މީހުން

ބާކީ ކޮށްލި މި ހުނަރުވެރިޔާއަށް އެންމެންގެ ސަމާލުކަން

މާފަންނު ކޮޅުގައި ވަރަށް އާދައިގެގޮތަކަށް ހުރި އެގެއަށް ވަދެގެން ދިޔައިރު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ، ހަތަރު ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ލޯގަނޑުތަކެވެ. އެ ލޯގަނޑުތަކުގައި ފްރޭމްކޮށްފައި ހުރީ، ރިބަނާއި ބަރަނިން ވިޔެ ކުލަ ޖައްސާފައިވާ ހިތްގައިމު މަންޒަރުތަކެވެ. ހަމަ ޔަގީނުން ވެސް މިއީ، އާދައިގެ އާޓިސްޓެއްގެ ފަންނުވެރިކަމެއް ނޫނެވެ. އަހަންނަށް މިހާރު ވަދެވިފައި މި ހުރީ، އިންސްޓަގްރާމުގައި އެންމެން ދަންނަ، އަބުޑީ މޯލްޑިވްސް، އަސްލު ނަމުން ނަމަ އައިމިނަތު ޝިހާނާގެ އާޓްގެ ދުނިޔެއަށެވެ.

ޝިހާނާގެ އެކުޑަކުޑަ ދުނިޔޭގައި ނެތް ކުލައެއް ފަންނުވެރިކަމެއް ނެތެވެ. "މިހިރީ ހުސް ކަރުދާހުން ހަދާފައި،" ފްރޭމްކޮށްފައި ހުރި ނަލަ މާ ބަގީޗާއެއްގެ މަންޒަރު ދައްކާލަމުން ޝިހާނާ ބުންޏެވެ. "މިއީ އެންމެ ގިނަ ދުވަހުން ކުރެވުނު މަސައްކަތް،"

އެ ފްރޭމުން އެކަނި ފެންނަ މާ ބަގީޗާގެ ސިފަ ގެންނަން އޭނާ ވަނީ ކަރުދާހުގެ އިތުރަށް، ސާގާއި، އެކި ވައްތަރުގެ މާ މެލާ މެލީގެ އޮށް ބޭނުންކޮށްފަ އެވެ. އެކަމަކު ބަލާ ބެލުމަށް އެއީ ފިއްސަކުން ކުރަހައި ކުލަ ޖައްސާފައި ހުރި ކުރެހުމެކެވެ. ފަށުވީގެ މަސައްކަތުން ފަށައިގެން ގޮސް، ރިބަނުގެ މަސައްކަތްތަކާއި "ކުއިލިން" ނުވަތަ ކަރުދާސް އޮޅައިގެން ކުރާ މަސައްކަތްތަކަކީ، މި ފަންނުވެރިޔާގެ ތަފާތެވެ.

" އެންމެ ފުރަތަމަ 2013ގައި މާލޭގައި ބޭއްވި ކޯހެއްގައި ބައިވެރިވީ. އެއީ ސަރަނގު ސަމީމާ ހިންގި ކޯހެއް. އަހަންނަކީ އެ ކޯހުން ކިޔެވި އެންމެ ފަހުގެ ކުދިންގެތެރެއިން ކުއްޖެއް. އެއަށްފަހު 2015 ގައި ލަންކާއިން ކިޔެވިން. އަދި ލަންކާއިން 2016ގައި ކްރޮސް ސްޓިޗްގެ އެހެން ކޯހެއް ހަދާ އެ މަސައްކަތްވެސް ދަސްކުރިން،" އާޓްގެ ދުނިޔެއަށް ޝިހާނާގެ ހިތް ދޫވި ގޮތް އޭނާ ކިޔައިދިނެވެ.

ސަރަގު ސަމީމާގެ މާޖަހަން ދަސްކޮށްދޭ ކޯހުން ފެށުނު ހުނަރުވެރިކަން އޭނާ ވަނީ މިހާރު އެހެން ހަރުފަތަކަށް ގެންގޮސްފަ އެވެ. އާޓްގެ ދުނިޔޭގެ މުޅިން ތަފާތު، ޒާތެއްގެ ހުނަރުވެރިކަމެއް އޭނާ ދަސްކޮށްފި އެވެ. ގޭތެރެ ޒީނަތްތެރި ކުރަން ބޭނުން ކުރާ ތަފާތު އެއްޗިހި ޑިޒައިންކޮށް އެ ޑިޒައިންތަކުގައި ކުލަ ޖައްސަން އޭނާ ވަނީ ފަށައިފަ އެވެ. އޭނާ މިފަހުން ތައްޔާރުކުރި ކޮޓަރީގައި ހަރުކުރާ ލޯގަނޑުތަކަށް އެންމެންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

"ވަރަށް ގިނަ ބަޔަކު އެކަހަލަ ލޯގަނޑުތައް ބޭނުން ވެގެން އޯޑަރު ކުރި،" އޭނާ ތައްޔާރުކުރާ ތަކެއްޗަށް މީހުން ބަލައިގަންނާތީ، އެކަމާ އުފަލުން ހުރެ ޝިހާނާ ބުންޏެވެ.

މި އެއްޗިހި ވިއްކަން ބެހެއްޓޭތޯ މާލޭގައި ހުރި ގެސްޓް ޝޮޕްތަކާއި މާ ވިއްކާ ފިހާރަތަކަށް ދިޔައިން. ކަންފަތުލާ މުދި ޑިޒައިންކޮށް އެ ތައްޔާރުކޮށްގެން ވެސް ފިހާރަތަކަށް ދިޔައިން ވިއްކަން ބަހައްޓާތޯ! އެކަމަކު އެކަމަށް އެއްވެސް ބަޔަކު އެއްބަހެއްނުވި. އެ ހިސާބުން ހިތައް އެރި މަސައްކަތް ދޫކޮށްލާނީއޭ ވެސް
އައިމިނަތު ޝިހާނާ - އަބުޑީ މޯލްޑިވްސް

މިއަދު އޭނާ ކިތަންމެ އުފަލުން ހުއްޓަސް، ޝިހާނާގެ ފެށުމަކީ މާޔޫސްކަމެވެ. މީގެ ދެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ
ތަފާތު ހުނަރާ އެކު އިންސްޓަގްރާމަށް ފުންމާލަން މަޖުބޫރުވީ އޭނާގެ ބުރަ، ކަވި މަސައްކަތް ބަޔަކު ބަލައި ނުގަނެ މަގުމަތިވީމަ އެވެ. އެތައް ދުވަހެއް ހޭދަކޮށް ކަރުދާހާއި ބަރަނިން އޭނާ ތައްޔާރުކުރި ނަލަ މަންޒަރުތައް ވިއްކަން ބެހެއްޓޭތޯ މާލޭގައި ހުރި ގެސްޓް ޝޮޕްތަކާއި އެހެން ވެސް ބައެއް ފިހާރަތަކަށް ދިޔަ އެވެ. ކަންފަތުލާ މުދި ޑިޒައިންކޮށް އެ ތައްޔާރުކޮށްގެން ވެސް އޭނާ ނުހިނގާ ފިހާރައެއް ނެތެވެ. އެކަމަކު، އޭނާގެ ހުނަރު ބަލައިގަނެ އޭނާގެ ހުނަރަށް ޖާގަދޭނެ ފިހާރައެއް ޝިހާނާއަކަށް ނުފެނުނެވެ.

"ވަރަށް މާޔޫސްވި އަސްލު އެ ހިސާބުން! އެކަމަކު އާއިލާ މީހުންނާ، ގާތް ރައްޓެހިން، ލޯބިވާ ފިރިމީހާ އަދި ދަރިފުޅުވެސް ހިތްވަރު ދިނީ. މި އެންމެންގެ އެހީގައި މި މަސައްކަތްތަކުން މުޅިން ދުރަށް ނުދެވުނީ،" ޝިހާނާ ބުންޏެވެ.

މި އާޓިސްޓްގެ ހުރިހާ މާޔޫސްކަމެއް ފިލައިގެން ދިޔައީ އިންސްޓަގްރާމްގައި އޭނާގެ ފަންނުވެރިކަމަށް ލިބެން ފެށި ހިތްވަރުން އެވެ. އޭނާ ތައްޔާރު ކުރާ ތަކެތި ގަންނަން މެސެޖްތައް އޮހެން ފެށީ އެވެ. މަސައްކަތަށް ތައުރީފްކޮށް ހިތްވަރާއި ސާބަސް
އޭނާއަށް އޮހެން ފެށީ އެވެ. އޭނާގެ ހުނަރު ގަބޫލު ނުކުރިޔަސް މިއަދު އެ ހުނަރަށް އާ ބަސްބުނާނެ ބަޔަކު އޭނާއަށް ލިބިއްޖެ އެވެ.

"އިންސްޓަގްރާމް މެދުވެރިކޮށް ވަރަށް އޯޑަރުތައް ލިބެން ފަށައިފި މިހާރު،" އުންމީދުގައި ޝިހާނާ ބުންޏެވެ.

އޭނާއަށް ދަސްވެފައި މި އޮތް މަސައްކަތް، ފޮރުވައިގެން ހުންނާކަށް އޭނާ ބޭނުން ނުވެ އެވެ. އޭނާ ބޭނުން ވަނީ، މި މަސައްކަތް ގިނަ ބަޔަކަށް ބުނެދޭށެވެ. ޝިހާނާ ކަހަލަ އެތައް ބަޔަކު އުފެދުން އެއީ އޭނާ ދެކޭ ހުވަފެނެކެވެ. އެ އަޒުމުގައި އޭނާ ވަނީ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންނަށް ހާއްސަ ކްލާސްތަކެއް ހިންގައިފަ އެވެ. އެ ކުދިންނަށް އޭނާ ދަސްކޮށްދިނީ، ކަރުދާސް އޮޅައިގެން ތަފާތު މަންޒަރުތައް ތައްޔާރުކުރާށެވެ. ޝިހާނާ ބޭނުން ވަނީ އޭނާގެ މަސައްކަތް އަބަދުވެސް ކޮންމެވެސް ބަޔަކަށް ހަދިޔާކުރާށެވެ.

"އެކި ކަހަލަ އެއްޗިހި އުފައްދައިގެން ވިޔަސް އަހަރެން ބޭނުންވޭ އަބުޑީގެ ކޮންމެވެސް މަސައްކަތެއް އެހެން މީހަކަށް ދޭން. އަހަރެން އުފެއްދުންތައް ކުރިއަށް އޮތްތާ ރާއްޖޭން ބޭރަށް ފޮނުވިޔަސް ރާއްޖޭގެ އެއްޗެއްކަން އެނގެން ބޭނުންވާތީ ނަމުގެ ފަހަތައް މޯލްޑީވްސް ޖެހީ. މުޅި ރާއްޖެވެސް ފަހުރުވެރި ވާނެ ވަރުގެ ބްރޭންޑަކަށް ހަދަން ބޭނުން،" ޝިހާނާ ބުންޏެވެ.

އޭނާގެ ކޮންމެ މަސައްކަތަކީ ވެސް ލޯބިން ތައްޔާރުކޮށް، ލޯބިން ހަދިޔާ ކުރަން ބޭނުންވާ މަސައްކަތްތަކެވެ. އަބުޑީ އަކީ ގެއްލިފައި ހުރި ފިސާރި ހުނަރުވެރިއެކެވެ.