މާލެ ސަރަހައްދުގައި މިމަހުގެ 11 ވަނަ ދުވަހު ރެކޯޑް އަދަދަކަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ރެކޯޑް އަދަދަކަށް ކަރަންޓް ބޭނުންކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ހާމަކޮށްފައި މިވަނީ މިމަހަކީ ރާއްޖެއަށް އެންމެ ހޫނުގަދަ މަސް ކަމަށްވެފައި ހޫނަށް ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފައި ވަނިކޮށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހަކީ މާލެ ސަރަހައްދުގައި މިހާތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަސް ކަމަށެވެ.
ޝަރީފް ވިދާޅުވި ގޮތުގައި އެ ދުވަހު މާލެ ސަރަހައްދުގައި 92.5 މެގަވޮޓަށް ވުރެ މަތީ އަދަދަކުން ކަރަންޓް ބޭނުންކޮށްފައިވެ އެވެ.
މާލެ ސަރަހައްދުގައި 92.5 މެގަވޮޓްގެ ކަަރަންޓް ބޭނުންކުރި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި މިހައިތަނަށް އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަހެވެ.
"ކުރިއަށް އޮތް ދެ ހަފްތާގައި އަދިވެސް [ކަރަންޓް ބޭނުންކުރާ އަދަދު] އިތުރުވުމުގެ ފުރުސަތު ބޮޑު،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން އެބަހުރި ކަމަށެވެ. ނަމަވެސް ކަރަންޓް ބޭނުންކުރާ އަދަދު އިގްތިސާދު ކުރުމަށް ޝަރީފް ވަނީ އެދިވަޑައިގެންފަ އެވެ.
މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވާ ގޮތަށް މި ދުވަސްވަރަކީ ހޫނު ގަދަ ދުވަސްވަރަކަށް ވުމުން، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށާއި، ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޓެލްކޯ އިން ވެސް މިއަދު އިލްތިމާސްކޮށްފައިވެ އެވެ.
"ހާއްސަކޮށް، ފިނި ކުރުމަށް ގެންގުޅޭ އޭސީ ފަދަ އާލާތްތަށް ބޭނުން ކުރުމުގައި އިތުރަށް ސަމާލުވެ، 25 ޑިގްރީއަށްވުރެ ދަށް ނުވާނެހެން ޓެމްޕަރޭޗަރ ބެހެއްޓުމަށާއި، އިލެކްޓްރޯނިކް އާލާތްތައް ގަންނައިރު އިންވާޓާރ އަށް އިސްކަންދިނުމަށް އިލްތިމާސް ކުރަން،" ސްޓެލްކޯ އިން ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.
މެޓް އޮފީހުން މިއަދު ކުރި ޓްވީޓެއްގައި ވަނީ މިއަދު ހެނދުނު 11:00 ޖެހިއިރު ރާއްޖޭގެ ފަސް ސަރަހައްދަކަށް ފީލްސް ލައިކް ޓެމްޕަރޭޗާ ނުވަތަ އިހްސާސް ކުރެވޭ ހޫނުމިން ހުރި ގޮތް އަންގައިދޭ ތަފްސީލްތަކެއް ހާމަކޮށްފަ އެވެ. އެކަމަކު މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އާންމު ފިނިހޫނުމިން އެވްރެޖު ގޮތެއްގައި ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މެޓް އޮފީހުގެ އިންފޯގްރެފިކްސްއަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ - 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ - 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ - 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން - 39.8 ޑިގްރީ ސެލްސިއަސް އެވެ.