ހަބަރު

ގައުމީ ޓީމްތަކުގެ ކުޅުންތެރިންނަށްދޭ އެލަވަންސް އެއް ހަމަޔަކަށް

ރާއްޖޭގެ ގައުމީ ޓީމްތަކުގައި ހިމެނޭ ކުޅުންތެރިންނަށްދޭ އެލަވަންސްގެ ފަރަގް ނައްތާލައި ހުރިހާ ކުޅުންތެރިންނަށް 5000 ރުފިޔާގެ އެލަވަންސްއެއް ދޭން ސްޕޯޓްސް ކައުންސިލުން ފާސްކޮށްފި އެވެ.

ޔޫތް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވީ، އަންހެން އަދި ފިރިހެން ގައުމީ ޓީމްތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ވެވަޑައިގެންނެވި ވައުދު ސްޕޯޓްސް ކައުންސިލްގެ ލަފަޔާއެކު ފުއްދަވައިފި ކަމަށެވެ. އަންނަ އަހަރުން ފެށިގެން ހުރިހާ ޖިންސް އަކަށްވެސް 5000 ރުފިޔާގެ އެލަވަންސްއެއް ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަންހެން އަދި ފިރިހެން ގައުމީ ޓީމަށް ދެވޭ އެލެވަންސްގައި ހުރި ފަރަގާއި ގައުމީ ޓީމުތަކަށް ދެވޭ އެލަވަންސްގެ ފަރަގު ނައްތާލުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދުކެވެ.

ގައުމީ ހުރިހާ ކުޅިވަރު އެސޯސިއޭޝަނަކަށް މަދުވެގެން ކޮންމެ އަހަރަކު 500،000 ރުފިޔާގެ ބަޖެޓެއް ދެއްވުމަށް ރައީސް ސޯލިހު ނިންމެވި ނިންމެވުންވެސް ވަނީ ސްޕޯޓްސް ކައުންސިލުން ފާސްކޮށްފަ އެވެ.

ރައީސް ސޯލިހްގެ 100 ދުވަހުގެ ކުޅިވަރުގެ ވައުދުތަކުގައި ހިމެނޭ އިތުރު ކަންކަމަކީ ކުޅިވަރާއި ކަސްރަތަށް އަހުލުވެރިކުރުމަށާއި ރޫފަ ރަނގަޅު މުޖުތަމައެއް ބިނާކުރުމަށް ކޮންމެ ރަށެއްގައި ހުނަރު ލިބިފައިވާ ސްޕޯޓްސް ކައުންސިލަރެއް ހަމަޖެއްސުމާއި މުޅި ރާއްޖޭގެ ކުޅިވަރު އޯޑިޓެއް ހެދުމެވެ. އަދި މޫދު ކުޅިވަރުގެ ކޮންވެންޝަން ބޭއްވުމާއި ދުޅަހެޔޮ ހަށިހެޔޮ އީދު މުޅި ރާއްޖޭގައި ބޭއްވުމުގެ އިތުރުން އޮލިމްޕިކް ސައިޒް ސްވިމިންގް ޕޫލް ކޮމްޕްލެކްސް މާލެ ސަރަހައްދުގައި ހެދުން ހިމެނެ އެވެ.