ހަބަރު

ކޮމަންވެލްތު ސްޕޯޓްސް ފޯރަމްގައި ޔޫތު މިނިސްޓަރު

ކޮމަންވެލްތު މިނިސްޓީރިއަލް ފޯރަމް އޮން ސްޕޯޓް އެންޑް ކޮވިޑް-19 ގައި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮަށް ކުރިޔަށް ގެންދިޔަ މި ފޯރަމްގައި ކޮމަންވެލްތުގެ 54 މެމްބަރު ގައުމުގެ ކުޅިވަރާއި ބެހޭ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. ހަމައެހެންމެ އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލަންޑް ވެސް ވަނީ މި ފޯރަމްގައި ބައިވެރިވަޑައިގެންފަ އެވެ.

ފޯރަމްގެ ބައިވެރިންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ ކޮމަންވެލްތު ގޭމްސްއަކީ ދިވެހި އެތުލީޓުންގެ ހުނަރު ދައްކާލުމަށް ލިބޭ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށާއި 2022 ވަނަ އަހަރު އޮންނަ ކޮމަންވެލްތު ގޭމްސްއަށް ދިވެހި އެތުލީޓުން ތައްޔާރު ވާނެ ކަމަށެވެ.

ކުޅިވަރު ކުޅުމަށް ރަނގަޅު ފެންވަރުގެ ފެސިލިޓީސް ގާއިމްކުރުމާއި އެތުލީޓުންނަށް ފެންވަރު ރަނގަޅު ޓްރެއިނިން ދިނުމަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންދާ ކަމަށްވެސް އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ކުޅިވަރަށް ވެސް ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް ކުރަމުންދާ މަސައްކަތަށް މީގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެފައިވާކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މި ދަތިތަކުން އަރިގަތުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި ކުޅިވަރު ކުޅޭ ތަންތަން ހުޅުވާލެވުނީ ޑަބްލިއުއެޗްއޯގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތަށް ކަމަށްވެސް ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ވަނީ ރާއްޖޭގެ އެތުލީޓުންނަށް ޓްރެއިނިންގެ ފުރުސަތުތައް ހޯދައިދިނުމަށާއި ކުޅިވަރުން ބޭނުންވާ ފަންނީ އެހީތެރިކަން ރާއްޖެއަށް ފޯރުކޮށްދިނުމަށް ކޮމަންވެލްތުގެ ގައުމުތަކަށް ގޮވާލައްވާފަ އެވެ. މިއީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުނު ފަހުން ސްޕޯޓްސް މިނިސްޓާސް ފޯރަމެއްގައި ރާއްޖޭގެ ކުޅިވަރު ވަޒީރަކު ބައިވެރިވެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.