ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުން ދިޔަނަމަވެސް ސްޓެލްކޯ އިން ދެމުންދާ ކަރަންޓްގެ ހިދުމަތުގެ އަގު ބޮޑު ނުކުރާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން މިއަދު ދީފި އެވެ.
ރަޝިޔާ-ޔޫކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. އެކަމާއި ގުޅިގެން ގައުމުތަކުގައި ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތަކުގެ އަގުތައް ދަނީ އުފުލެމުންނެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް މިއަދު ވިދާޅުވީ ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ސްޓެލްކޯ އިން ފޯރުކޮށްދޭ ކަރަންޓްގެ ހިދުމަތުގެ އަގު ބޮޑުނުވާނެ ކަމަށެވެ. އަދި "ފްލެޓް ރޭޓް" އެއްގައި ސްޓެލްކޯއަށް ތެޔޮ ފޯރުކޮށްދިނުމުގެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވިއެވެ.
މާލެ، ހުޅުމާލެ، ވިލިމާލެ އަދި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައިވެސް ސްޓެލްކޯއިން ކަރަންޓްގެ ހިދުމަތް ދެއެވެ. އެހެން ރަށްރަށުގައި ކަރަންޓްގެ ހިދުމަތް ދެނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
ދުނިޔޭގެ ބާޒާރަށް ތެޔޮ އެންމެ ގިނައިން ނެރޭ އެއް ގައުމުކަމަށްވާ ރަޝިއާ އިން ޔޫކްރޭނަށް އަރައި ގަނެ ހަނގުރާމަ ފެށުމާއެކު އެ ގައުމަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވޭތުވެދިޔަ ދެ ހަފުތާތެރޭގައި ތެލުގެ އަގު ވަނީ ފީފާއަކުން 20 ޑޮލަރު ވަރު ބޮޑުވެ، ސާފު ނުކުރާ ތެޔޮ ފީފާއެއް 126 ޑޮލަރަށް އުފުލިފަ އެވެ. މިއީ 2008 ވަނަ އަހަރަށްފަހު ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު މި ވަރަށް މަތިވި ފުރަތަމަ ފަހަރެވެ.
ތެޔޮ އުފައްދާ އޯޕެކްގެ މެންބަރު ގައުމެއް ކަމަށްވާ ޔޫއޭ އިން އިތުރު ތެޔޮ ބާޒާރަށް ޕަންޕު ކުރަން ފެށުމާއެކު ތެލުގެ އަގަށް ކުޑަކުޑަ ހެޔޮ ބަދަލެއް އައެވެ. ތަޖުރިބާކާރުން ގަބޫލު ކުރައްވާ ގޮތުގައި ދުނިޔޭގެ ބާޒާރުގައި މިހާރު މަތިވެފައިވާ ތެލުގެ އަގު 110 ޑޮލަރަށް ވެއްޓުނުނަމަވެސް މި އަގުގައި ހިފެއްޓި ދާނެ ކަމާމެދު ޝައްކު އުފެދެ އެވެ. ސަބަބަކީ ކޮވިޑަށްފަހު ދުނިޔޭގެ އިކޮނޮމީ އަލުން އިޔާދަވަމުންދާއިރު ތެލަށް އޮތް ޑިމާންޑު މަތިވެފައިވުމެވެ. އެހެންވެ މިހާރަށްވުރެ ތެލުގެ އަގު ދަށް ކުރާނަމަ އޯޕެކުގެ ގިނަ ގައުމު ތަކުން ތެޔޮ އުފައްދާ މިންވަރު މަތި ކުރަން ޖެހެ އެވެ. ނަމަވެސް އޯޕެކުގެ ނަގާކިޔާ ސައޫދީ އަރަބިއްޔާ ފަދަ ތެލުގެ މުއްސަނދި ގައުމު ތަކުން އެގޮތަށް އެއްބަހެއްނުވެ އެވެ.