ސަރުކާރުން ދޭ ސަބްސިޑީއަށް ބަރޯސާވުމުގެ ބަދަލުގައި ސްޓެލްކޯ އަށް ލިބޭ އާމްދަނީ އަކުން ހިދުމަތްތަކުގެ އަގު ހެޔޮކުރުމުގެ ނިޒާމެއް ގާއިމުކުރާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ޝަރީފް މިހެން ވިދާޅުވީ ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ސްޓެލްކޯ އިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކުރުމަށް ސަރުކާރުން އެ ކުންފުންޏަށް ކޮންމެ މަހަކުވެސް ސަބްސިޑީގެ ގޮތުގައި ބޮޑު ހަރަދެއް ކުރެ އެވެ.
ސަރުކާރުން ދޭ ސަބްސިޑީއަށް އިޝާރާތް ކުރައްވާ ޝަރީފް ވިދާޅުވީ މުސްތަގުބަލްގައި އެކުންފުނީގެ މިސްރާބް ބަދަލުކޮށްލަން ބޭނުންވަނީ ސަރުކާރުން ދޭ ސަބްސިޑީއަށް ބަރޯސާވެގެން ހިދުމަތްތަކުގެ އަގު ހެޔޮކުރުމުގެ ބަދަލުގައި އިތުރު ވިޔަފާރިތަކަށް ވަދެ އިތުރު އާމްދަނީ ހޯދައިގެން ކުންފުންޏަށް ލިބޭ އާމްދަނީ އަކުން ކަމަށެވެ.
"އަމިއްލަ އާމްދަނީ ހޯދަައިގެން އެ އަގު ސަބްސިޑައިޒް ކުރާނަން އިރާދަކުރެއްވިއްޔާ. ކުރިމަގުގައި ސްޓެލްކޯގެ ވިޔަފާރި އެހެން ދިމާލަކަށް މިސްރާބު ޖަހައި އެހެން ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން އަޅުގަނޑުމެން ދޭ ހިދުމަތްތައް ސަބްސިޑައިޒް ކުރެވޭނެ ގޮތްތަށް އިރާދަކުރެއްވިއްޔާ ހޯދާނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކުރަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ސްޓެލްކޯ އިން މިހާރުވެސް ބައެއް ހިދުމަތްތައް ދެނީ ގެއްލުމުގައި ކަމަށާއި ނަމަވެސް އެ ގެއްލުން ފޫބައްދަމުން ދަނީ އެކި ގޮތްގޮތުން ކުންފުންޏަށް ލިބޭ އާމްދަނީ އަކުން ކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފަ އެވެ.
ސްޓެލްކޯ އިން ނުދޭ ހިދުމަތަކަށް އެ ކުންފުނީގެ އެއްވެސް ކަސްޓަމަރެއްގެ އަތުން ފައިސާ ނުނަގާނެ ކަމުގެ ޔަގީންކަން ވެސް ޝަރީފް ވަނީ ދެއްވާފަ އެެވެ.
ޝަރީފް ވިދާޅުވީ ކުންފުނީގެ ހިންގުމަށް ބަދަލު ގެނެސް އަދި އާ ވިޔަފާރިތަކަށް ވަދެ އާމްދަނީ އިތުރުކުރުމުގެ މަސައްކަތްތަކެއް ކުންފުނިން ކުރަމުންދާ ކަމަށާއި ސްޓެލްކޯގެ ހުރިހާ މުވައްޒަފުން ގުޅިގެން އެ މަސައްކަތް ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޝަރީފް އިތުރަށް ވިދާޅުވީ ސްޓެލްކޯ އިން ރައްޔިތުން އިތުބާރު މިހާރަށް ވުރެ ބޮޑަށް ހޯދަންޖެހޭ ކަމަށެވެ. އެމަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަންވެސް ޝަރީފް ދެއްވެވި އެވެ.