ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރޭ އަލިމަސްޔޫބީލް ފާހަގަކުރުމާއި ނޫސްވެރިންނަށް މޯލްޑިސް މީޑިއާ ކައުންސިލް، އެމްއެމްސީއިން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމް އަންނަ އަންގާރަ ދުވަހުގެ ރޭ ދިނުމަށް ހަމަޖެހިއްޖެ އެވެ.
އެމްއެމްސީއިން ނޫސްވެރިކަމުގެ އިނާމް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ކޮންމެ އަހަރަކު އެ އިނާމް އަންނަނީ ދެމުންނެވެ.
އަންގާރަ ދުވަހުގެ ރޭ ބާއްވާ އިނާމް ދިނުމުގެ ހަފުލާގައި އަށް ދާއިރާއަކުން ނޫސްވެރިންނަށް އިނާމް ދިނުމަށް ހަމެޖެހިފައިވެ އެވެ. އެއީ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔާފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ އަދި ވީޑިއޯ ޖާނަލަޒިމްގެ ދާއިރާ އަދި ފީޗާ ލިއުމުގެ ދާއިރާ އެވެ.
މި އަށް ދާއިރާގެ އިތުރުން ލައިފްޓައިމް އެޗީވްމަންޓް އިނާމާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމް ވެސް ދިނުމަށް ވަނީ ނިންމާފަ އެވެ.
ނޫސްވެރިކަމުގެ އިނާމު މިއަހަރު ދޭން ނިންމާފައިވަނީ ހުރިހާ އިނާމެއް އެއް އުސޫލެއްގެ ދަށުންނެވެ. އެގޮތަށް އަމަލުކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. މީގެ ކުރިން ނޫސްވެރިކަމުގެ އިނާމް ދެމުން އައީ ކޮންމެ އަހަރަކަށް ވެސް ވަކި ގަވައިދެއް ހަދައިގެންނެވެ. އާ އުސޫލު އެކުލަވައިލީ އެގޮތަށް އެކަން ކުރުމުގައި ދަތިތަކެއް ހުރުން ކަމަށް އެމްއެމްސީއިން ބުނެފައިވެ އެވެ.
އިނާމްގެ އިތުރުން ނޫސްވެރިކަމަށް 75 އަހަރު ފުރުމާ ގުޅިގެން "އަލި މަސް ޝަރަފު ގަލަން" އާއި "އަލިމަސް ގަލަން" އަދި "ރަން ގަލަން" ދިނުމަށް ނިންމާފައިވެ އެވެ. ރާއްޖޭގެ ނޫސްވެރިކަން ފެށުނު ދުވަސް ކަމުގައި ބަލަނީ ރާއްޖޭގެ ފުރަތަމަ ނޫސް ކަމަށްވާ "ސަރުކާރުގެ ހަބަރު" ނެރެން ފެށި ދުވަހެވެ. އެ ދުވަހަކީ 1943 ވަނަ އަހަރުގެ ޖޫން މަހުގެ ފަސްވަނަ ދުވަހެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރު ފުރުން ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފާހަގަކޮށް "ރަން ގަލަން" އަދި "ރިހި ގަލަން" ދެއްވާފައިވެ އެވެ.