ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނެޝަނަލް ބޮޑީބޯޑިން ސީނިއަ ޓީމާ ރައީސް ބައްދަލުކުރައްވައިފި

Jul 19, 2022

އަަލަށް އެކުލަވާލި ނެޝަނަލް ބޮޑީބޯޑިން ސީނިއަ ޓީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ހެނދުނު ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފާއި އެމިނިސްޓްރީގެ އިސްވެރިންނާއި، މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަންގެ އިސްބޭފުޅުންނާއި، ނެޝަނަލް ބޮޑީ ބޯޑިން ސީނިއާ ޓީމުގެ މެމްބަރުންނާއި އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިބައްދަލުކުރެެއްވުމުގައި ވަނީ އައިބީސީ ބޮޑީބޯޑިން ވޯލްޑު ޓުއާގައި، ރާއްޖޭގައި ބާއްވާ މުބާރާތް ކަމުގައިވާ ވިޒިޓް މޯލްޑިވްސް ޕްރޯ-2022ގައި ރާއްޖެ ތަމްސީލްކުރާ، ނެޝަނަލް ބޮޑީބޯޑިން ޓީމުގެ ޖާޒީ އާއި ރާއްޖޭގެ ޓީމް ޕްރޮމޯޓު ކުރުމަށް ބޭނުން ކުރާ ޓީޝާޓު ރައީސް ސޯލިހަށް ވެދުމަށް އަރުވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ރާއްޖޭގައި މޫދުކުޅިވަރުގެ ހަރަކާތްތައް ބޭއްވުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އަދި ކުރިއަށް އޮތް މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް އެދިވަޑައިގެން، ހިތްވަރުދެއްވި އެވެ.

ބޮޑީ ބޯޑިންގއަކީ ރާއްޖޭގައި ކުރިއަރުވައި ތަރައްގީކުރުމަށް ފުރުސަތު އޮތް ކުޅިވަރެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މީގެއިތުރުން ރާއްޖެއަކީ ވަށައިގެން މޫދު އޮތް ގައުމަކަށް ވާއިރު، ރާއްޖޭގައި މޫދު ކުޅިވަރުތައް ކުރިއަރުވައި ތަރައްގީކުރުމަކީ ފަސޭހައިން ކުރެވޭނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ. ކޯވިޑްގެ ދަތިކަމާއި އެކުވެސް ފާއިތުވި ދެ އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވިފައި ނުވާހައި ގިނަ ބައިނަލްއަގްވާމީ މުބާރާތްތައް ރާއްޖޭގައި ބޭއްވިފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

މިބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަހްމަދު މަޚްލޫފް ވިދާޅުވީ ރާއްޖޭގައި މިއަހަރު ބޮޑީބޯޑިން ބައިނަލްއަގްވާމީ މުބާރާތެއް ބޭއްވޭނެކަން ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވުމަށްފަހު މޫދު ކުޅިވަރު ކުރިއެރުވުމަށް ރައީސް ސޯލިހާއި ސަރުކާރުގެ ފަރާތުން އެއްބާރުލުން ދެއްވާ ކަމަށެވެ. ކުރިއަށް އޮތް މުބާރާތުގައި ބައިވެރިވާ އިންޓަނޭޝަނަލް އެތުލީޓުންގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ވެގެންދާނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިބައްދަލުކުރެއްވުމުގައި ނެޝަނަލް ބޮޑީބޯޑިން ސީނިއާ ޓީމުގެ އޮފިޝަލުން ވަނީ މުބާރާތާއި ބެހޭ މައުލޫމާތު ރައީސް ސޯލިހާ ހިއްސާކުރައްވާފަ އެވެ. އެގޮތުން މިހާތަނަށް މިމުބާރާތުގައި ރާއްޖޭގެ އެތުލީޓުންގެ އިތުރުން 100 އަށް ވުރެ ގިނަ އިންޓަނޭޝަނަލް އެތުލީޓުން ބައިވެރިވެފައިވާކަމާއި، އެ އެތުލީޓުންގެ ތެރޭގައި ބޮޑީބޯޑިންގެ ވޯލްޑް ޗެމްޕިއަނުން ހިމެނޭކަންވެސް ފާހަގަކުރެއްވި އެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މިމަހުގެ 27ގައި ހަމަވާއިރު، މިހާތަނަށް ދުނިޔޭގެ 13 ގައުމެއްގެ އެތުލީޓުން ވަނީ މުބާރާތުގައި ބައިވެރިވެފަ އެވެ. މިމުބާރާތް ކުރިއަށް ދާނީ މިމަހުގެ 29 އިން އޮގަސްޓް ހަތަކަށް މާލޭގަ އެވެ. މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި ބާއްވާ ބައިނަލްއަގްވާމީ މިފަދަ ފުރަތަމަ މުބާރާތެވެ.