މިއީ ރޯދަ މަސް ސިފަކޮށްދޭ މޭވާ އެވެ. ރޯދަ މަހުގައި ހުރިހައި ދިވެހިންގެ ވެސް ފެވަރިޓެވެ. ފަހަރެއްގައި ދިވެހިންގެ ގައުމީ ދިދައިގެ ކުލަތަކާ ކަރާގެ އާންމު އަދި އެންމެ ރަސްމީ ކުލަތައް ދިމާވަނީ ވެސް މި ސަބަބާ ހެދި އެވެ. ނުވަތަ އެއީ ހަމަ އިއްތިފާގެކެވެ.
ކޮންމެއަކަސް އެ ވާހަކައެއް ނޫނެވެ. ދޮންވެ ފައްކާވެފައި އޮތް ކަރަލެއް ހޯދާނެ ގޮތެވެ. ނުވަތަ ދެނެގަންނާނެ ގޮތެވެ.
ބައެއް މީހުންނަށް މިއީ އަދިވެސް ވަރަށް އުނދަގޫ ކަމެކެވެ. އަނެއްކޮޅުން ކަރަލުން ފުރިގެން ބާޒާރުމަތި ބަންޑުންވެފައި އޮންނާނީ އެއޮތްހާ ކަރާތަކުގެ ތެރެއިން، ދޮންވެ ފައްކާވެފައި އޮންނަ ކަރަލެއް ނުވަތަ ފޮނިކަން ގަދަ، ކުލަގަނޑު ގަދަ ކަރަލެއް ހޯދުން ފަސޭހަ ކަމަކަށް ވެސް ނުވެ އެވެ.
އެހެންވެ މި ސަބަބާ ހެދި، ކަރާ ގަންނަން ދާ މީހާ އާއި ކަރާ ވިއްކަން ހުންނަ މީހާއާ ދެމެދު ރޯދައިގެ ޒުވާބެއް ނުހިނގައި މި ވިޔަފާރިއެއް ކުރިއަކަށް ވެސް ނުދެ އެވެ.
ކަރާގެ ފޭނެއް ނަމަ އެނގެން ޖެހޭ އެންމެ ބޭސިކް މައުލޫމާތަކީ ކަރަލަކީ އޭތި ބިނުމަށް ފަހު އިތުރަށް އެއްވެސް ވަރަކަށް ދޮންވާ މޭވާއެއް ނޫން ކަމެވެ. ވިއްކަން ހުންނަ ކަރާތަކުގެ ތެރެއިން ކަރަލެއް ގަންނައިރު އިތުރަށް ސަމާލުވާން ޖެހޭ އެއް ސަބަބަކީ މިއީ އެވެ.
މިއީ ދޮންކެޔޮހެން ދޮންވެ ފައްކާވާ އެއްޗެއް ނޫނެވެ.
ފަނިގިރާލާނެ ރަނގަޅު ކަރަލެއް ހޯދުމަށް ބާޒާރަށް ނުކުމެ އުޅޭ ނަމަ ބަލަން ޖެހޭ މުހިންމު ދެ ކަމެއް އޮވެ އެވެ. މީގެ ތެރެއިން ފުރަތަމަ އުކުޅަކީ ކަރާގެ ބަރުދަން އަތުން ކިރާލުމެވެ. ދޮންވެ ފައްކާވެފައި އޮންނަ ކަރާ ދެނެގަތުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ ވެސް މިއީ އެވެ.
ކަރަލުގެ ސައިޒުން ކިތަންމެ ކުޑަޔަސް، ރަނގަޅަށް ދޮންވެފައި އޮންނަ ކަލަރެއް ވަރަށް ބަރުވާނެ އެވެ. އެހެންވީމަ ބާޒާރަށް ގޮސް ރަނގަޅު ކަރަލެއް ނުވަތަ ދޮންވެފައި އޮތް ކަރަލެއް ގަނެގެން ގެއަށް ދާން ބޭނުން ނަމަ އެންމެ ބަރު ކަރާ އަތަށް އަރަން ދެން ފަހަރަކު ކަރަލެއް އުރަމުން ގެންދާށެވެ.
ދޮންވެ ފައްކާވެފައި އޮންނަ ކަރާގެ 90 ޕަސެންޓަކީ ފެނެވެ. ބަރުވަނީ މި ސަބަބާ ހެދި އެވެ.
މި ފެންވަރުގެ ކަރަލެއް ދެނެގަންނާނެ އަނެއް ފަސޭހަ ގޮތަކީ އޭގެ ބަނޑުދަށް ބެލުމެވެ. މިއީ އެއްގޮތަށް ވެސް ކަރަލަށް ކުރެވޭ އަނިޔާއެއް ކަމަށް ނުދެކޭށެވެ.
ދޮންވެ ފައްކާވެފައި އޮންނަ ކަރާގެ އަނެއް ހާއްސަ ސިފައަކީ އޭގެ ބަނޑުދަށުގައި ނަގާފައި ހުންނަ ރީނދޫ ކުލައިގެ ތިކިތަކެވެ. ނުވަތަ ލައްގަނޑުތަކެވެ.
މި ދެންނެވި ރީނދޫ ކުލައިގެ ލައްގަނޑުތައް ނުވަތަ ތިކިތައް މަޑުފެހި ނުވަތަ ހުދުކުލައަކުން ފެންނަން ހުރެއްޖެ ނަމަ އޭގެ މާނަ އަކީ އަތަށް ނެގި ތިޔަ ކަރާ ތިޔައޮތީ އަދި ރަނގަޅަށް ދޮންނުވެ ކަމަށެވެ. އެހެންވީމަ އޭތި ބާއްވާފައި ދެން އޮތް ކަރަލަށް ވަޑައިގަންނަވާށެވެ.
ރަނގަޅަށް ދޮންވެފައި އޮންނަ ކަރަލުގެ އަޑު ވެސް ތަފާތުވާނެ އެވެ. އޭގައި ޓަކި ދިނީމަ ދޭނީ ހުސް އަޑެކެވެ.
އެއް ތަށީގެ ކަރާއިން 17 ޕަސެންޓްގެ ވިޓަމިން އޭ އާއި 21 ޕަސެންޓްގެ ވިޓަމިން ސީ އަދި ދެ ޕަސެންޓްގެ އަޔަން އަދި އެއް ޕަސެންޓްގެ ކެލްސިއަމް ފޯރުކޮށްދޭއިރު މިއީ ދުވާލެއްގެ މައްޗަށް ހަށިގަނޑަށް މި މާއްދާތައް ބޭނުންވާ މިންވަރެވެ. އެހެންވީމަ އެއް ތަށީގެ ކަރާ ކާލައިގެން ނުވަތަ އޭގެ އިން ފަނިގިރައިގެން ބޯލައިގެން ވެސް ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކުރެވިދާނެ އެވެ.
މީގެ އިތުރުން ހަޖަމުކުރުމުގެ ފަސޭހަ އަށް ވެސް ކަރާގެ ބޭނުން ހިފިދާނެ އެވެ. އަނެއްކޮޅުން މިއިން ޕޮޓޭސިއަމްގެ ބޮޑު މިންވަރެއް ހަށިގަނޑަށް ފޯރުކޮށްދޭއިރު އެއީ ލޭގެ ޕްރެޝާ ކޮންޓްރޯލްކުރުމަށް އެހީވާ މުހިންމު މާއްދާއެކެވެ.