ހަބަރު

އެކުވެނި ސިންތެޓިކް އާދިއްތަ ދުވަހު އާންމުންނަށް ހުޅުވާލަނީ

އެކުވެނި އައުޓްޑޯ ސިންތެޓިކް ޓްރެކް ޒަމާނީ ފެންވަރަށް ހެދުމަށްފަހު މި މަހުގެ 17 ގައި އާންމުންނަށް ހުޅުވާލަން ނިންމައިފި އެވެ.

އެކުވެނިި އައުޓްޑޯ ޓްރެކް އަކީ ގިނަ ބަޔަކު ކަސްރަތު ކުރުމަށް ކޮންމެ ދުވަހަކުވެސް އެކި ވަގުތުތަކުގައި ދާ ތަނެކެވެ. ސްކޫލްތަކުގެ އެތުލެޓިކްސް ޓޯނަމަންޓުތަކާއި އަމިއްލަ މީހުން ހިންގާ ބޫޓްކޭމްޕް ތައްވެސް މި ޓްރެކުގައި އޭރު ހިނގިއެވެ.

މިނިސްޓަރު މަހުލޫފް މިރޭ ވިދާޅުވީ ސިންތެޓިކް ޓްރެކް އާދިއްތަ ދުވަހު އާންމުނަށް ހުޅުވާލާނެ ކަމަށެވެ. އާންމުންނަށް ޓްރެކް ހުޅުވާލާނީ ކޮންމެ ދުވަހެއްގެވެސް ފަތިހު ފަހަކުން ހެނދުނު 8 އަދި އިރުއޮއްސި ހަޔަކުން މެންދަމު 12 އަށެވެ. ޓްރެކުގައި ދުވަން ބޭނުން ކުރެވޭނީ ދުވަން ހާއްސަ ބޫޓެވެ. ފުޓްބޯޅަ ބޫޓާއި ޓްރެއިން ބޫޓް މަނާވާނެ އެވެ. މީގެ އިތުރުން ބަރު އުފުލާ ސާމާނު ވެއްދުންވެސް މަނަލެއެވެ. އަދި ކަސްރަތު ކުރާ މީހުންނަށް ހާއްސަ ލައިންތަކެއްވެސް ވަނީ ހަމަޖައްސާފައެވެ. ޓްރެކަށް ކާބޯތަކެތި ވެއްދުމަކީވެސް މަނާ ކަމެކެވެ.

އެކުވެނި އައުޓްޑޯ ޓްރެކުގައި ސިންތެޓިކް ޓްރެކް އެއް އަޅާ ޒަމާނީ ފެންވަރަށް ހަދާފައިވާއިރު ހުޅުމާލޭގައިވެސް ސިންތެޓިކް ޓްރެކެއް އަޅާފައިވެއެވެ. ހުޅުމާލޭ ގައި އެޅި ޓްރެކަކީ ރާއްޖޭގައި އެޅި ފުރަތަމަ ސިންތެޓިކް ޓެރެކެވެ. ސިންތެޓިކް އަކީ ބައިނަލްއަގްވާމީ ޓްރެކްތަކުގައި އަޅާ މަޑު މެޓެކެވެ.