ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ގައުމަށް ރީތި ނަން ހޯދައިދޭން ރައީސް އެދިވަޑައިގެންފި

Jul 19, 2022
1

ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުގައި ދިވެހިރާއްޖެއަށް ރީތި ނަން ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ ގޮތަކުން މަސައްކަތްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެތްލީޓުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ ކޮމަންވެލްތް ގޭމްސްއާއި އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި ބައިވެރިވާ ދިވެހި އެތްލީޓުންނާއި އޮފިޝަލުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ވަނީ ގައުމު ތަމްސީލްކުރަން ފުރުސަތު ލިބުމަކީ ވަރަށް މަދު ބަޔަކަށް ލިބޭނެ ނަސީބެއް ކަމަށާއި، އެއީ ވަރަށް މަތިވެރި ޝަރަފެއްކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްކުރުމަށް އެދިވަޑައިގަންނަވާފަ އެވެ.

ރާއްޖޭގެ އެތްލީޓުން ބައިނަލްއަގްވާމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހާސިލްކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި ތަމްރީނުތައް ހޯދުމަށް ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރަމުންދާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ރާއްޖޭގައި ކުޅިވަރު ކުޅެން ބޭނުންވާ ފަރާތްތަކަށް ވަކި ކުޅިވަރެއް ތަފާތުކުރުމެއް ނެތި ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރަމުން ގޮސްފައިވާ ކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެ އެވެ.

މިބައްދަލުކުރެއްވުމުގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް ވަނީ ރައީސް ސޯލިހަށް "ފޯ ދި އޯޝަންސް"ގެ ނަން ދީފައިވާ ޖާޒީ ކިޓެއް ވެދުން ކުރައްވާފަ އެވެ.

ރާއްޖޭގެ ކަނޑުތަކާއި ދިވެހިންގެ ދިރިއުޅުމާ ގުޅިފައިވާ މިންވަރު ރަމްޒުކޮށްދޭ މި ކިޓް ފަރުމާކޮށްފައިނީ ރާއްޖޭގެ ގޮނޑުދޮށްތަކުގެ ރީތިކަމާއި ފަރުތަކުގެ މުއްސަނދިކަން ދައްކުވައިދޭ ނިޝާންތަކުންނެވެ.

މިމަހުގެ 28 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހަށް އިނގިރޭސިވިލާތުގެ ބާމިންހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސްގައި ރާއްޖޭގެ 46 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ފަރާތުން ތުރުކީގެ ކޮންޔާގައި އޮގަސްޓް ނުވަވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހު ބާއްވާ ފަސްވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ 62 އެތްލީޓުންނާއި އޮފިޝަލުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.