ވިޔަފާރި

ލިޓަސްގެ މުވައްޒަފުންނަށް އެމްއައިބީގެ ހިއްސާ ގަނެދީފި

ލިޓަސްގެ މުވައްޒަފުންނަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ހިއްސާ ގަނެދީފި އެވެ.

ލިޓަސްގެ ސީނިއަ މެނޭޖަރު ސޭލްސް އެންޑް މާކެޓިން އާސިފް ރަޝީދު ވިދާޅުވީ އެ ކުންފުނީގެ ގާތްގަނޑަކަށް ހުރިހާ މުވައްޒަފުންނަށް އިސްލާމިކް ބޭންކުގެ ހިއްސާ ގަނެދީފައި ވާނެ ކަމަށެވެ.

"ބޭނުމަކީ ސްޓޮކް މާކެޓުގައި ބައިވެރި، އެކަމަށް މުވައްޒަފުންގެ ހޭލުންތެރި ކުރުވައި އަހުލުވެރި ކުރުވުން. ހިއްސާ ގަނެދިނުމުގައި އަޅުގަނޑުމެން ކުންފުނިން އަތޮޅުތަކުގެ ތެރޭގައި ތިބި މުވައްޒަފުން ވެސް ހިމަނާފައިވާނެ،" އާސިފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުވައްޒަފުންގެ ކުރިއެރުމަށް ލިޓަސް އިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ.

"ލުއި ގޮތަކަށް މުވައްޒަފުންނަށް ލޯނު ވެސް ދެން. މީގެ އިތުރުން ސޭލްސް ބޯނަސް އާއި ޕާފޯމަންސް ބޯނަސް ވެސް ލިބޭނެ،" އާސިފު ވިދާޅުވި އެވެ.

ލިޓަސް އިން ހިއްސާ ގަނެދިން މުވައްޒަފުންގެ އަދަދު 90 އަށްވުރެ ގިނަ އެވެ. އަދި އެ ކުންފުނިން ގަނެދީފައިވަނީ ކޮންމެ މުވައްޒަފަކަށް 20 ހިއްސާ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކަނީ 35ރ. އަށެވެ. މި އަގުން ބަލާނަމަ ލިޓަސްގެ ކޮންމެ މުވައްޒަފަކަށް ގަނެދިން ހިއްސާގެ އަގު 700ރ. އަށް އަރާނެ އެވެ. އެ ކުންފުނިން މުވައްޒަފުންނަށް ހިއްސާ ގަންނަން 63،000ރ. ހޭދަކޮށްފައިވެ އެވެ.

އިސްލާމިކް ބޭންކުން ވަނީ ހިއްސާ ގަތުމުގެ ފުރުސަތު ކުންފުނިތަކާއި ކައުންސިލް ތަކުގެ އިތުރުން އާއްމު ފަރުދުންނަށް ވެސް ހުޅުވާލާފަ އެވެ. އަދި އެ ކުންފުނި ވަނީ ހިއްސާ ވިއްކައިގެން 244 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބުނެފަ އެވެ.

ހިއްސާ ވިއްކަން ހުޅުވާލާއިރު ހިއްސާ ބެހިގެން ދާނީ އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ (157 މިލިއަން ރުފިޔާގެ ހިއްސާ) އާއި އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވްލޮޕްމަންޓް އޮފް ޕްރައިވެޓް ސެކްޓާގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އެވެ. އެމްއައިބީގެ ޖުމްލަ ހިއްސާގެ 31 ޕަސެންޓް ވިއްކާއިރު، ވިއްކާ ހިއްސާގެ ޖުމްލަ އަދަދަކީ 6،975،000 އެވެ.