ހަބަރު

100 ދުވަހުގެ ވައުދުގައި ހިމެނޭ "ހަފްތާ ރެސް"ގައި ބައިވެރިވާން ހުޅުވާލައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ "ހަފްތާ ރެސް" ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

ޔޫތް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރައީސް ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހަށް ކަނޑައަޅުއްވާފައިވާ ވައުދުތައް ފުރިހަމަކުރެއްވުމަށް ފުރަތަމަ 30 ދުވަހުގެ ތެރޭގައި ހިމެނޭ 49 ވައުދުގެ ތެރެއިން "ހަފްތާ ނިންމުމުގެ ގޮތުން ވީކް އެންޑް މާކެޓް އާއި މުނިފޫހި ފިލުވުމުގެ ޕްރޮގުރާމް" ގެ ވައުދު ފުއްދު ހިމެނޭ ކަމަށެވެ.

އެ ވައުދު ފުއްދުމަށްޓަކައި މިނިސްޓްރީން އިންތިޒާމުކޮށްގެން ސިލްސިލާ ގޮތެއްގައި ކޮންމެ ހަފުތާ ބަންދެއްގައި ކުރިއަށް ގެންދަން ނިންމާފައިވާ "ހަފްތާ ރެސް" ގެ މާކެޓް އަދި ޓެލެންޓް ޝޯވްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އެޕްލިކޭޝަން ފޯމު ހުށަހެޅަން ހުޅުވާލާ ކަމަށްވެސް އިއުލާންގައި ވެއެވެ.

އިއުލާންގައި ވަނީ، ހަފްތާ ރެސްގެ މާކެޓްގައި ބައިވެރިވުމަށް ހުށަހަޅާނީ ހަފްތާ ރެސް މާކެޓް އެޕްލިކޭޝަން ފޯމް ކަމަށާއި މިއުޒިކް އެންޑް ޓެލެންޓް ޝޯވްގައި ބައިވެރިވުމަށް ހުށަހަޅާނީ ހަފްތާ ރެސް ޓެލެންޓް ޝޯވް އެޕްލިކޭޝަން ފޯމް ކަމަށެވެ. އެޕްލިކޭޝަން ފޯމާއި ހަފްތާ ރެސްގެ ގަވާއިދުތައް މިހާރު އިއުލާން ކުރެވިފައިވާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވީ، ހަފްތާ ރެސް އަކީ ޒުވާނުންނަށް ލިބޭ ވިޔަފާރީގެ ފުރުސަތެއް ކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ހަފްތާ ރެސް އޮންނާނީ ކޮންމެ ހަފްތާ ބަންދެއްގައި މާފަންނު ޒުވާނުންގެ މަރުކަޒާއި ރަސްފަންނު ސަރަހައްދުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހަފްތާ ރެސްގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، މި ސަރުކާރުގެ ފުރަތަމަ ދެ ދުވަހު ވަނީ ދުޅަހެޔޮ އަދި ހަށިހެޔޮ އީދުގެ ނަމުގައި ކުޅިވަރުގެ ބޮޑު އީދެއް ބާއްވާފަ އެވެ. އެ ކުޅިވަރުތަކުގައި ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލް ނަސީމްގެ އިތުރުން ކުރީގެ ރައީސުންނާއި މިނިސްޓަރުން ބައިވެރިވެވަޑައިގެންފައި ވެއެވެ.