ލިޓަސް

ފެނުގެ އަސަރުކޮށް ގެއްލުންވި ސައިކަލްތަކަށް ލިޓަސްއިން ހިލޭ ސާވިސްކޮށްދެނީ

މިއަދުގެ ވާރޭގައި ފެންބޮޑުވެ ގެއްލުންވި ސައިކަލްތަކަށް ހިލޭ ސާވިސްކޮށްދޭން ލިޓަސް އިން ނިންމައިފި އެވެ.

ރާއްޖޭގައި އެންމެ ފުޅާދާއިރާއަކަށް ސައިކަލް ވިއްކުމުގެ ވިޔަފާރިކުރާ، ލިޓަސްގެ މާކެޓިން މެނޭޖަރު، އާސިފް ރަޝީދު ވިދާޅުވީ، މިއަދު މާލޭގައި ފެން ބޮޑުވުމުގެ ސަބަބުން ފެން ވަދެ އެކި މައްސަލަތައް ދިމާވެ، ގެއްލުންވި ސައިކަލްތަކަށް ސާވިސްކޮށް ދިނުން މާދަމާ ހެނދުނު، 9:00 އިން ރޭގަނޑު 10:00 އަށް ލިޓަސްގެ ސާވިސް ސެންޓަރުގައި ކުރިއަށް ދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، އެފަދަ ސައިކަލްތައް ސާވިސްކުރުމަށް އާންމުކޮށް ނަގަމުން އަންނަ ސާވިސް ޗާޖް ނުނަގާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، ސައިކަލަށް ދިމާވެފައި ހުރި މައްސަލަ ބަލައި ފުލް ސާވިސްކޮށްދީ ސައިކަލް ދޮވެދޭނީ ހިދުމަތަށް އެއްވެސް އަގެއް ނުނަގަ އެވެ. އެހެން ނަމަވެސް، ފެން ވަދެ ލިބުނު ގެއްލުމުގެ ސަބަބުން ސައިކަލްގެ ސްޕެއާއެއް ބަދަލު ކުރަން ޖެހޭ ނަމަ، އެ ސްޕެއާއެއްގެ އަގު ކަސްޓަމަރު ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސްޕެއާއަށް އަރާވަރު އެކަނި ދައްކަވަން ޖެހޭނީ ކަސްޓަމަރު. ސްޕެއާ އަޅުވައިދިނުން، ދިމާވެފައި ހުރި މައްސަލަ ބެލުން ދެން ހުރި އެހެން ސާވިސްތަކަށް އެއްވެސް ޗާޖެއް އަޅުގަނޑުމެން ނުނަގާނެ. މުޅިން ހިލޭ އިންނާނީ،" އާސިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހިލޭ ސާވިސްކޮށްދޭން ނިންމީ، މިއަދުގެ ފެންބޮޑުވުމުގައި ގިނަ ބައެއްގެ ސައިކަލްތައް މައްސަލަ ޖެހިގެން ސާވިސް ކުރަން އަންނާތީ، ކަސްޓަމަރުންނަށް ލުޔެއް ހޯދައިދީ އެހީތެރިވުމުގެ ގޮތުން އެވެ.

މާލޭގައި މިއިން ދުވަހަކު ފެންބޮޑުނުވާ ވަރަށް ފެންބޮޑުވެ ޕާކްކޮށްފައި ހުރި ގިނަ ސައިކަލްތައް ފެންގަނޑު ތެރެއަށް ވެއްޓި ވަނީ ގެއްލުންވެފަ އެވެ.

އާސިފް ވިދާޅުވީ، ސައިކަލް ހިފައިގެން އަންނަ އިރު، ސައިކަލް ފެންގަނޑުގެ ތެރެއަށް ވެއްޓިފައި އޮތް ފޮޓޯއެއް ގެނެސްފި ނަމަ، އެފަދަ ސައިކަލްތަކަށް ސާވިސް ދިނުުމުގައި އިސްކަން ދޭނެ އެވެ.