ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ބައިނަލްއަގްވާމީ ބީޗް ވޮލީގެ މެޗުތައް ރައީސް ބައްލަވާލައްވައިފި

Oct 16, 2022

"ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖް 2022" މުބާރާތުގެ ބައެއް މެޗުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބައްލަވައިލައްވައިފި އެވެ.

އިންޓަނޭޝަނަލް މުބާރާތްތައް ބާއްވާ ތަނެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓް ކުރުމަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދެކެވެ.

މީގެ އެންމެ ބޮޑު ބޭނުމަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަށް އެކިއެކި ފުރުސަތުތައް ހޯދައިދިނުމާއި ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ކުރިއަރުވައި ފުޅާކުރުމެވެ. މިއީ އެގޮތުން ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި މިއަހަރު ބާއްވާ ބައިނަލްއަގްވާމީ ފެންވަރުގެ ހަވަނަ މުބާރާތެވެ.

މި މުބާރާތަކީ ޔޫތު މިނިސްޓްރީއާއި އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަނާއި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ރާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެކެވެ.

ސަން އައިލެންޑް ރިސޯޓުގައި މުބާރާތް ކުރިއަށް ދިޔައީ މި މަހުގެ 13 އިން މިއަދުގެ ނިޔަލަށެވެ.

މި މުބާރާތުގައި 28 ގައުމަކުން ދުނިޔޭގެ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ވާދަކޮށްފައިވެ އެވެ.

ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ، މޯލްޑިވްސް ޗެލެންޖުގެ ބައެއް މެޗްތައް ބައްލަވާލެއްވުމަށް ރައީސް ސޯލިހް، ސަން އައިލެންޑް ރިސޯޓަށް މިއަދު ވަޑައިގަތީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވަވަޑައިގަތުމަށް ކ. ކާށިދޫއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.