންތެރިންނާ މެދު ބަހައްޓާ ގާތްކަން."

ޓީސީ ދަނީ އަންނަ އަހަރު ސީޒަނަށްވެސް އާ ވިސްނުމަކާއެކު ތައްޔާރު ވަމުންނެވެ. ޓީސީގެ މެނޭޖްމެންޓްގައި ކެތްތެރި ކަމާ ހިތްވަރު އެބަހުއްޓެވެ.